Support Us

ޢާލަމީ ބާރެއްގެ ގޮތުގައި ޗައިނާ ވުމަށް ހުޅަނގުން ހުރަސްއަޅާތީ ޕޫޓިން ފާޑުވިދާޅުވެއްޖެ

ދުނިޔޭގައި އިޤްތިޞާދީ ބޮޑު ބާރެއްގެ ގޮތުގައި ޗައިނާ ކުރިއަރަމުންދާ ދިޔުމާ ދެކޮޅު ހެދުމަށް ހުޅަނގުން ކުރާ މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ރޫސީ ރައީސް ޕޫޓިން ވިދާޅުވެ ހުޅަނގަށް ފާޑުވިދާޅުވެއްޖެއެވެ.

ރަޝިޔާގެ އެންމެ އިރުމަތީ ސަހަރެއް ކަމުގައިވާ ވްލާޑިވޮސްޓޮކްގައި އިޤްތިޞާދީ ސިންތާ ހުޅުއްވާ ދެއްވަމުން ރައީސް ޕޫޓިން ވިދާޅުވިގޮތުގައި ޗައިނާއާއި ރަޝިޔާއާ ދެމެދުގައިވާ އަމްނާއި ދިފާޢާބެހޭ ގުޅުންތައް ތަރައްޤީވަމުން ދަނީ ވަރަށް އީޖާބީކޮށް ފައްސިކޮށްނެވެ.

ރައީސް ޕޫޓިން ވިދާޅުވިއެވެ. "އަހުރެމެންގެ ރަޙްމަތްތެރި ރައީސް ޝީގެ ޒަޢާމަތުގެ ދަށުގައި މިއަދު ޗައިނާ ކުރިއަރަމުންދާ ދިޔުން ހުއްޓުވޭތޯ  ހުޅަނގުން ގަދައަޅައި މަސައްކަތް ކުރެއެވެ. މި ކުރިއެރުން ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަރަމުންދާތީ ހުޅަނގަށް ވަނީ ވަރަށް ބޮޑަށް ސިހުންލިބިފައެވެ. އެކަން އެމީހުންނަކަށް ނުހުއްޓުވޭނެއެވެ."

ޕޫޓިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މި ކުރިއެރުމުގެ ދުވެލި މަޑުކުރެވޭތޯ ހުޅަނގުން ހުރިހާ ބާރެއްލައިފައި ދަނީ މަސައްކަތް ކުރަމުންނެވެ. އެހެނަސް އެ ކަމެއް ނުކުރެވޭނެއެވެ. ވަގުތު ފާއިތުވެއްޖެއެވެ." 

މޮސްކޯ– ބޭޖިންގ ގުޅުން

ރޫސީ ޗައިނާ ގުޅުމާ ބެހޭގޮތުން ރައީސް ޕޫޓިން ވިދާޅުވިއެވެ. "އެއީ އެކަމާމެދު ދުޝްމަނުން ޙައިރާންވާ ފަދަ ބަދަހި ގުޅުމެކެވެ. ބައިނަލްއަޤްވާމީ އަމްނާ ބެހޭ މައިދާނުގައި އަހުރެމެންގެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމަކީ ވަރަށް އިސް ގުޅުމެކެވެ. އެހެނަސް ޕޫޓިން ހާމަކުރެއްވި ގޮތުގައި އެއީ ޢަސްކަރީ މައިދާނުގައި އޮތް އެއްބާރުލުމެއްނޫނެވެ."

ރަޝިޔާގައި ބާއްވަމުންދާ މި ސިންތާގައި ބައިވެރިވުމަށް ޓަކައި ޗައިނާއިން ފޮނުވި ވަފްދުގެ ރައީސަކީ ޗައިނާގެ ބޮޑުވަޒީރު ޗަންގ ގޫ ޗިންގެވެ. މި ބައްދަލުވުމުގެ ހަވާސާގައި ރައީސް ޕޫޓިން އޭނާއާ ބައްދަލު ކުރެއްވިއެވެ. އޭނާ ރައީސް ޕޫޓިނަށް ދެންނެވިއެވެ. "އަޅުގަނޑުމެން މި ތިބީ ތަރައްޤީގެ ފުރްޞަތުތައް ޙިއްސާކުރުމަށް ތައްޔާރުވެގެންނެވެ. ދެ ފަރާތަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުމަށް އަތުކުރި އޮޅައިލައިގެންނެވެ." 

ރޮއިޓަރޒް ބުނާގޮތުގައި ރަޝިޔާއިން އިސްކަންދީފައިވަނީ ވިޔަފާރިއާއި ހަކަތަޔާއި ޢަސްކަރީ މައިދާނުގައި ޗައިނާއާއެކު ގުޅުންތައް ފުޅައުކޮށް ވަރުގަދަކުރުމަށެވެ. މި ކަމުގެ ސަބަބުން ހުޅަނގު ވަނީ ޗައިނާމެދު ހިތްހަމަނުޖެހިފައެވެ. 

ކްރެމްލިންގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު ޔޫރީ އޮޝަކޯވް މި ދިޔަ ޖުލައިމަހު ހާމަކުރެއްވި ގޮތުގައި ރައީސް ޕޫޓިން މި އަންނަ އޮކްޓޯބަރުމަހު ޗައިނާއަށް ދަތުރުފުޅެއް ކުރައްވާނެއެވެ. އެއީ ޗައިނާގެ "ކަމަރާއި މަގު" މަޝްރޫޢުގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައެވެ. ރައީސް ޝީ މި ދިޔަ މާރިޗު މަހު ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރައީސް ޕޫޓިނަށް ދަޢުވަތު އަރުއްވައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *