...

Support Us

ޖަމާޢަތް 20ގެ ސަމިޓުގައި އެއްގަލަކަށް އެރުނު؟

އިންޑިޔާގެ ވެރިރަށް ނިވް ދިއްލީގައި ބޭއްވި ޖަމާޢަތް 20ގެ ސަމިޓް މިއަދު ނިމިގެން ދިޔައީ މި ޖަމާޢަތުގެ ރިޔާސަތު އިންޑިޔާއިން ބްރެޒީލާ ޙަވާލުކުރުމުންނެވެ. މި ސަމިޓުގެ އިޢުލާނަށް އެމެރިކާއާއި ރަޝިޔާއިން ވެސް ތާރީފުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. ޔުކްރޭން ހަނގުރާމައާ ބެހޭގޮތުން މި އިޢުލާނުގައި ރަޝިޔާއާ ދެކޮޅަށް ފާޑުކިޔައިފައެއް ނުވެއެވެ. އެހެނަސް މެންބަރު ޤައުމުތަކުން ބާރުގެ ބޭނުންކުރުމާ ދުރުހެލިވުމަށް ގޮވައިލައިފައި ވެއެވެ. 

މި ސަމިޓްގެ ނިންމުންތައް ތަންފީޒު ކުރަމުންދާ ގޮތް ބެލުމަށާއި ލަޑުދަނޑިތަކަށް ޢަމަލުކުރެވެމުންދާގޮތް ބެލުމަށް ޓަކައި މި އަންނަ ނޮވެންބަރުމަހު މި ޖަމާޢަތުގެ ސަމިޓެއް ދާދިވަރުކޮށް ބޭއްވުމަށް އިންޑިޔާގެ ބޮޑުވަޒީރު މޯދީ ގޮވައިލެއްވިއެވެ.

ސަމިޓްގެ އިޢުލާނުގައި އައިސްފައި ވެއެވެ. "ހުށައެޅުނުހުށައެޅުންތައް ތަންފީޒުކުރުން އަވަސްކުރުމަށް ޓަކައި ފިޔަވަޅުތައް އެޅެމުންދާގޮތް ބެލުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެކެވެ." 

ސަމިޓްގެ ބައިވެރިން ނެރުއްވި އިޢުލާނުގައި ޔުކްރޭން ހަނގުރާމައިގެ މަސްއަލައިގައި ރަޝިޔާއާ ދެކޮޅަށް ފާޑުކިޔައިފައެއް ނުވެއެވެ. އެހެނަސް މި އަރާރުމުގެ ސަބަބުން އިންސާނިއްޔަތާ ކުރިމަތިވެފައިވާ ބުރަތަކަށް މި އިޢުލާނުގައި އަލި އަޅުވައިލައިފާ ވެއެވެ. އަދި މި އިޢުލާނުގައި ބިންތަކަށް ވެރިވެގަތުމަށް ބާރުގެ ބޭނުންކުރުމާ ދުރުހެލިވުމަށް ހުރިހާ ޤައުމުތަކަކަށް ގޮވައިލައިފާ ވެއެވެ.

ހުރިހާ ޤައުމުތަކެއް އެއްބަސްވާ އިޢުލާނެއް ނެރެވުނީތީ ހުރިހާ މެންބަރުން ވެސް  ހިތްހަމަޖެހުން ފާޅުކުރިއެވެ. ސަމިޓް ފެށުމުގެ  ކުރިން ހުޅަނގުން ފައިނަގައިފައި ވަނީ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިޔާ ކުށްވެރިކުރުމަށެވެ. އެހެނަސް ރަޝިޔާއިން އެ ޤައުމުގެ ސިޔާސަތާ ދެކޮޅަށް ފާސްކުރެވޭ ކޮންމެ ޤަރާރަކަށް ހުރަސްއަޅާނެ ކަމަށް ބުނެ ދެކޮޅު ހެދުމުން ދޭތެރެމެދުގެ ޙައްލަކަށް އެންމެން އައީއެވެ.

ރަޝިޔާ ވަފްދުގެ ރައީސް އެ ޤައުމުގެ ޚާރިޖީ ވަޒީރު ލެވްރޯވް ފާހަގަ ކުރެއްވިގޮތުގައި މި ސަމިޓަކީ އިންޑިޔާއަށާއި ތަރައްޤީވުމަށް މަސައްކަތްކުރާ ޤައުމުތަކަށާއި ދުނިޔޭގެ ދެކުނުގެ ޤައުމުތަކަށް ކާމިޔާބު ލިބުނު ސަމިޓެކެވެ. ލެވްރޯވް ނޫސްވެރީންނާ ބައްދަލުކުރައްވަމުން ވިދާޅުވިގޮތުގައި ޖަމާޢަތް 20 ގެ ސަމިޓްގެ އެޖެންޑާއަށް ޔުކްރޭނުގެ މަސްއަލަ ގެންނަން ކުރެވުނު މަސައްކަތްތަކަށް ދުނިޔޭގެ ދެކުނުގެ ޤައުމުތަކުން ވަނީ ނޫނެކޭ ބުނެ އެކަމަށް ހުރަސްއަޅައިފައެވެ. 

ލެވްރޯވް ވިދާޅުވިއެވެ. "އިންޑިޔާއިން ޖަމާޢަތް 20ގައި ހިމެނޭ ދުނިޔޭގެ ދެކުނު ޤައުމުތައް އެއްބައިވަންތަ ކުރުވައިފައި ވެއެވެ."  

އެމެރިކާގެ ވައިޓްހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން ވިދާޅުވިގޮތުގައި ސަމިޓުން ކުރި އިޢުލާނުގައި "ބާރުގެ ބޭނުންކޮށްގެން އެއްވެސް ޤައުމަކުން އެހެން ޤައުމެއްގެ ބިމަކަށް ވެރިވެގަތުމާއި އެހެން ޤައުމެއްގެ ބިމުގެ ސަލާމަތުގެ ޙުރްމަތް ކަނޑައިގެން ނުވާނެކަމަށާއި އެއްވެސް ޤައުމަކުން އެހެން ޤައުމެއްގެ ސިޔާދަތަށާއި  މިނިވަންކަމަށް އަރައިގަނެގެން ނުވާނެކަން ކަށަވަރުކޮށްދީފައި ވުމަކީ ލރަނގަޅު ނިންމުމެކެވެ."  

ޖަރްމަނާއި އިނގިރޭސިވިލާތުން ވެސް މި ނިންމުމަށް ތާރީފު ކުރިއެވެ. 

ފަރަންސޭސިވިލާތުގެ ރައީސް މެކްރޯން ވިދާޅުވިގޮތުގައި ޖަމާޢަތް 20 އުފެއްދުނީ ބައިނަލްއަޤްވާމީ އިޤްތިޞާދީ މަސްއަލަތައް ޙައްލުކުރުމަށެވެ. އެހެންކަމުން ސިޔާސީ މަސްއަލަތައް ޙައްލުކުރުމުގައި މި ޖަމާޢަތުން ފިޔަވަޅުތައް އަޅާކަށް ނުޖެހޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޖަމާޢަތް 20ގެ އިޢުލާނަކީ ރަޝިޔާއަށް ލިބުނު ކާމިޔާބެއް ނޫނެވެ. 

ޖުމްލަ 55 ޤައުމު ހިމެނޭ އެފްރިކާގެ އިއްތިޙާދަށް ޖަމާޢަތް 20 ގެ ދާއިމީ މެންބަރުކަން ދިނުމަށް މި ސަމިޓުން ނިންމިއެވެ.

ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ހާމަކުރެއްވިގޮތުގައި ގޮވާން ބޭރުކުރުމާ ބެހޭ އެއްބަސްވުމުގައި ހިމެނޭ ރަޝިޔާގެ މާއްދާތަކަށް ޢަމަލު ކުރާން ހަމަފަށާ އިރަށް ރަޝިޔާ އެ އެއްބަސްވުމަށް އިޢާދަވާނެތެވެ. މި އެއްބަސްވުމުގައިވާ ގޮތަށް ރަޝިޔާއިން ވަނީ ޔުކްރޭނަށް އެ ޤައުމުގެ ގޮވާން ބޭރުކުރެވޭނެ މަގު ތަނަވަސްކޮށްދީފައެވެ. އެހެނަސް މި އެއްބަސްވުމަށް އެއް އަހަރު ފާއިތުވެގެންދިޔައިރުގައި ވެސް ހުޅަނގުން ވަނީ ރަޝިޔާގެ ގޮވާމާއި ކާދު ބޭރުކުރުމަށް ހުރަސްއަޅައިފައެވެ. 

ޖަމާޢަތް 20 ގައި އިންނަވާ ރަޝިޔާގެ މަންދޫބާ ސްވިޓްލާނާ ލޮކާޝް ވިދާޅުވިގޮތުގައި 20 އަހަރުވީ މި ޖަމާޢަތުގެ ތާރީޚަށް ބަލާއިރު މިފަހަރަށްވުރެ ދަތި ސަމިޓެއް ނުބޭއްވެއެވެ. ސަމިޓްގެ އިޢުލާން ތައްޔާރު ކުރުމަށް ސަމިޓްގެ ކުރިން 20 ދުވަސް ހޭދަކުރަން ޖެހުނެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ ސަމިޓަށް ހުށައެޅިފައިވާ މަސްއަލަތަކުގައި (މޫސުމަށް އަންނަ ބަދަލުތައް ފަދަ މަސްއަލަތަކުގައި) ޤައުމުތަކުގެ ޚިޔާލު ތަފާތުކަމުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.