Support Us

އިންތިހާ ދަރަޖައިގެ ފަޤީރުކަމުގައި 333 މިލއަން ކުޑަކުދީން

ކުޑަކުދީންނާބެހޭ އދ ގެ ޖަމްޢިއްޔާ (ޔުނިސެފް) އިންނާއި ދުނިޔޭގެ ބޭންކުން މިއަދު ނެރުނު ރިޕޯޓެއް ބުނާގޮތުގައި ފަޤީރުކަމުގެ އިންތިހާ ދަރަޖައިގައި މިއަދު 333 މިލިޔަން ކުޑަކުދީން އެބައުޅެއެވެ. 

މި ރިޕޯޓު ބުނާގޮތުގައި ދުނިޔޭގައި އުޅޭ ކޮންމެ ހަ ކުދީންގެ ތެރެއިން އެއް ކުއްޖަކީ ދުވާލަކު 2.15 ޑޮލަރު ނުލިބޭ ކުއްޖެކެވެ. ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ދުނިޔޭގައި ފަޤީރުކަން އިންތިހާއަށް މައްޗަށް ދިޔައީ ކޮރޯނާ ވަބާގެ ސަބަބުންނާއި  މޫސުމަށް އަންނަމުންދާ ނައްސި ބަދަލުތަކުގެ ސަބަބުންނެވެ. 

ޔުނިސެފްގެ ތަންފީޒީ ޑިރެކްޓަރު ކެތުރިން ރަސަލް  ވިދާޅުވާ ގޮތުގައި މަސްއަލަ އިންތިހާއަށް ނުބައިވީ ކޮވިޑް19ގެ ސަބަބުންނާއި މޫސުމަށް އަންނަމުންދާ ނައްސި ބަދަލުތަކުގެ ސަބަބުންނާއި ދުނިޔޭގެ އިޤްތިޞާދީ ތަރައްޤީގެ ދުވެއްޔަށް ހުއްޓުން އައުމުގެ ސަބަބުންނެވެ. މި ކަމުގެ ސަބަބުން އެތައް މިލިޔަން ކުޑަކުދީންނެއް ވަނީ އިންތިހާ ދަރަޖައިގެ ފަޤީރުކަމުގެ ތެރެއަށް ވެއްޓިގެން ގޮސްފައެވެ. މިއީ އދ އިން 2030 ގައި ވާޞިލުވާން އެދޭ އިންތިހާ ދަރަޖައިގެ ފަޤީރުކަން ނައްތައިލުމުގެ ލަޑުދަނޑިއަށް ވާޞިލުވުމަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ. 

ދުނިޔޭގެ ބޭންކުގެ ފަޤީރުކަމާއި ހަމަހަމަކަމާ ބެހޭ ބައިނަލްއަޤްވާމީ ޑިރެކްޓަރު ލުވިސް ފިލިޕް ލޮޕޭޒް ކަލްވާ ވިދާޅުވިއެވެ. "ދުނިޔޭގައި އިންތިހާ ދަރަޖައިގެ ފަޤީރުކަމުގެ ތެރެއަށް ވެއްޓިފައިވާ 333 މިލިޔަން ކުޑަ ކުދީން އުޅުމަކީ ހަމައެކަނި އަސާސީ މުހްތާދުތަކުން މަޙްރޫމުވެފައިވާ ބަޔަކު ތިބުމެއްނޫނެވެ. މީގެއިތުރަށް އެއީ އުންމީދާއި ކަރާމަތާއި ފުރުޞަތު ގެއްލިފައިވާ ބަޔަކު ތިބުމެވެ. މިއީ ކުޑަކުޑަ ކަމެއް ނޫނެވެ." 

މި ރިޕޯޓު ޚުލާޞާކޮށް ބުނާގޮތުގައި މި ކުދީންގެ ތެރެއިން 40% ކުދިން ތިބީ ޞަޙަރާގެ ދެކުނުގައި އެފްރިކާ ބަރޫދުގައެވެ. 

މިކަމުގެ ބަހާތަކަކީ ހިސާބަށްވުރެ އަވަހަށް އާބާދީ އިތުރުވަމުން ދިޔުމާއި ކޮވިޑާއި މޫސުމާ ގުޅޭ ކާރިސާތައް ކަމަށް މި ރިޕޯޓު ބުނެއެވެ. މި ރިޕޯޓު ބުނާގޮތުގައި ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ފަޤީރުކަން ވަނީ ކުޑަވާން ފަށައިފައެވެ. 

ދުނިޔޭގެ ބޭންކާއި ޔުނިސެފުން މި ރިޕޯޓުގައި، ކުޑަކުދީންގެ މެދުގައި ފެތުރެމުންދާ ފަޤީރުކަން ކުޑަކުރުމަށް މަސައްކަތްކުރުމަށް ދުނިޔޭގެ ޤައުމުތަކަށް ގޮވައިލައިފައި ވެއެވެ. ކުޑަކުދީންނަށް އެހީވުމުގެ ޕޮރޮގްރާމުތައް އިތުރުކުރުމަށް ވެސް ގޮވައިލައިފައި ވެއެވެ. ރަސަލް ވިދާޅުވިއެވެ. "އެ ކުޑަކުދީންކޮޅު ނިކަމެތިކޮށެއް ނުލެވޭނެއެވެ. ކުޑަކުދީންގެ ތެރޭގައި ފަޤީރުކަން ފެތުރެމުންދާ ފެތުރުމަކީ ސިޔާސަތުތަކާ ގުޅިފައިވާ ކަމެކެވެ."

ހުޅަނގު އޭޝިޔާއާ ބެހޭ އދގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކޮމެޓީ (އެސްކޯ) އިން ނެރުނު ރިޕޯޓެއް ބުނާގޮތުގައި އެހެން އަހަރުތަކާ އަޅައިބަލާއިރު 2022 ގައި އަރަބި ސަރަޙައްދުގައި ފަޤީރުކަން ވަނީ އިތުރުވެފައެވެ. ލީބިޔާއާއި ގަލްފުގެ ޢަރަބި ޤައުމުތައް ފިޔަވާ އެހެން ޤައުމުތަކުގައި 130 މިލިޔަން ފަޤީރުން އެބަ ތިއްބެވެ. މިއީ އަރަބި ދުނިޔޭގެ މުޅި އާބާދީގެ ތިންބައިކުޅަ އެއްބައެވެ. މި ކޮމެޓީން ލަފާކުރާގޮތުގައި މި ޢަދަދު މިއަހަރު ވެސް ދާނީ އިތުރުވަމުންނެވެ. އަދި 2024 ގައި މި ޢަދަދު 36% އަށް އިތުރުވާނެއެވެ. މި ކޮމެޓީ ބުނާގޮތުގައި ސޫރިޔާގެ ރައްޔިތުންގެ 90% މީހުން ދިރިއުޅެނީ ފަޤީރުކަމުގެ އިންވަކިކުރާ ރޮނގަށްވުރެ ދަށުގައެވެ. މި ޤައުމުގެ އިޤްތިޞާދު ވަނީ ޚަރާބުވެފައެވެ. ބިނާރުތައް ވަނީ ފުނޑުފުނޑުވެފައެވެ. ގިނަ ބަޔެއްގެ ބޯހިޔާވަހިކަން ވަނީ ނެތިފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *