އިސްރާއީލު ސިފައިން މިއަދު ޖަނީނު ސަހަރުންނާއި މި ސަހަރުގެ ވަށައިގެން އޮންނަ ރަށްތަކުން ފައިބައިފިއެވެ. ޖަޒީރާ ބުނަގޮތުގައި އިސްރާއީލު ސިފައިން ޖަނީނަށް މިއަދު އަރައި ފަލަސްޠީނުގެ އެތައް ބަޔަކު ޒަޚަމުކޮށް އެތައް ބަޔަކު ހައްޔަރުކުރިއެވެ.
އިސްރާއީލު ސިފައިންނާއި އިސްރާއީލުގެ ދާޚިލީ އަމްނާބެހޭ އިދާރާ (ޝަބާކު) ބުނާގޮތުގައި އެމީހުން ޙަމާސް ޖަމާޢަތުން ތިން މީހަކު ހައްޔަރުކުރިއެވެ. އޭގެތެރޭގައި ޙަމާސުގެ އިސްވާރަކު ހިމެނޭ ކަމަށް އިސްރާއީލުން ބުންޏެވެ.
އިސްރާއީލުން ހާމަކުރިގޮތުގައި އަލްޤައްސާމު ފައުޖުގެ ދެ މީހަކު ޒަޚަމުވިއެވެ. އިސްރާއީލުން ވަނީ މި ދެ މީހުން ހައްޔަރުކޮށްފައެވެ.
ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ފަތަޙަ ޖަމާޢަތުގެ އިސް ބޭފުޅެއް ކަމުގައިވާ ޢަޠާ އަބޫ ރުމައިލާގެ ގެކޮޅަށް އިދްރާއީލު ސިފައިން ވަދެ އޭނާ ވެސް ހައްޔަރުކުރިއެވެ.
ޖަނީނުގެ ސަރުކާރު ހަސްފަތާލުގެ ޑިރެކްޓަރު ހާމަކުރެއްވި ގޮތުގައި އިސްރާއީލު ސިފައިންގެ ވަޒަންތަކުން ޒަޚަމުވެގެން ފަލަސްޠީނުގެ ފަސް މީހަކު ހަސްފަތާލަށް ގެންދިޔައެވެ.
ފަލަސްޠީނު ހަނގުރާމަވެރިންގެ ކުރިމަތިލުން
ފަލަސްޠީނު ސަރާޔާ އަލްޤުދުސް ޖަމާޢަތުގެ ދަށުގައި އޮންނަ ޖަނީން ފައުޖު ބުނާގޮތުގައި ޖަނީން ފޭލިގެއަވަށުގައި ފަލަސްޠީނުގެ ހަނގުރާމަވެރިން އިސްރާއީލުގެ ޑްރޯންތަކަށް ޙަމަލަދީ އޭގެތެރެއިން އެއް ޑްރޯން ވައްޓައިލައި އޭއްޗަށް ވެރިވެގަތަވެ. ޖަނީން ފައުޖު ބުނާގޮތުގައި އެމީހުން އިސްރާއިލު ސިފައިންނަށް އަތުބޮންތަކުން ޙަމަލާދިނެވެ. އިސްރާއީލު ސިފައިން ޖަނީނުން ފޭބީ އެމީހުންގެ މި ޙަމަލާ ނާކާމިޔާބުވެގެންނެވެ.
އަނެއްކޮޅުން ޙަމާސް ބުނާގޮތުގައި އަލްޤައްސާމު ފައުޖަށް އިސްރާއީލު ސިފައިންގެ ބަޔަކު ޖަނީން ފޭލިގެއަވަށަށް އެރިތަން ފެނިގެން އެމީހުންނާ ކުރިމަތިލައި ޙަމަލާތައް ބަދަލު ކުރިއެވެ. ޙަމާސުން ބުނިގޮތުގައި އެމީހުންގެ ބަޔަކު ހައްޔަރުކުރުމަކުން ފަލަސްޠީނުގެ ހަނގުރާމަވެރީންގެ ޙަމަލާތައް ހުއްޓުމަކަށް ނާންނާނެއެވެ.