ސައްތައެއްހާ އަހަރު ދުވަހުގެތެރޭގައި މަޣުރިބަށް ނާންނަ ފަދަ ބާރުގަދަ ބިންހެލުމެއް ރޭ އަތުވެއްޖެއެވެ. މަޣްރިބުގެ ދާޚިލީ ވުޒާރާ ބުނާގޮތުގައި މި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 1037 އަށް އިތުރުވެފައެވެ. ޒަޚަމުވި މީހުންގެ ޢަދަދު ވަނީ 1204 އަށް އިތުރުވެފައެވެ. އޭގެތެރޭގައި 721 މީހުންގެ ޙާލަތު ވަރަށް ނާޒުކުކަމަށް ޚަބަރު ލިބެއެވެ. އެމެރިކާގެ ޖިޔޮލޮޖިކަލް މަރްކަޒު ބުނާގޮތުގައި ރެޚްޓަރު މިންގަނޑުން 7.2 ދަރަޖައިގެ މި ބިން ހެލުން އައިސްފައިވަނީ 18.5 ކީލޯމީޓަރުގެ ފުނަށެވެ.
ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި މި ބިންހެލުން އައިސްފައިވަނީ މަރާކިޝަށާއި ވުރްޒާޒާތަށާއި އަޒީލާލަށާއި ޝީޝާވާ ސަރަހައްދުތަކަށެވެ.
ރޭ ދަންވަރު ބާރަޖަހާކަށްހާއިރު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ތާރީޚީ ޤަދީމީ ވަރަށް ގިނަ ޢިމާރާތްތަކެއް ވެއްޓުނެވެ. ބައެއް ޢިމާރާތްތަކަކީ ޔުނެސްކޯއިން ޢާލަމީ ތާރީޚީ ތުރާސުގެ ތެރޭގައި ހިމަނައިފައިވާ ބިނާތަކެކެވެ.
މި ބިންހެލުމުގެ އަސަރު އަވަށްޓެރި ޖަޒާއިރަށް ފޯރިކަމަށް ޚަބަރުލިބެއެވެ. އެހެންނަމަވެސް މީހަކަށް ވެސް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ފެބްރުވަރީ 2004 ގައި މަޣްރިބަށް ރެކްޓަރު މިންގަނޑުން 6.3 ދަރަޖައިގެ ބިންހެލުމެއް އައިސްފައި ވެއެވެ. އެ ބިންހެލުން އައިސްވަނީ ވެރިރަށް ރަބާޠާ 400 ކީލޯމީޓަރު ދުރުގައި އޮންނަ ޙުސައިމާ ސްޓޭޓަށެވެ.
އަދި 1960ވަނަ އަހަރުގެ ފެބްރުވަރީގައި މަޣްރިބުގެ އަކާދީރު ސަހަރަށް ވެސް ވަރަށް ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. މި ބިންހެލުމުގައި 12 ހާސް މީހުން މަރުވެފައިވެއެވެ. އެއީ މި ސަހަރުގެ އާބާދީގެ ތިންބައިކުޅަ އެއްބަޔެވެ.