...

Support Us

ޕޫޓިން- އުރްދުޣާން ބައްދަލުކުރެއްވުން ކާމިޔާބު

ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން ރަޝިޔާގެ ކަޅުކަނޑުގެ އައްސޭރީގައި އޮންނަ ސޫޗީ ސަހަރުގައި ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާނާ މިއަދު ބައްދަލުކުރައްވައި ތަފާތު ފައިލްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް ޕޫޓިން ރައީސް އުރްދުޣާނަށް މަރްޙަބާ ދަންނަވަމުން ވިދާޅުވިއެވެ. "ގޮވާމާބެހޭ އެއްބަސްވުމާމެދު ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވާކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެކަމާމެދު ވާހަކަދެއްކުމަށް އަޅުގަނޑުމެން މި ތިބީ ހުޅުވިގެންނެވެ."

މި ހުސްވި ޖުލައި މަހު ރަޝިޔާއިން ވަނީ މި އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓައިލައިފައެވެ. އެއީ މި އެއްބަސްވުމުގައި ހިމެނޭ ރަޝިޔާގެ މަޞްލަޙަތުތަކަށް އެމެރިކާއިންނާއި ހުޅަނގުން ހުރަސްއަޅައިފައިވާތީއެވެ.

ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި އެންމެން ކަޅިއަޅައި ބަލަން މި ތިބީ ގޮވާމާ ބެހޭ އެއްބަސްވުމަށް އަންކަރާ ދިރުންގެންނަ ގޮތަށެވެ. އެއީ އެފްރިކާގެ ފަޤީރުޤައުމުތަކަށް ވަރަށް މުހިއްމު އެއްބަސްވުމެކެވެ.

ޢަރަބި ދުނިޔޭގެ ޚަބަރުތަކާބެހޭ ނޫސް އޭޖެންސީ ބުނާގޮތުގައި ޕޫޓިން- އުރްދުޣާން ވާހަކަދެއްކުންތަކުގައި ގޮވާމާބެހޭ ފައިލަށް ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދީފައިވެއެވެ. ރައީސް ޕޫޓިން ވިދާޅުވިގޮތުގައި ސޫރިޔާއަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުން ވެސް ވާހަކަފުޅުދައްކަވާނެއެވެ. ރައީސް އުރްދުޣާން ހާމަކުރެއްވިގޮތުގައި އެއީ އެންމެ އިސްކަން ދެވިފައިވާ އެއް ފައިލެވެ.

ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި ތުރްކީ– ރަޝިޔާ ގުޅުންތައް މިހާރު ވަނީ އެންމެ ކުރިބޯށްޓަށް ވާޞިލުވެއެވެ.

ޕޫޓިން ވިދާޅުވިގޮތުގައި އެތައްއެތައް މައިދާންތަކެއްގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. އޭގެތެރޭގައި ހަކަތައާއި ދިފާޢީ ޞިނާޢަތްތައް ހިމެނެއެވެ.

މި ދަތުރުފުޅުގައި ރައީސް އުރްދުޣާން އަރިހުގައި އޭނާގެ މާލީ ވަޒީރާއި މަރްކަޒީ ބޭންކުގެ ރައީސާ ވެސް ވަޑއިގެންނެވިއެވެ.

ރައީސް ޕޫޓިންގެ ވާހަކަފުޅުތަކުގެ އުސް އަލިތައް

ގޮވާމާބެހޭ އެއްބަސްވުމުން ރަޝިޔާއަށް ބޭރަށް ނުކުންނަން މަޖްބޫރުވީ ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ގޭހުގެ މަސްއަލައިގައި ރަޝިޔާ އޮތީ އަދި އޮންނާނީ އިތުބާރުކުރެވޭ އަދި ބަރޯސާވެވޭ މަޞްދަރެއްގެ ގޮތުގައެވެ. ތުރްކީގެ ބިމުގެތެރެއިން ލައިފައި ރަޝިޔާގެ ގޭސް ނަޤްލުކުރުމަށް ރަޝިޔާއިން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.

މި ދިޔަ އަހަރު ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ މައިދާނުގައި ތުރްކީއާއެކު ބަދަލުކުރެވުނު ވިޔަފާރީގެ މުޢާމަލާތުތައް ވަނީ ހަތް ބިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ރަޝިޔާއިން މިއަހަރު ވަނީ ތުރްކީއަށް 10 ބިލިއަން އަކަ މީޓަރުގެ ގޭސް ފޯރުކޮށްދީފައެވެ.

ތުރްކީ މިއަދު ވަނީ ނިޔުކްލިއަރ ހަކަތަ ބޭނުންކުރާ ޤައުމުތަކުގެ ނާދީގެ މެންބަރަކަށް ވެފައެވެ.

ރަޝިޔާއިން ގޮވާމާބެހޭ އެއްބަސްވުމުން ވަކިވިނަމަވެސް ކާބޯތަކެތީގެ ޢާލަމީ އަމްނަށް އެއްވެސް ނުބައި އަސަރެއް ނުފޯރައެވެ. ބާޒާރުގައި ކާބޯތަކެތީގެ އަގު ދަނީ ދަށަށެވެ. ކާބޯތަކެތީގެ އެއްވެސް ދަތިކަމެއް ނެތެވެ.

ޔުކްރޭނުން ބޭރުކުރި ގޮވާމުގެ 70% ގޮސްފައި ވަނީ މުއްސަނދި ޤައުމުތަކަށެވެ. ޚާއްޞަކޮށް ހުޅަނގު ޔޫރަޕަށެވެ.

ގޮވާމާބެހޭ ކަޅުކަނޑުގެ އެއްބަސްވުމުގައި ހިމެނޭ އިންސާނީ ލަޑުދަނޑިތަކުގެ މަސްއަލައިގައި ހުޅަނގުން ވަނީ ރަޝިޔާއަށް މަކަރުހަދައިފައެވެ.

ރަޝިޔާގެ ގޮވާމާއި ކާދާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހަމަ އުވާލައި އިރަށް އަހުރެމެން މި އެއްބަސްވުމަށް ރުޖޫޢަވާނަމެވެ.

ބާޒާރުގެ އަގުތަކަށް ހަމަޖެހުން ގެނައުމަށް ޙިއްސާއެއް އަދާކުރާނަމަ ތުރްކީގެ ބަނދަރުތައް ހުރަސްކޮށް ގޮވާމާއި ކާދު ބޭރުކުރުމުގެ މަސައްކަތުގައި ރަޝިޔާ ކުރިއަށް ދާނެއެވެ.

އެފްރިކާގެ ހަ ޤައުމަކަށް ގޮވާން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއް މިހާރު ދަނީ ޤާއިމުކުރެވެމުންނެވެ.

ރައީސް އުރްދުޣާނާއެކު ބޭއްވުނު ވާހަކަދެއްކުންތަކަކީ ވަރަށް ކާމިޔާބު ވަރަށް ބިނާކުރަނިވި ވާހަކަދެއްކުންތަކެކެވެ. މި ވާހަކަދެއްކުންތަކުގައި ތަފާތު އެތައް މަސްއަލަތަކަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ރައީސް އުރްދުޣާންގެ ވާހަކަފުޅުތަކުގެ އުސްއަލިތައް 

ގޮވާމުގެ އަގު ކޮންޓްރޯލްކުރުމަށާއި އެފްރިކާގެ ޤައުމުތަކުގެ މުހުތާދުތައް ފުއްދައިދިނުމަށް ޓަކައި ގޮވާމާބެހޭ ކަޅުކަނޑުގެ އެއްބަސްވުމަކީ ވަރަށް މުހިއްމު އެއްބަސްވުމެކެވެ.

ގޮވާން ބޭރުކުރުމާބެހޭ ކަޅުކަނޑުގެ އެއްބަސްވުމާ އެއްފަދަ ދާއިމީ ނަމޫނާ އެއްބަސްވުމަކަށް ބޭނުންވެއެވެ.

ގޮވާން ބޭރުކުރުމާ ބެހޭގޮތުން ރަޝިޔާއާއި އދ އާ ދެމެދުގައި އައު އެއްބަސްވުމަކަށް ދިޔުމަކީ ޟަރޫރަތެކެވެ.

އެއްވެސް ހަނގުރާމައެއްގައި ނަޞްރު ލިބޭ ފަރާތެއް ނާކާމިޔާބު ލިބޭ ފަރާތެއް ނޯންނާނެތީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި މަސައްކަތް ކުރުމަކީ ވާޖިބު ކަމެކެވެ.

ރޫސީ– ތުރްކީ ބަދަހި ގުޅުމަކީ ވަރަށް ގިނަ ގޮންޖެހުންތަކެއް ޙައްލުކޮށްދިނުމަށް އެހީވެދޭ ގުޅުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.