Support Us

ޒައިނާ: އިދިކޮޅު ޓީމަށް ބޯޅަ ބްލޮކު ކުރުމަށް އަތް ނަގައިގެން -އަދިވެސް ފޮޓޯ: އަހުމަދު އާސިފް/ފިޔޯރީ

ޒައިނާ: ފިޔޯރީގެ ވޮލީ ރާނީ

ހުވަދު އަތޮޅުގެ އެކި ރަށްރަށް މަޝްހޫރުވެފައި އޮންނަނީ އެކި ކަންކަމަށެވެ. އެގޮތުން ފިޔޯރީ އަކީ ވޮލީބޯޅަ އަށް ފޯރި ގަދަ ރަށެކެވެ. ޚާއްސަކޮށް އަންހެނުންގެ ވޮލީ އަށެވެ. ނިމިގެންދިޔަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ ރަށުގައި ބޭއްވި ވޮލީ މުބާރާތް ވެގެން ގޮސްފައި ވަނީ ވެސް އެފަދަ ފޯރިގަދަ މުބާރާތަކަށެވެ.

ޒައިނާ (ފަހަތުގައި ކަނާތުން ތިން ވަނަ އަށް): "ކަރަންކާ ހޮލިޑޭ ފިއެސްޓާ"ގައި މިދިޔަ އަހަރު ކުޅެނީ -އަދިވެސް ފޮޓޯ: އަހުމަދު އާސިފް/ފިޔޯރީ

އެ މުބާރާތުގައި އެންމެ ބޮޑަށް ފާހަގަވީ، ޒުވާން ކުޅުންތެރިޔާ ޢައިޝަތު ޒައިނާ އިބްރާހީމްގެ ހުނަރެވެ. އުމުރުން 17 އަހަރުގެ ޒައިނާގެ މޮޅު ކުޅުމާއި ބާރު ޝޮޓްޖެހުންތައް ވެފައި ވަނީ މުޅި ރަށް ހައިރާންކޮށްލުވި ކަމަކަށެވެ. އޭނާ އަށްވުރެ މާ ދޮށީ އަދި ތަޖުރިބާކާރު ކުޅުންތެރިންނާ ވާދަކޮށް، "26 ކަޕް 2020″ ގެ އަންހެން ޑިވިޝަންގެ ވޮލީ ކުއީނަކަށް ހޮވުނީ ޒައިނާއެވެ.

މި އޮގަސްޓް 21 ގައި 18 އަހަރު ފުރޭ ޒައިނާ އަކީ އޭނާގެ ވަރަށް ޅަ އުމުރުގައި ވެސް ކުޅިވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ދައްތަމެންނާއެކު އެކި ކުޅިވަރުތައް ކުޅުމަކީ އޭނާ ވަރަށް ކުރާ ހިތުން ކުރި ކަމެކެވެ. ޚާއްޞަކޮށް ވޮލީ އެވެ.

ޒައިނާ (މެދުބަރީގައި ވާތުން ދެވަނަ އަށް): "26 ކަޕް 2020″ ގެ ޓީމާއެކު.. -އަދިވެސް ފޮޓޯ: އަހުމަދު އާސިފް/ފިޔޯރީ

"ފުރަތަމަ ވޮލީ ކުޅެން ފެއްޓީ ސްކޫލްގެ އިންޓަރ ހައުސްގައި. އެކަމަކު އަބަދުވެސް ދައްތަމެންނާއެކު ދަން ކުޅެން،" ޒައިނާގެ ކުޅުން ފެށިގެން އައި ގޮތް ކިޔައިދެމުން ބުންޏެވެ.

ޒައިނާ: ޝޮޓެއް ޖެހުމަށް ފުންމައިގެން އަރައިފައި -އަދިވެސް ފޮޓޯ: އަހުމަދު އާސިފް/ފިޔޯރީ

ފިޔޯރީ ފިޠްރީ ސްކޫލްގެ ކަނޑޫ ހައުސް އަށް  2014 ވަނަ އަހަރުން ފެށިގެން 2018 އަށް ކުޅެ، ތަފާތު ކާމިޔާބީތައް ހޯދުމަށް ފަހު ދެން ޒައިނާ ކުރިމަތިލީ ކަރަންކާ ސްޕޯޓްސް ކްލަބުން ބޭއްވި "ކަރަންކާ ހޮލިޑޭ ފިއެސްޓާ" އާއެވެ. އެއިރު އޭނާގެ ޢުމުރަކީ އެންމެ 15 އަހަރެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއެވެ. އަދި 2019 ވަނަ އަހަރު އެ ކްލަބުން ބޭއްވި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ވެސް ޒައިނާ ހޯދިއެވެ.

ޒައިނާ ހިނިތުންވެފައި. ކުރިއަށްދާން ބޭނުން -އަދިވެސް ފޮޓޯ: އަހުމަދު އާސިފް/ފިޔޯރީ

"ވޮލީ ކުޅުމުގެ ޝައުގުވެރިކަން ބޮޑުވުމުގެ ސިއްރަކީ ރަށުގެ މީހުން ކޮންމެ ދުވަހަކުވެސް ކުޅެން ނުކުތުން. އަންހެން ފިރިހެން އެއްކޮށް ކުޅޭ ދުވަސް ވެސް އާދޭ. މީހުން ހަމަނުވިއަސް ފަރިތަކުރާނެ. އެހެންވެ ކުޅެން ވަރަށް ބޮޑަށް ފުރުސަތު ލިބޭ،" މުސްތަޤްބަލްގައި ފުލުހަކަށް ވުމުގެ ޢަޒްމުގައި ހުރި ޒައިނާ ކިޔައިދިނެވެ.

ޒައިނާ އަކީ ހަމައެކަނި ވޮލީބޯޅަ ކުޅުންތެރިޔެކޭ ބުނެ ނިންމާލެވޭކަށް ނެތެވެ. ޒައިނާގެ އަތް ވޮލީ ބޯޅައަށް ފަރިތަ ވަރަށް ފުޓްސަލް އަށް އޭނާގެ ފައި ވެސް ފަރިތައެވެ. ދަނޑަށް ހަލުވިވެފައި ހުނަރުވެރިއެވެ. ރަށުގައި ބާއްވާ އެކި ފުޓުސަލް މުބާރާތްތަކުގައި އޭނާ ވާދަކުރެ އެވެ. ގޯލް ޖަހަ އެވެ.

ޒައިނާ ފުޓްސަލް މުބާރާތުގައި ކުޅެނީ. -އަދިވެސް ފޮޓޯ: އަހުމަދު އާސިފް/ފިޔޯރީ

"އަންހެނުންނަށް ލިބޭ ކުޅިވަރު ފުރުސަތުތަކުގައި ބައިވެރިވުމަކީ ވަރަށް ބޮޑަށް އުފާވާ ކަމެއް،" ޒައިނާ ބުންޏެވެ.

ޒައިނާ ބުނިގޮތުގައި ކާމިޔާބަކީ ވަކި ޢުމުރަކާ ގުޅިފައިވާ ކަމެއް ނޫނެވެ. ހިތްވަރުކޮށްފިއްޔާ އެންމެ ކައިރީގައި ވަނީ ކާމިޔާބެވެ.

ޒައިނާ އަށް ހުރިހާ ވެސް ކާމިޔާބީއެއް އެދެމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
15
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *