Support Us

ޔުނެސްކޯގެ ޤަދީމީ ތަރިކައިގެ ތަނަކަށް ފަލަސްޠީނުގެ އަރީޙާ ހަދާތީ އިސްރާއީލު ރަތަށް

ތައްލުއްސުލްޠާން (ޤަދީމީ އަރީޙާ ސަހަރު) ފަލަސްޠީނުގެ ޢާލަމީ ތަރިކައިގެ ތެރޭގައި ހިމެނުމަށް ތަރްބިޔަތާއި ޢިލްމާއި ސަޤާފަތާ ބެހޭ އދގެ ޖަމްޢިއްޔާ (ޔުނެސްކޯ) އިން ނިންމުމުން އިސްރާއީލު އެކަމާ ރުޅި އައިސް ޔުނެސްކޯއާ ދެކޮޅަށް ފާޑުކިޔަން ފަށައިފިއެވެ. 

އިސްރާއީލުގެ (ޔިސްރާއީލު ހިޔޫމް) ދުވަހު ނޫސް މިއަދު ބުނިގޮތުގައި ދެ ހަފުތާ ފަހުން ޖިއްދާގައި ބޭއްވޭ ޔުނެސްކޯގެ މަހާސިންތާގައި ތައްލުއް ސުލްޠާން (ޤަދީމީ އަރީޙާ ސަހަރު) ފަލަސްޠީނުގެ ޢާލަމީ ތަރިކައިގެ ތަނެއް ކަމުގައި ކަނޑައަޅާނެ ކަމަށް ލަފާކުރެވެއެވެ.

އިސްރާއީލުގެ ބަރްލަމާނުގެ ލީކޫޑް ޕާޓީގެ މެންބަރެއް ކަމުގައިވާ ދާން އިލޫޒް މިކަމާ ދެކޮޅު ހައްދަވައި ވާހަކަފުޅު ދައްކަވަމުން މި ވޯޓު ނެގުން ހުއްޓައިލުމަށް ޔުނެސްކޯއަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ކަން ވާނީ ވަރަށް ތައުގީދީ އަރާރުމެއްގެ ތެރެއަށް ޔުނެސްކޯ ވެއްޓޭވެއްޓުމަކަށެވެ.

އޭނާ ވިދާޅުވިގޮތުގައި މީގެ ކުރިން ޚަލީލު ސަހަރާއި ޤުދުސުގެ ޙަރަންފުޅު ފަލަސްޠީނުގެ ޢާލަމީ ތަރިކައިގެ ލިސްޓަށް އިތުރުކުރުމުގެ ސަބަބުން ޔުނެސްކޯ– އިސްރާއީލު ގުޅުންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭނާ ވިދާޅުވިގޮތުގައި އަރީޙާއަކީ ޔަހޫދީންގެ މުޤައްދަސް ފޮތުގައި ވާރިދުވެފައިވާ މުހިއްމު ސަހަރެކެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި ކަން ވާނީ ޔަހޫދީންނަށާއި މަސީޙީންނަށް ކުރެވޭ އިހާނެތި ކަމަކަށެވެ.

އަނެއްކޮޅުން ފަލަސްޠީނުގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޢާލަމީ ތަރިކައާ ބެހޭ ޑިރެކްޓަރު ޖެނެރަލް އަޙްމަދުލް ރަޖޫބު ވިދާޅުވާ ގޮތުގައި ޢައިނުއް ސުލްޠާން (ސުލްޠާން ފެން އާރު) އަކީ އަރީޙާ އެ ހިސާބުގައި ބިނާކުރެވި އާރާސްތުވެގެން ދިޔަ ސަބަބެވެ. މި ރަށް ބިނާކުރީ 10،500 އަހަރު ކުރިންނެވެ.

އައްރަޖޫބު ވިދާޅުވި ގޮތުގައި މިއީ ވަށައި ފާރުލައިގެން ބިނާކުރި ދުނިޔޭގެ ޒިރާޢީ ފުރަތަމަ ރަށެވެ. މި ރަށުގެ ވަށައިގެން ލައިފައިވާ ފާރުގެ ބޭރުގައި ތިން މީޓަރުގެ ފުން ޚަންދަޤެއް އޮންނަ ކަމަށް ވެސް އައްރަޖޫބު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *