Support Us

ގެބޯންގެ އިންޤިލާބީ ޒަޢީމު ރައީސްކަމުގެ ހުވާ ކުރައްވައިފި

ގެބޯންގެ އިންޤިލާބީ ޒަޢީމު ބްރިސް އިލިގޭ އެންގަމީނާ އެ ޤައުމުގެ ދުސްތޫރީ ކޯޓުގެ ކުރިމަތީގައި ރައީސްކަމުގެ ޤާނޫނީ ހުވާ މިއަދު ކުރައްވައިފިއެވެ.

އޭނާ ރައީސްކަމާ ޙަވާލުވެ ވަޑައިގަތީ އިންތިޤާލީ މަރްޙަލާއެއްގައެވެ. އެހެނަސް މި މަރްޙަލާގެ މުއްދަތަކީ ކޮބައިކަމެއް ވިދާޅެއް ނުވެއެވެ.

ޤާނޫނީ ހުވާކުރެއްވުމަށްފަހު ދެއްވި ޚިޠާބުގައި އެންގަމީނާ ވިދާޅުވިއެވެ. "ޢަސްކަރީ ވެރީންގެ ކުރިފުޅުމަތީގައި އޮތީ ދެ ޚިޔާރެކެވެ. މުޒާހަރާކުރަމުންދިޔަ މީހުން ގަޔަށް ބަނޑި ޖަހައި މެރުމެވެ. ނުވަތަ މަކަރާއި ޙީލަތުން ވެރިކަމަށް އައުން ހުއްޓުވުމެވެ." ރައީސް އެންގަމީނާ ހާމަކުރެއްވިގޮތުގައި އަރުވައިލެވިފައިވާ ޤައުމުގެ ސިޔާސީ ބޭފުޅުން ޤައުމަށް އަލުން ގެނައުމުގެ މަސައްކަތް ފެށުމަށް އައު ސަރުކާރަށް މިހާރުވާނީ އިރުޝާދު ދެއްވައިފައެވެ.

އޭނާ ވިދާޅުވިއެވެ. "ފެންނުފެންނަ ވޯޓެއްގެ ތެރެއިން އަޅުގަނޑުމެން ބޭނުންވަނީ އައު ޤާނޫނު އަސާސީއެއް ޤައުމަށް ގެނައުމަށެވެ."

އޭނާ ވިދާޅުވިއެވެ. "ގެބޯނަކީ ތަފާތު ނަސްލުތަކުގެ ޤައުމެކެވެ. އެއީ ބައިބައި ނުކުރެވޭނެ ރައްޔިތެކެވެ. މިނިވަންކަން ޖާމިނުކުރުމަށް ޓަކައި އެއްބައިވަންތަކަމަކީ އަސާސީ ޝަރްޠެކެވެ." އޭނާ ޚިޠާބު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިންތިޤާލީ މަރްޙަލާގެތެރޭގައި މި ޤައުމުގައި ހަރުދަނާ މުއްސަސާތަކެއް ޤާއިމުކުރުމަށް އަޅުގަނޑުމެން ކަށަވެތިވަމެވެ."

ޖެނެރަލް އަންގަމީނާގެ އިސްވާރިއްޔަތުކަމުގައި ސިފައިން ގެބޯންގެ ވެރކަމަށް އިސްވީ އޮގަސްޓް މަހުގައެވެ. އެއީ އެ ޤައުމުގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ ފާޅުކުރެވުނު ދުވަހެވެ. މި އިންތިޚާބު ކާމިޔާބު ކުރައްވައިފައި ވަނީ ރައީސް ޢަލީ ބޮންގޯ އެވެ. އިންޤިލާބީ ވެރިން ވިދާޅުވާ ގޮތުގައި މި އިންތިޚާބު ބޭއްވިފައިވަނީ މާހަރާއެއް ނެތިއެވެ. ނަޒާހަތްތެރިކަމާއި ތެދުވެރިކަމާނުލައެވެ.މި އިންޤިލާބުގެ ސަބަބުން ގެބޯންގައި ވެރިކަން ކުރަމުން ދިޔަ ބޮންގޯ ޢާއިލާގެ 56 އަހަރުވީ ވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ. ވެރިކަމުން ދުރުކުރެވުނު ރައީސް ޢަލީ ބޮންގޯ ހުންނެވީ ގޭ ބަންދުގައެވެ.

ޖުމްލަ 2.3 މިލިއަން މީހުން އުޅޭ ގެބޯނަކީ ތެލާއި އަލިމަހާއި ޔޫރޭނިއަމްފަދަ މަޢުދަނުތަކުގެ މުއްސަނދިކަން އޮތް އޯޕެކްގެ ޤައުމެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް