Support Us

ނައިޖަރުގެ މަސްއަލައަށް ސިޔާސީ ޙައްލެއް ގެނެސްދިނުމަށް ޗައިނާ މަސައްކަތް ފަށައިފި

ނައިޖަރުގެ މަސްއަލައަށް ސިޔާސީ ޙައްލެއް ގެނެސްދިނުމަށް ޓަކައި ޗައިނާއިން ދޭތެރެމެދުގައި ހިނގާ ފަރާތެއްގެ ދައުރު އަދާކުރަން ފަށައިފި ކަމަށް ނައިޖަރުގައި ހުންނަވާ ޗައިނާ ސަފީރު ޖިޔަންގް ވެންގް ވިދާޅުވެއްޖެއެވެ. 

ޗައިނާގެ ސަފީރު ނައިޖަރުގެ ޓީވީއަށް ހާމަކުރެއްވިގޮތުގައި ޗައިނާއިން ދަނީ ނައިޖަރުގެ ސިޔާސީ މަސްއަލަ ޙައްލުކުރުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާއެކު ވާހަކަ ދައްކަމުންނެވެ.

ޗައިނާގެ ސަފީރު ނައިޖަރު ޓީވީއާ ވާހަކަފުޅުދެއްކެވީ ނައިޖަރުގެ ޢަސްކަރީ މަޖިލީހުން ޢައްޔަންކޮށްފައިވާ ބޮޑުވަޒީރު  ޢަލީ  މުޙައްމަދުލް އަމީން ޒައިނާ ބައްދަލުކުރެއްވުމަށް ފަހުގައެވެ. ޗައިނާ ސަފީރު ވިދާޅުވިގޮތުގައި ޗައިނާއަކީ އެހެން ޤައުމުތަކުގެ  ދާޚިލީ ކަންތައްތަކާ ބެހޭ ޤައުމެއްނޫނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޗައިނާއިން އެފްރިކާގެ ޤައުމުތަކަށް  ހިތްވަރުދެނީ އެ ޤައުމުތަކުގެ މަސްއަލަތައް އަމިއްލައަށް ޙައްލުކުރުމަށެވެ.

ޗައިނާގެ ޚާރިޖިއްޔާއިން މިކަމާ ބެހޭގޮތުން މިއަދު ނެރުނު ބަޔާން ބުނާގޮތުގައި ނައިޖަރުގެ މަސްއަލަ ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކަށް ޗައިނާއިން ވާގިވެރިވާނެއެވެ. ޗައިނާގެ  ބަޔާނުގައި ޢަޒްލުކުރެވުނު ރައީސް މުޙައްމަދު ބާޒޫމުގެ ޝަޚްޞީ ސަލާމަތްތެރިކަން ޖާމިނުކޮށް ދިނުމަށް ވެސް ގޮވައިލައިފައި ވެއެވެ. 

ޗައިނާ ބުނިގޮތުގައި ނައިޖަރުގެ ޤައުމީ މަޞްލަޙަތުތަކާއި ރައްޔިތުންގެ މަޞްލަޙަތުތައް ނިޔާކުރާ ގޮތުގެ މަތިން މަސްއަލައަށް ސިޔާސީ ޙައްލެއް ހޯދުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަކުން މަސައްކަތް ކުރަންވާނެއެވެ. 

ޗައިނާއަކީ ނައިޖަރުގެ އިޤްތިޞާދުގައި ޚާއްޞަކޮށް ހަކަތައިގެ މައިދާނުގައި ވަރަށް މުހިއްމު ބައިވެރިއެކެވެ. ޗައިނާއިން ދަނީ ދެ ހާސް ކީލޯމީޓަރުގެ ތެޔޮ ހޮޅިއެއް ބިނާކުރަމުންނެވެ. އެއީ ނައިޖަރުގެ އިރުދެކުނު ސަރަޙައްދުން ފެށިގެން ބަނީނުގެ ސީމީ ބަނދަރަށް ތެޔޮ ބޭރުކުރުމަށް ޓަކައި ހިންގޭ މަޝްރޫޢެކެވެ. 

ޕެރިހުން ވާހަދެއްކުންތައް ފަށައިފި

އަނެއްކޮޅުން ފަރަންސޭސި ލެމޮންޑް ދުވަހު ނޫސް ބުނާގޮތުގައި ފަރަންސޭސި ސަރުކާރުން މިހާރު ދަނީ ނައިޖަރުގައި ތިބި ފަރަންސޭސި ސިފައިންގެ ތެރެއިން ބައެއް މީހުން ބޭލުމާބެހޭގޮތުން ނައިޖަރުގެ ޢަސްކަރީ މަޖިލީހާއެކު ވާހަކަދައްކަމުންނެވެ.ނައިޖަރުގެ ރައްޔިތުން ދަނީ ފަރަންސޭސި ސިފައިން ފޭބުމަށް ގޮވައިލާ އިޙްތިޖާޖުތައް ބާއްވަމުންނެވެ. ނައިޖަރުގެ ބޮޑުވަޒީރު ޒައިން ވިދާޅުވާގޮތުގައި އޭނާގެ ސަރުކާރުން ދަނީ ފަރަންސޭސި ސިފައިންނަށް އަވަހަށް ފޭބޭނެ މަގު ޖާމިނުކޮށްދެމުންނެވެ. ނައިޖަރުގެ ބޮޑުވަޒީރު ވިދާޅުވާ ގޮތުގައި ފަރަންސޭސިވިލާތާ ނައިޖަރާ ދެމެދުގައި އެއްބަސްވެފައިވާ ޢަސްކަރީ އެއްބަސްވުންތައް ނައިޖަރުގެ ޢަސްކަރީ މަޖިޅިހުން އުވައިލުމުން އެއީ މިހާރު އޮތް އެއްބަސްވުމެއްނޫނެވެ. އޭނާ ވިދާޅުވިގޮތުގައި ފަރަންސޭސި ސަފީރުގެ ސުލޫކަކީ ޑިޕްލޮމެޓިކް އުޞޫލުތަކާ ޚިލާފު ސުލޫކެކެވެ. ޢަސްކަރީ މަޖިލީހުން ވަނީ އޭނާ ޤައުމުން ބޭރަށް ވަޑައިގަތުމަށް އަންގައިފައެވެ. އޭނާއަށް އެރުވި މުހްލަތު މިހާރު ވަނީ ފަހަނަޅައި ގޮސްފައެވެ. އޭނާގެ ޑިޕްލޮމެޓިކް އެއްވެސް އިމްތިޔާޒެއް މިހާރަކު ނޯންނާނެއެވެ. ނައިޖަރު ސިފައިން މިހާރުވަނީ ފަރަންސޭސި އެންބެސީއާއި ފަރަންސޭސި ސަފީރުގެ ގެކޮޅު  ޙިޞާރުކޮށްފައެވެ. މީގެއިތުރަށް ސިފައިން ވަނީ ނައިޖަރުގައި އޮންނަ ފަރަންސޭސި ބޭސްތައް ވެސް ވަށައިލައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *