ކާމިޔާބުކަމާއެކު ހަނދުގެ ދެކުނު ތަނޑިއަށް އިންޑިޔާއިން ހެދިހަނދެއް ތިރިކުރުވުމަށްފަހު އިރު ދިރާސާކުރުމަށް ޓަކައި ޚާއްޞަ ޖައްވީ އުޅަނދެއް މިއަދު ހަވާއަށް ފޮނުވައިފިއެވެ.
އިންޑިއާ ބުނާގޮތުގައި ހަތަރު މަސްދުވަހުގެ ތެރޭގައި މި އުޅަނދު އިރާ 1.5 މިލިއަން މޭލާ ކައިރި ހިސާބެއްގައި ވަށަލަކުރަން ފަށާނެތެވެ. މި އުޅަނދު އުދުއްސައިލިތާ ދޮޅު ގަޑިއެއްހާއިރުގެ ތެރޭގައި ވަނީ ހަވާގެތެރެއަށް ނުކުމެ ދަތުރު ފަށައިފައެވެ. މި ހެދިހަނދުގައި އިރުގެ ބޭރު ފަށަލަތައް ދިރާސާ ކުރުމަށް ޓަކައި ސައެންސީ ހަތް އާލަތް ހަރުކޮށްފައި ވެއެވެ. އިންޑިޔާގެ ހަވާޔާ ބެހޭ ދިރާސާތައް ކުރާ މަރްކަޒު ބުނާގޮތުގައި މި ހަނދުން އިރުގެ ކޮރޯނާ (އިރުގެ މަތީ ޖައްވީ ފަށަލަ) އާއި ކޮރޮމްސްފިޔަރ (އިރުގެ ޕްލާޒްމާގެ ތުނި ފަށަލަ) އާއި ފޮޓޮސްފިޔަރ (އިރުގެ ފެންނަ ފަށަލަ) އާއި އިރުގެ ވައި ދިރާސާކުރާނެތެވެ.
މި ދިޔަ ހަފުތާގައި އިންޑިޔާއިން ކާމިޔާބުކަމާއެކު ހަނދަށް ޖައްވީ އުޅަނދެއް ފޮނުވުމުން އިންޑިޔާއަކީ ހަނދަށް ދިޔަ ހަތަރު ވަނަ ޤައުމެވެ. ރަޝިޔާއާއި އެމެރިކާއާއި ޗައިނާއަށް ފަހުގައެވެ.
އިންޑިޔާއިން 2014ގައި ވަނީ މިއްރީޚު ގުރަހަ ދިރާސާ ކުރުމަށް ޓަކައި ޓެލެސްކޯޕެއް ފޮނުވައިފައެވެ.
އިންޑިޔާ ބުނާގޮތުގައި އިންޑިޔާއިން މި އަންނަ އަހަރު ހަވާއަށް އިންސާނުންގެ ޖައްވީ އުޅަނދެއް ފޮނުވާނެއެވެ.