...

Support Us

ޕޫޓިން އުރްދުޣާނާ ބައްދަލު ކުރައްވަނީ

ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާނާ މި އަންނަ ހޯމަ ދުވަހު ބައްދަލު ކުރައްވާނެ ކަމަށް ކްރެމްލިނުން ރޭ ބުނެފިއެވެ. މި ބައްދަލުކުރެއްވުން އޮންނާނީ ރަޝިޔާގެ ކަޅުކަނޑުގެ އައްސޭރިފަށުގައި އޮންނަ ސޫޗީ ސަހަރުގައި ކަމަށް ވެސް ކްރެމްލިނުން ބުންޏެވެ.

ތުރްކީން މަސައްކަތްކުރަނީ އަންކަރާ މެދުވެރިވެގެން ރަޝިޔާއާއި ޔުކްރޭން އެއްބަސްވެފައިވާ ގޮވާން ބޭރުކުރުމާ ބެހޭ އެއްބަސްވުން އައު ކުރެވޭތޯއެވެ. މި މުޢާހަދާގައި ހިމެނޭ ރަޝިޔާއާ އެއްކޮޅަށް ހުރި މާއްދާތަކަށް ހުޅަނގުން ޢަމަލު ނުކުރާތީ ރަޝިޔާ ވަނީ މި ދިޔަ ޖުލައި މަހު މި އެއްބަސްވުމުން ވަކިވެފައެވެ. މި އެއްބަސްވުން ބުނާގޮތުގައި ޔުކްރޭނަށް އެ ޤައުމުގެ ގޮވާން ބޭރުކުރެވޭގޮތަށް ރަޝިޔާއަށް އެ ޤައުމުގެ ގޮވާމާއި ކާދު ބޭރުކުރެވޭނެއެވެ. މީގެ އިތުރަށް ރަޝިޔާ ބުނާގޮތުގައި ޔުކްރޭނުން ބޭރުކުރާ ގިނަ ގޮވާންތައް ދަނީ ފަޤީރު ޤައުމުތަކަކަށެއް ނޫނެވެ. އެހެނަސް ހުޅަނގުގެ މުއްސަނދި ޤައުމުތަކަށެވެ.

މިދިޔަ ބުރާސްފަތިދުވަހާއި ހުކުރު ދުވަހު ތުރްކީގެ ޚާރިޖީ ވަޒީރު ހާކާން ފީދާން ވަނީ ރަޝިޔާއަށް ދަތުރުފުޅެއް ކުރައްވައިފައެވެ. އޭނާ މި ދަތުރުފުޅުގައި އެންމެ ބޮޑަށް މަޝްވަރާކުރައްވައިފައިވަނީ ގޮވާން ބޭރުކުރުމާ ބެހޭގޮތުންނާއި ޕޫޓިން- އުރްދުޣާން ބައްދަލުކުރެއްވުމާ ބެހޭގޮތުންނެވެ.

ރޫސީ ދިފާޢީ ވަޒީރު ޝުވިގޯ ވިދާޅުވި ގޮތުގައި ގޮވާމާ ބެހޭ އެއްބަސްވުން ނާކަމިޔާބުވީ ރަޝިޔާއާ ހެދިއެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި މި އެއްބަސްވުމުގައި ހިމެނޭ ރަޝިޔާއާ ބެހޭ ކަންތައްތަކަށް އިޖާބަ ހަމަ ދޭއިރަށް ރަޝިޔާއިން އެއްބަސްވުމަށް އަނބުރާ ދާނެއެވެ. އެހެނަސް އެއީ ވަޢުދުތަކަކަށް ވެގެން ނުވާނެއެވެ.

ގޮވާމާ ބެހޭ މުޢާހަދާގައި މިދިޔަ އަހަރު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޝުވިގޯ ބައިވެރިވެވަޑައިގަތެވެ.

ތުރްކީގެ ޚާރިޖީ ވަޒީރު ފީދާން ވިދާޅުވާ ގޮތުގައި ގޮވާމާބެހޭ މުޢާހަދާއަކީ ވަރަށް މުހިއްމު އެއްބަސްވުމެކެވެ.

ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވިދާޅުވާ ގޮތުގައި މި އެއްބަސްވުން ދިރުވުމަށް ބޭނުންވާ އެއްވެސް ޢަލާމާތެއް ހުޅަނގުން ދައްކައިފައެއް ނުވެއެވެ. އޭނާ ވިދާޅުވިގޮތުގައި ކާބޯތަކެތީގެ ޢާލަމީ ދަތިކަމެއް އުފެދިފައިވާ ކަމަށް ހުޅަނގުން ދައްކާ ވާހަކަތަކަކީ ތެދު ޙަޤީޤަތެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ ބާޒާރުގައި ކާބޯތަކެތީގެ އަގު އަދިވެސް ހުރީ ހަމަ 2021ގެ އަގުތަކުގައެވެ. އޭނާ ވިދާޅުވިގޮތުގައި ރައީސް ޕޫޓިން ވަނީ ބުރްކީނާ ފާސޯއަށާއި މާލީއަށާއި ޒިމްބާބުވީއަށާއި ޞޫމާލަށާއި އެރީތްރިޔާއަށާއި މެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާއަށް އެއިން ކޮންމެ ޤައުމަކަށް ހިލޭ 50 ހާސް ޓަނުގެ ގޮވާން ހަދިޔާ ކުރައްވައިފައެވެ.

ތިން އަހަރު ދުވަހު މުއްދަތަށް އެއްބަސްވި މި އެއްބަސްވުން ބުނާގޮތުގައި ރަޝިޔާގެ ކާބޯތަކެއްޗާއި ކާދު ބޭރުކުރުމަށް އދ ން އެހީވާނެއެވެ. ނަމަވެސް އެއް އަހަރު ހަމަވިއިރު ވެސް ހުޅަނގުން މި އެއްބަސްވުމަށް އިޙްތިރާމުނުކުރުމުގެ ސަބަބުން އެއްބަސްވުމުން ރަޝިޔާ ބޭރުވީއެވެ.

ލެވްރޯވް އިއްޔެ ތުރްކީގެ ވަޒީރާ ބައްދަލުކުރެއްވުމަށްފަހު ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން ވަރަށް ހެޔޮ އަގެއްގައި ތުރްކީއަށް އެއް މިލިޔަން ޓަނުގެ ގޮވާން ވިއްކާނެއެވެ. ތުރްކީގެ ކާރުޚާނާތަކުގައި މި ގޮވާންތައް ފުނޑައި މުގުރާ ހެދުމަށްފަހު ގޮވާމަށް އެންމެ ބޭނުންވާ ޤައުމުތަކަށް ބޭރުކުރާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޤަޠަރާއެކުގައި ވެސް ރަޝިޔާއިން ވަނީ މިފަދަ އެއްބަސްވުމެއް ހަދައިފައެވެ.

ރަޝިޔާއިން އެދޭ ކަންތައްތަކުގެ ތެރޭގައި އެ ޤައުމުގެ ދަނޑުވެރިކާމާ ބެހޭ ބޭންކް ސްވިފްޓް ނިޒާމަށް އަނބުރާ ވެއްދުން ވެއެވެ. ޔޫރަޕްގެ އިއްތިޙާދުން ވަނީ ރަޝިޔާގެ މި ބޭންކް ސްވިފްޓް ނިޒާމުން 2022 ގައި ބޭރަށް ލައިފައެވެ.

ޔުކްރޭންގެ ބޮޑުވަޒީރުގެ ނައިބު ހާމަކުރެއްވި ގޮތުގައި ޔުކްރޭންގެ އޮޑިއްސާ ބަނދަރުން ޔުކްރޭނުގެ ދެ ބޯޓު ގޮދަން އަރުވައިގެން އިއްޔެ ވަނީ ފުރައިފައެވެ. މިއީ ރަޝިޔާއިން މި އެއްބަސްވުމުން ވަކިވި ފަހުން ޔުކްރޭނުން ގޮވާން އަރުވައިގެން ކަޅުކަނޑު މަގުން ފުރި ހަތަރު ވަނަ ބޯޓެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.