Support Us

މަޣްރިބަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންނަށް ޓަކައި ހިތާމަކުރުމުގެ ތިން ދުވަސް

މަޣްރިބަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންނަށް ޓަކައި ހިތާމަ ފާޅުކުރުމުގެ ތިން ދުވަސް މަޣްރިބުގެ ރަސްގެފާނު (6ވަނަ) މުޙައްމަދު ރޭ އިޢުލާން ކުރައްވައިފިއެވެ.

ހޮނިހިރު ވިލޭރޭ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ ދެ ހާހަށްވުރެ މައްޗަށް ގޮސްފައެވެ. މަޣްރިބުގެ ދާޚިލީ ވުޒާރާ ބުނާގޮތުގައި މި ބިންހެލުމުގެ ސަބަބުން ޒަޚަމުވި މީހުންގެ ޢަދަދު ވަނީ 2059 އަށް އިތުރުވެފައެވެ. މަޣްރިބުގެ ދާޚީލީ ވުޒާރާ ބުނާ ގޮތުގައި މި ބިންހެލުމުގެ ސަބަބުން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ މަރާކިޝްގެ ދެކުނުގައި އޮންނަ ޙައުޒު ސަރަޙައްދުގައެވެ.

މަޣްރިބުގެ ރަސްގެފާނު ރޭ ބޭއްވެވި މަސައްކަތު ބައްދަލުވުމަކަށް ފަހު ވިދާޅުވިގޮތުގައި ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުން ދިރިތިބީން ސަލާމަތްކުރުމުގެ މަސައްކަތާއި ގެދޮރު ގެއްލިފައިވާ މީހުންނަށް ބޯ ހިޔާވަހިކަންދިނުމުގެ މަސައްކަތާއި ޒަޚަމުވެފައިވާ މީހުންނަށް ފަރުވާދިނުމުގެ މަސައްކަތް އަވަސްކުރުމަށް އަމުރުކުރެއްވިއެވެ.

ބައިނަލްއަޤްވާމީ އެއްބާރުލުން

މަޣްރިބަށް މި އައި ބާރުގަދަ ބިންހެލުމާ ވިދިގެން ދުނިޔޭގެ ޤައުމުތަކުން ދަނީ މަޣްރިބާ އެއްބައިވުމުގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ.

އަވަށްޓެރި ޖަޒާއިރުން ވަނީ ސިޔާސީ ގުޅުން ނެތްއިރުގައި ވެސް އެ ޤައުމުގެ ވައިގެ ސަރަޙައްދު އެހީ ހިފައިގެން މަޣްރިބަށް ދާ މަތިންދާބޯޓުތަކުގެ ދަތުރުތަކަށް ހުޅުވައިލައިފައެވެ.

މިޞްރާއި ސުޢޫދީ ޢަރަބިއްޔާއި ޤަޠަރާއި އިމާރާތާއި ޢިރާޤާއި އުރްދުނުން ވަނީ އެހީ ފޮނުވަން ފަށައިފައެވެ.

އެމެރިކާ ބުނާގޮތުގައި މަޣްރިބުން އެހީއަކަށް އެދިއްޖެނަމަ ވޮޝިންގްޓަނުން އެހީވާނެއެވެ.

ރޫސީ ރައީސް ޕޫޓިން މަޣުރިބުގެ ރަސްގެފާނާ ގުޅުއްވާ ހަމްދަރްދީ ފާޅުކުރެއްވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ތަޢުޒިޔާގެ ސިޓީފުޅެއް ފޮނުއްވި ކަމަށް ރަބާޠުން ބުންޏެވެ.

އިންޑިޔާގެ ބޮޑުވަޒީރު މޯދީ ޖަމާޢަތް 20 ގެ ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން މަޣްރިބަށް ހަމްދަރްދީ ފޮނުއްވިއެވެ.

ސްޕޭނާއި ފަރަންސޭސިވިލާތުން ވެސް މަޣްރިބަށް ހަމްދަރްދީ ފޮނުވައި އެހީވާނެ ކަމަށް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *