...

Support Us

3 އަހަރުގެ ތެރޭގައި އެފްރިކާގައި 8 އިންޤިލާބު

މެދުތެރޭ އެފްރިކާގެ ޤައުމެއް ކަމުގައިވާ ގެބޯންގައި ޢަސްކަރިއްޔާގެ އިސްވާރުން މަދަނީ ސަރުކާރު ވައްޓައިލީ 30 އޮގަސްޓްގައެވެ. އެ މީހުން ވެރިކަމަށް އިސްވުމަށްފަހު، އެ ޤައުމުގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަނީ ބާޠިލު ކޮށްފައެވެ. މި އިންތިޚާބު ތިން ވަނަ ދައުރަކަށް ކާމިޔާބު ކުރައްވައިފައިވަނީ ރައީސް ޢަލީ ބޮންގޯއެވެ. ރައީސް ބޮންގޯގެ ކުރިން އޭނާގެ ބައްޕާފުޅު ޢުމަރު ބޮންގޯ ވަނީ އެ ޤައުމުގެ ވެރިކަމަށް 1967 ގައި އިސްވެވަޑައިގެންފައެވެ. އޭނާ 2009ގައި އަވަހާރަވުމުން ދެން ވެރިކަމަށް އިސްވެވަޑައިގަތީ އޭނާގެ ދަރިކަލުން (ޢަޒްލުކުރި ރައީސް) ޢަލީ ބޮންގޯ އެވެ. އޭނާއަށް މި ފަހަރު ވެރިކަން ލިބިވަޑައިގަތީ ތިން ވަނަ ދައުރަކަށެވެ. ގެބޯންގައި ރައީސްގެ ރިޔާސަތީ ދައުރަކީ ހަތް އަހަރެވެ.

ގެބޯންގެ ޢަސްކަރީ އިސްވާރުން އިންތިޚާބުގެ ނަތީޖާ ބާޠިލު ކުރީ އެ އިންތިޚާބުގައި މަކަރުހަދައި އޮޅުވައިލައިފައިވާ ކަމަށް ބުނެއެވެ. މި ނަތީޖާގައި އެއްވެސް ތެދުވެރިކަމެއް ނެތްކަމަށް އެ މީހުން ބުނެއެވެ.

މި އިންޤިލާބަށް އެ ޤައުމުގެ ޢާންމު ރައްޔިތުންގެ ތާއީދު ދަނީ ލިބެމުންނެވެ. ހުޅަނގު އެފްރިކާއަށް ގެނެސްފައިވާ ޢަސްކަރީ އިންޤިލާބުތަކުގެ ޚުލާޞާއަކަށް ބަލައިލަމާ ހިނގާށެވެ! 

ނައިޖަރު   

ނައިޖަރުގެ ޢަސްކަރިއްޔާއިން އެ ޤައުމުގެ ރައީސް މުޙައްމަދު ބާޒޫމު ވައްޓައިލީ މި ހުސްވި ޖުލައި މަހުގެ ފަހުކޮޅުގައެވެ. އެއީ އެ ޤައުމުގެ "ތަންފީޒީ ހިންގުން ދޯދިޔާކަމުންނާއި ޤައުމުގެ ސަލާމަތީ ޙާލަތު ނުބައިވުމުގެ ސަބަބުން" ކަމަށް އިންޤިލާބީ ޒަޢީމުން ބުނެފައިވެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޢަސްކަރީ ވެރީން ވަނީ ރިޔާސީ ފާރަވެރިންގެ ބާރުގެ ވެރިޔާ ޖެނެރަލް ޢަބްދުއްރަޙްމާނު ތިޔާނީ އެ ޤައުމުގެ ރައީސްކަމަށް އިސްކޮށްފައެވެ.

މި އިންޤިލާބުގެ ސަބަބުން ހުޅަނގު އެފްރިކާގެ ދީމުޤްރާޠީ ނިޒާމަށް ލޮޅުން އަރައިފައިވާ ކަމަށް ތުހްމަތުކުރައްވައި އެކޮވަސް ޖަމާޢަތުގެ ވެރީން ވަނީ ނައިޖަރަށް ދީމުޤްރާޠީ ނިޒާމު އިޢާދަކުރެއްވުމަށް ޓަކައި ފިޔަވަޅުތައް އަޅުއްވަން ފަށްޓަވައިފައެވެ. ހުޅަނގު އެފްރިކާގެ އިޤްތިޞާދީ ޖަމާޢަތުން އިންޒާރުދީފައިވާ ގޮތުގައި ނައިޖަރަށް ދީމުޤްރާޠީ ނިޒާމު އިޢާދަކުރުމަށް ޓަކައި އެ ޖަމާޢަތުން ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ކުރާނެއެވެ. އޭގެތެރޭގައި ޢަސްކަރީ ޚިޔަރުވެސް ވެއެވެ.

އެފްރިކާގެ އިއްތިޙާދުން މިހާރު ވަނީ ނައިޖަރު އެ އިއްތިޙާދުގެ މެންބަރުކަމުން ވަގުތީ ގޮތުން ވަކިކޮށް އެފްރިކާއާ އެކަހެރިކޮށްފައެވެ.

އަވަށްޓެރި މާލީއާއި ބުރްކީނާ ފާސޯއިން ވަނީ ނައިޖަރުގެ އިންޤިލާބަށް ތާއީދުކޮށްފައެވެ. އެކޮވަސްއިން ނައިޖަރަށް އަރައިފިނަމަ އެ ދެ ޤައުމުން ނައިޖަރާއެކު ހަނގުރާމަ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ބުރްކީނާ ފާސޯ

ޖަނަވަރީ 2022 ގައި ބުރްކީނާ ފާސޯގެ ސިފައިން ވަނީ އެ ޤައުމުގެ ރައީސް ރޮކް ކަބޯރީ ވެރިކަމުން ވައްޓައިލައިފައެވެ. އެއީ ހަތިޔާރު އެޅި އިސްލާމީ ޖަމާޢަތްތަކާ ހަނގުރާމަ ކުރެއްވުމުގައި ރައީސް ކަބޯރީ ނާކާމިޔާބުވެވަޑައިގަތްފައިވާތީ އެވެ.

އިންޤިލާބީ ޒަޢީމު ލެފްޓްނަންޓް ކާނަލް ޕޯލް ހެންރީ ދަމީބާ އަށް ޤައުމަށް އަމާންކަން ގެނެސްނުދެއްވުމުގެ ސަބަބުން ސިފައިން ވަނީ ސެޕްޓެންބަރު 2022 ގައި އޭނާ ވައްޓައިލައިފައެވެ. އައު އިންޤިލާބީ ޒަޢީމަކީ ކެޕްޓަން އިބްރާހީމު ޓްރަވަރީއެވެ.

ގީނިޔާ 

ގީނިޔާގެ ރައީސް އަލްފާ ކޮންޑީ ވެރިކަމުން ވައްޓައިލީ  ސެޕްޓެންބަރު 2021 ގައި ގެނައި އިންޤިލާބެއްގައެވެ. އޭގެ އެއް އަހަރު ކުރިން ރައީސް ކޮންޑީ ވަނީ އޭނާއަށް ތިންވަނަ ދައުރަކަށް ރައީސްކަމަށް ކުރިމަތިލެއްވޭ ގޮތަށް ޤާނޫނު އަސާސީ ބަދަލު ކުރައްވައިފައެވެ. އިންޤިލާބީ ވެރިން ރައީސްކަމަށް އިސްކުރީ ކާނަލް މަމާދީ ޑޮމްބޯޔާއެވެ. އޭނާ ވިދާޅުވާ ގޮތުގައި ތިން އަހަރުގެ ތެރޭގައި އޭނާ މަދަނީންނާ ވެރިކަން ޙަވާލުކުރައްވާނެއެވެ. އެހެނަސް އެކޮވަސް ޖަމާޢަތުން މި ހުށައެޅުން ޤަބޫލުނުކުރުމުގެ ސަބަބުން އޭނާ ވަނީ މި މުއްދަތު ދެ އަހަރަށް ކުރުކުރައްވައިފައެވެ.

ޗާޑް

ޗާޑްގެ ރައީސް އިދްރީސް ދީބީ އެޕްރީލް 2021 ގައި ހަނގުރާމައިގެ މައިދާނުގައި އަވަހާރަވުމުން އެ ޤައުމުގެ ވެރިކަމަށް އިސްވީ ސިފައިންނެވެ. ޗާޑްގެ ޤާނޫނު ބުނާގޮތުން ރައީސް އަވަހާރަވެއްޖެނަމަ ވެރިކަން ލިބިވަޑައިގަންނަވާނީ ބަރްލަމާނުގެ ރައިސަށެވެ. ނަމަވެސް ސިފައިން މި ކަމުގެތެރެއަށް ވަދެ ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމުގެ ނަމުގައި ޗާޑަށް އިންޤިލާބެއް ގެނައީއެވެ.  

ސިފައިން ވެރިކަމަށް އިސްކުރީ އަވަހަރަވި ރައީސްގެ ދަރިކަލުން ޖެނެރަލް ދީބީއެވެ. އޭނާއާ ވެރިކަން ޙަވާލު ކުރީ 18 މަސްދުވަހުގެ އިންތިޤާލީ މަރްޙަލާއެއްގައެވެ. މިއަންނަ އަހަރުގެ ފެބްރުވަރީގައި ޢާންމު އިންތިޚާބު ބޭއްވުމަށް ވަނީ އެއްބަސްވެފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.