...

Support Us

ގޮވާން ބޭރުކުރުމުގެ އެއްބަސްވުމަށް އަނބުރާ ދިޔުމަށް ރަޝިޔާ އޮތީ ތައްޔާރަށް

ކަޅުކަނޑު ހުރަސްކޮށް ޔުކްރޭނުގެ ގޮވާން ބޭރުކުރުމާ ބެހޭ އދގެ އެއްބަސްވުމަށް އަލުން ޢަމަލުކުރަން ފެށުމާ ބެހޭގޮތުން އައު ހުށައެޅުންތަކެއް ތުރްކީން ތައްޔާރުކޮށްފައިވާ ކަމަށް ތުރްކީގެ  ޚާރިޖީ ވަޒީރު ހާކާން ފީދާން މިއަދު މޮސްކޯގައި ވިދާޅުވެއްޖެއެވެ. އޭނާ ރޫސީ ޚާރިޖީ ވަޒީރު ސަރގީ ލެވްރޯވާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވިގޮތުގައި އެއްބަސްވުން އަލުން ދިރުވުމަށް ތުރްކީގެ ހުށައެޅުންތަކަކީ ވަރަށް މުނާސަބު ހުށައެޅުންތަކެކެވެ. 

މި ސިޔާޤުގައި ވާހަކަފުޅު ދައްކަވަމުން ރޫސީ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި މިހާރު ހުރި މަސްއަލަތައް ޙައްލުކުރެވުނުހާ އަވަހަކަށް ރަޝިޔާ އޮތީ މި އެއްބަސްވުމަށް ޢަމަލުކުރާން ފެށުމަށް ތައްޔާރަށެވެ.

ތުރްކީގެ ޚާރިޖީ ވަޒީރު ފީދާން މި ބަޔާން ދެއްވީ ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވާ ބައްދަލު ކުރެއްވުމަށް ފަހުގައެވެ. ފީދާން ވިދާޅުވިގޮތުގައި ތުރްކީ މެދުވެރިގެން ރަޝިޔާއާ ޔުކްރޭނާ ދެމެދުގައި ސޮއިކުރެވުނު އދގެ އެއްބަސްވުމަކީ "މުހިއްމު" އެއްބަސްވުމެކެވެ. އެހެނަސް މި އެއްބަސްވުމުގެ ސަބަބުން ރަޝިޔާގެ އިޤްތިޞާދަށް ލިބެން ޖެހޭ ދުޅަހެޔޮކަން ލިބިފައިނުވާ ކަމަށް ފީދާން ވިދާޅުވިއެވެ. މިހެންވެ މި ކަމުގައި ރަޝިޔާގެ އެދުންތަކެއް އެބައޮތެވެ.

މިދިޔަ އަހަރު ސޮއިކުރި މި އެއްބަސްވުމުގައި ހިމެނޭ ރަޝިޔާގެ އެއްވެސް ޝަރްޠަކަށް ޢަމަލުކޮށްފައި ނުވާތީ ރަޝިޔާއިން މި ދިޔަ ޖުލައި މަހު ވަނީ މި އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓައިލައިފައެވެ. އެ ވަގުތުން ފެށިގެން އަންކަރާއިން މަސައްކަތް ކުރަމުން ދަނީ މޮސްކޯ އަނބުރާ މި އެއްބަސްވުމަށް ގެންދެވޭތޯއެވެ.

ފީދާން ވިދާޅުވިއެވެ. "އަހުރެމެންގެ މި އިސްނެގުމަކީ ޢާލަމީ ކާބޯތަކެތީގެ އަމާންކަމަށާއި ކަޅުކަނޑުގެ ޞުލްޙަމަސަލަސްކަމަށް ވަރަށް މުހިއްމު ކަމެކެވެ."

ފީދާން ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރަޝިޔާއާށް ވަޑައިގަތީ މިއަދުއެވެ. މި ދަތުރުފުޅުގައި އޭނާ ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވާއެކު ވާހަކަފުޅު ދައްކަވާނީ ބައިނަލްއަޤްވާމީ މަސްއަލަތަކާއި ސަރަޙައްދީ ފައިލްތަކާ ބެހޭގޮތުންނެވެ. އޭގެތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ދެ މަސްއަލައަކީ ޔުކްރޭންގެ ހަނގުރާމަ ހުއްޓުމާއި ޔުކްރޭންގެ ގޮވާން ބޭރުކުރުމާ ބެހޭ މަސްއަލައެވެ.

އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށް ރަޝިޔާ އޮތީ ތައްޔާރަށް

އަނެއްކޮޅުން ރޫސީ ޚާރިޖީ ވަޒީރު ސަރްގީ ލެވްރޯވް ވިދާޅުވިގޮތުގައި އެއްބަސްވުމުގައި ޙައްލު ނުކުރެވި ހުރި މަސްއަލަތައް ޙައްލުކުރެވުމުން ރަޝިޔާ އޮތީ އެއްބަސްވުމަށް ޢަމަލުކުރަން ތައްޔާރަށެވެ. އޭނާ ވިދާޅުވިގޮތުގައި މި އެއްބަސްވުމާ ބެހޭގޮތުން ހުޅަނގުން ކުރަންޖެހޭ ކަންތައްތައް ވާނީ ތުރްކީގެ ސަމާލުކަމަށް ގެނެސްފައެވެ. ހުޅަނގުން ކަށަވެތިވާން ޖެހޭ ކަންތައްތަކަށް ކަށަވެތިނުވެ އެއްބަސްވުމަށް ޢަމަލެއް ނުކުރެވޭނެއެވެ. 

ލެވްރޯވް ވިދާޅުވިގޮތުގައި "ތުރްކީގެ ބައިވެރީންނަށް އަހުރެމެން ވާނީ ހުޅަނގުން ޢަމަލުކުރާން ޖެހޭ ކަންތައް ވިސްނައިދީފައެވެ. މި އިސްނެގުމަށް އަލުން ޢަމަލުކުރުމުގެ ކުރިން ހުޅަނގުން އެ ކަންތައްތައް ކުރަން ޖެހޭނެއެވެ."

ތުރްކީގެ ވަޒީރާއި ރޫސީ ވަޒީރު ވިދާޅުވި ގޮތުގައި "ތުރްކީގެ އިސްނެގުމުގައި ހުރި ފަންނީ މަސްއަލަތަކާމެދު ތަފްޞީލުކޮށް މަޝްވަރާކުރެވުނެވެ." ފީދާން ވިދާޅުވިއެވެ. "ފަންނީ އެތައް ތަފްޞީލުތަކެއް އެބަހުށްޓެވެ. ދެ ޤައުމުގެ ޒަޢީމުންގެ ބައްދަލު ކުރެއްވުމުގައި އެ ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވުމުގެ ކުރިން އަހުރެމެން އެ ތަފްޞީލުތަކާ ބެހޭ މަޝްވަރާތައް ނިންމާނަމެވެ."

މި މަސއްލައާ ބެހޭގޮތުން ކްރެމްލިންގެ ތަރްޖަމާނު ބިސްކޯވް  މިއަދު ވިދާޅުވިގޮތުގައި ގޮވާމާ ބެހޭ އެއްބަސްވުމުގައި އިތުރަށް ވާހަކަދައްކަންޖެހޭ އެއްވެސް ތަފްޞީލެއް ނެތެވެ. މި އެއްބަސްވުމުގައި ހުރި ރަޝިޔާ ބެހޭ ކަންތައްތައް ފުއްދައިދިނުމުން މި އެއްބަސްވުމަށް ޢަމަލުކުރުމަށް މޮސްކޯ އޮތީ ތައްޔާރަށެވެ.

ރޫސީ ރައީސް ޕޫޓިން ވިދާޅުވެފައިވާ ގޮތުގައި "އދ ން މަސައްކަތްތައް ކުރާއިރުގައި ވެސް ހުޅަނގުގެ ޤައުމުތަކުން އެ ޤައުމުތަކުގެ ބޮލުގައި އެޅިފައިވާ ވަޢުދުތައް ފުއްދައެއް ނުދެއެވެ."   

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.