Support Us

ފަޤީރު ޤައުމުތަކަށް ގޮވާން ފޯރުކޮށްދިނުމަށް ރަޝިޔާ، ތުރްކީ، ޤަޠަރުގެ އިސްނެގުމެއް

އެފްރިކާގެ ފަޤީރު ޤައުމުތަކަށް ގޮވާން ފޯރުކޮށްދިނުމަށް ޓަކައި  ޤަޠަރުން މާލީގޮތުން އެހީވުމަށް އެއްބަސްވެފައިވާ ކަން ތުރްކީގެ ރައީސް އުރްދުޣާން މިއަދު ހާމަކުރައްވައިފިއެވެ. އޭނާ މިކަން ހާމަކުރެއްވީ ރޫސީ ރައީސް ޕޫޓިނާއެކު ބޭއްވެވި ނޫސް ބައްދަލުވުމުގައެވެ.

ރައީސް  ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިޔާގެ ގޮވާމާއި ކާދު އެއްވެސް ހުރަހެއް ނެތި ބޭރުކުރެވެން ފެށޭ ހިސާބުން ރަޝިޔާއިން ގޮވާމާބެހޭ އދގެ އިސްނެގުމަށް ޢަމަލުކުރަން ފަށާނެއެވެ. 

މި ނޫސް ބައްދަލުވުން ރައީސް ޕޫޓިނާއި ރައީސް އުރްދުޣާން ރަޝިޔާގެ ސޫޗީ ސަހަރުގައި ބޭއްވެވީ ރައީސް އުރްދުޣާން ރަޝިޔާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުގެ ވާހަކަދެއްކުންތައް ނިމުމުންނެވެ. ރައީސް ޕޫޓިން ހާމަކުރެއްވިގޮތުގައި ރަޝިޔާއިން ވަރަށް ކުޑަ އަގެއްގައި ތުރްކީއަށް އެއް މިލިޔަން ޓަނުގެ ގޮވާން ދޭނެއެވެ. މި ގޮވާން ޤަޠަރުގެ ޚަރަދުގައި ފަޤީރު ޤައުމުތަކަށް ފޯރުކޮށްދެވޭނެއެވެ. 

ރޫސީ ރައީސް ހާމަކުރެއްވިގޮތުގައި ސޫރިޔާގައި ރަޝިޔާއާ ތުރްކީއާ ދެމެދުގައި އޮތް އެއްބާރުލުމަކީ އެކަމުގެ އަގު މޮސްކޯއިން ވަޒަންކުރާ ކަމެކެވެ. 

 ރޫސީ ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ތިބީ ގޮވާމާ ބެހޭ އެއްބަސްވުމަށް ރުޖޫޢަވުމަށް ތައްޔާރަށެވެ. އެކަމަށް އޮތީ ހަމަ އެންމެ ޝަރްޠެކެވެ. އަޅުގަނޑުމެންގެ ޒިރާޢީ އުފެއްދުންތައް ކަޅުކަނޑު ހުރަސްކޮށް ބޭރު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ."  

ތުރްކީ މެދުވެރިވެގެން ރަޝިޔާއާއި ޔުކްރޭން އެއްބަސްވި ގޮވާމާ ބެހޭ އެއްބަސްވުމަށް ޢަމަލުކުރުން މޮސްކޯއިން ހުއްޓައިލީ މިދިޔަ ޖުލައި 17ގައެވެ. އެއް އަހަރު ދުވަސް ޔުކްރޭނަށް ދިނުމަށް ފަހުގައެވެ. ރަޝިޔާއިން ބުނާގޮތުގައި ޔުކްރޭނުން ބޭރުކުރި ގޮވާމުން 77% ދިޔައީ ހުޅަނގުގެ މުއްސަނދި  ޤައުމުތަކަށެވެ. 

އުރްދުޣާން ހާމަކުރެއްވި ގޮތުގައި ދެވަނަ ދުވަހުގެ ބައްދަލުވުންތައް އޮތީ ވަފްދުތަކާއެކުގައެވެ. އުރްދުޣާން ވިދާޅުވިއެވެ. "އެޖެންޑާގައި ހުރި ހުރިހާ މަސްއަލަތަކަކާ ބެހޭގޮތުން ވަރަށް ޞަރީޙަކޮށް މަޝްވަރާކުރެވުނެވެ." ރައީސް އުރްދުޣާން އިތުރަށް ވިދާޅުވިއެވެ. "ވިޔަފާރިއާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި އިޤްތިޞާދާއި  ވުނަކުރުމާއި މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް ޓަކައި ގުޅުންތައް ބަދަހިކޮށް ވަރުގަދަކުރުމާ ބެހޭގޮތުން ވަރަށް އެކުވެރި ވެށްޓެއްގައި ވާހަކަދެއްކުންތައް ބޭއްވުނެވެ."  

ރަޝިޔާއާއި ތުރްކީއާ ދެމެދުގައި މި ދިޔަ އަހަރު ބަދަލުކުރެވުނު ވިޔަފާރީގެ މުޢާމަލާތުތައް ވަނީ 69 ބިލިޔަން ޑޮލަރަށް އިތުރުވެފައެވެ. އެ ދެ ޤައުމުން އަމާޒު ކުރަނީ މި މުޢާމަލާތުތައް 100 ބިލިއަން ޑޮލަރަށް އިތުރުކުރުމަށެވެ. 

އުރްދުޣާން ވިދާޅުވިގޮތުގައި މި ދިޔަ އަހަރަކީ ފަތުރުވެރިކަމުގެ ގޮތުން ވަރަށް ކާމިޔާބު އަހަރެކެވެ. މިދިޔަ އަހަރު ރަޝިޔާއިން ފަސް މިލިއަން 230 ހާސް ފަތުރުވެރިން ތުރްކީއަށް އައެވެ. މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ރަޝިޔާއިން ތުރްކީއަށް 3.5 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ. 

އުރްދުޣާން ހާމަކުރެއްވިގޮތުގައި މި ބައްދަލުކުރެއްވުމުގައި ސޫރިޔާއާއި ލީބިޔާއާއި އެފްރިކާއާއި ދެކުނު ކޯކަސްއާ ބެހޭގޮތުން މަޝްވަރާތައް ކުރެވުނެވެ. 

އޭނާ އިތުރަށް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ދެ ޤައުމާއި ސަރަޙައްދުގެ މަޞްލަޙަތަށް ޓަކައި، އަޅުގަނޑުމެންގެ ދެ ޤައުމުގެ  ދެމެދުގައިވާ ގުޅުންތައް، ތަރައްޤީކޮށް ބަދަހި ކުރަމުން މި ދަނީ ރިވެތި އަވަށްޓެރިކަމުގެ އުޞޫލުތަކާއި ރަޙްމަތްތެރިކަމާއި ތެދުވެރިކަމުގެ މަތީގައެވެ. މި އަސާސުގެ މަތީގައި ޤާޢިމުވެފައިވާ ރޫސީ-ތުރްކީ ގުޅުމުގެ ފައިދާތައް ވަރަށް ތަނަވަސް  މައިދާންތަކެއްގައި ދަނީ ފެންނަމުންނެވެ.

ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި ނިޔުކްލިޔަރ ހަކަތައިގެ މައިދާނުގައި ރަޝިޔާއިން ދަނީ ތުރްކީއާއެކު ވަރަށް ބޮޑަށް އެއްބާރުލަމުންނެވެ. އަޤް ޤޫޔޫ ނިޔުކްލިޔަރ އިސްޓޭޝަނަކީ މި ކަމުގެ ހެޔޮ މިސާލެއް ކަމަށް އުރްދުޣާން ވިދާޅުވިއެވެ. އިތުރު ފިޔަވަޅަކަށް ވާނީ ސިނޫބު ނިޔުކްލިޔަރ އިސްޓޭޝަން ކަމަށް އުރްދުޣާން ވިދާޅުވިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *