...

Support Us

އެމެރިކާއިން ޔުކްރޭނަށް ޔޫރޭނިއަމް ދިނުމަށް ނިންމުމުން ރޫސީން ރަތަށް

އެމެރިކާއިން ޔުކްރޭނަށް ފަންވަރުދެރަ ޔޫރޭނިއަމް ހަތިޔާރު  ދިނުމަކީ އިޖްރާމީ ޢަމަލެއް ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގީ ރިބަބިކޯވް ވިދާޅުވެއްޖެއެވެ.

އެމެރިކާގައި ހުންނަ ރޫސީ އެންބެސީން މިކަމާ ބެހޭގޮތުން ނެރުނު ބަޔާން ބުނާގޮތުގައި އެމެރިކާ ސަރުކާރުން ކިޔީވަށް ފަންވަރުދެރަ  ޔޫރޭނިއަމް ހަތިޔާރު ދިނުމަކުން ހަނގުރާމައިގެ ރާސްތާއަށް ބަދަލެއް ނުގެނެވޭނެއެވެ. ޔުކްރޭންގެ ނިޒާމުގެ ވެރިޔާ ޒިލެންސްކީއަށް އެމެރިކާއިން ދޭ ޒަމާނީ ހަތިޔާރުތައް ރޫސީ ސިފައިން  ފުނޑައިލާނެއެވެ.

ރޫސީވިލާތުގެ ބަރްލަމާން (ޑޫމާ)ގެ ބައިނަލްއަޤްވާމީ ކަންތައްތަކާބެހޭ ކޮމެޓީގެ މުޤައްރިރު ލިޔުނިޑް ސްލޮޓްސްކީ ވިދާޅުވިގޮތުގައި އިނގިރޭސިވިލާތުން ޔުކްރޭނަށް ދިން ކޯޅި ބޮންތަކާއި ފަންވަރުދެރަ ޔޫރޭނިއަމް އުންޑަތަކުން ހަމަހިލާ ވީ އެއްވެސް ކަމެއް ނެތެވެ. އެކަމުގެ ސަބަބުން ހަނގުރާމައިގެ ރާސްތާއަށް ބަދަލު އައިސްފައެއް ނުވެއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) އިން އިއްޔެ އިޢުލާންކުރި ގޮތުގައި 175 މިލިއަން ޑޮލަރުގެ އިތުރު އެހީތަކެއް ދިނުމަށް ވޮޝިންގްޓަނުން ނިންމައިފިއެވެ. މި އެހީގެތެރޭގައި އަބްރާމްޒް  ޓޭންކްގައި ބޭނުންކުރުމަށް ޓަކައި 120 މިލިމީޓަރުގެ ފަންވަރުދެރަ އުންޑައާއި ވައިގެ ނިޔަމިކަމާބެހޭ ފަންނީ ނިޒާމުތަކާއި ހައިމާރިސް މިސައިލާއި އާޓިލަރީ ހަތިޔާރާ އިދިކޮޅު ހަތިޔާރު ހިމެނޭނެއެވެ.

ޕެންޓަގަންގެ މަސްއޫލުވެރިއަކާ ޙަވާލާދީ ޖަޒީރާ ބުނާގޮތުގައި ފަންވަރުދެރަ ޔޫރޭނިއަމް އުންޑަތައް ޔުކްރޭނަށް ފޮނުވޭނީ އެމެރިކާއިން ޔުކްރޭނަށް ދިނުމަށް ހަމަޖެހިފައިވާ އަބްރާމްޒް މަރުކާގެ 31 ޓޭންކާއެކުގައެވެ. މި ޓޭންކްތައް ޔުކްރޭނަށް ލިބޭނީ މި އަންނަ ޚަރީފު މޫސުމުގައެވެ.

ފަންވަރުދެރަ ޔޫރޭނިއަމް އުންޑައަކީ އާޓިލަރީ ބޯ ފާރުތައް ފޫއަޅުވައިލާ ތިމަރައަށްވުރެ އަދި ދަގަނޑަށްވުރެ މާ ވަރުގަދަ އެއްޗެކެވެ. ކިޔީވް އުންމީދު ކުރަނީ މި އުންޑައިން ރޫސީ ޓޭންކްތައް ހަލާކުކޮށްލެވޭނެ ކަމަށެވެ.

ފަންވަރުދެރަ ޔޫރޭނިއަމް ހަތިޔާރަކީ ބައިނަލްއަޤްވާމީ ޤާނޫނު ބޭނުންކުރުން މަނާކުރާ ހަތިޔާރެކެވެ. އެއީ އޭގެ ސަބަބުން އެ ބޭނުންކުރާ ސަރަޙައްދުތަކުގައި އުޅޭ މީހުންނަށް ޚަލްޤީ އުނިކަން ލިބުމާއި ކެންސަރު ބަލި ޖެހޭތީއެވެ. އެހެނަސް އެމެރިކާއިން ވަނީ ޢިރާޤުގައި މި ހަތިޔާރު ބޭނުންކޮށްފައެވެ.

ކިޔީވަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން  ރޭ ހާމަކުރެއްވި ގޮތުގައި އެމެރިކާއިން ޔުކްރޭނަށް އެއް ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް މިހާރުވަނީ ނިމިފައެވެ.

ވައިޓްހައުސްގެ ތަރްޖަމާން ކެރިން ޖޭން ޕިޔަރ ރޭ ވިދާޅުވިގޮތުގައި ރަޝިޔާއިން ހަނގުރާމަ ހުއްޓަންދެން އެމެރިކާއާއި އެމެރިކާގެ އެކުވެރިން ޔުކްރޭނަށް އެހީވުން ހުއްޓައެއް ނުލާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.