Support Us

ކޮލަމް ކޯދު: ބަކަރި ހުއިހެއްޕުމުގެ މައްޗަށް ނަޒަރެއް ހިންގައިލުން

ބަކަރި ހުއިހެއްޕުމުގެ މައްސަލައަކީ މިހާރު ބަހުސުކުރެވެމުންދާ މައްސަލައެކެވެ. އެއީ ކޮން މަސައްކަތެއްކަން ސީދާ ބަޔާންކޮށްދީފައިވާ ތަން ނުފެނުނަސް، އެއީ ކޮން ކަމެއްކަން އެންމެނަށް ވެސް އެނގޭ ކަހަލައެވެ. އެހެނީ ފެންނަ ވާހަކަތަކުގައި ބައެއް ފަހަރު އެއީ 'ދެރަ' މަސައްކަތެއް ކަމުގައި ފާހަގަކުރެވެއެވެ. އަދި، އަނެއް ބައިފަހަރު، އެއީ އިހުގައި އެކަނި ކުރި މަސައްކަތެއް ނޫންކަމާއި އަދި މިހާރު ވެސް 'ބައެއް' ތަންތަނުގައި، އާދެ، ޕާކިސްތާނާއި ބަންގްލާދޭޝް ފަދަ ތަންތަނުގެ ރަށްފުށުގައި، ކުރެވޭ މަސައްކަތެއް ކަމުގައި ފާހަގަކުރެވޭތަން ވެސް ފެނެއެވެ. ކޮންމެއަކަސް، މިފަދަ ވާހަކަތައް ލިޔެފައި ހުރި ލިޔުންތައް ފެނިފައި މި މައުޟޫއާ މެދު އެއްޗެއް ބުނެލާ ހިތްވީއެވެ.

އެންމެ ފުރަތަމަ 'ބަކަރި ހުއިހެއްޕުން’، މި އިބާރާތުގެ މާނައާ މެދު އެއްޗެއް ބުނެލަން ޖެހެއެވެ. ބަކަރި ހުއިހެއްޕުން، މި އިބާރާތް އުފެދިފައި އޮތީ ތިން ލަފްޒަކުންނެވެ. 'ބަކަރި’، 'ހުއި، އަދި 'ހެއްޕުން’، މި ތިން ލަފްޒުންނެވެ. މިތާނގައި ބަކަރި އިޝާރަތް ކުރަނީ ހަތަރު މޮއްގަނޑު ލީ، އިންސާނުން ގެންގުޅޭ ވަކި ޖަނަވާރަކަށެވެ. އެ ޖަނަވާރުގެ ކިރާއި މަހުގެ ބޭނުމުގެ ތަރުބިއްޔަތު ކުރާ ޖަނަވާރަކަށެވެ. ތަރުބިއްޔައްތު ކުރުމޭ މިތާ ބުނުމުގެ މާނައަކީ އޮޅުކޮށްގެން، އަޅާލައިގެން، ބަލަހައްޓައިގެން، ގެންގުޅުމެވެ. މިތާނގައި ބަކަރިއޭ ބުނެފައި އޮތަސް، މިތަނުގައި އިޝާރަތްކުރަނީ ހަމައެކަނި ބަކަރިއަކަށް ނޫނެވެ. ނައަމްސޫފީގެ ޖަނަވާރުތަކަށެވެ. ބަކަރި ވިޔަސް، ގެރި ވިޔަސް، އަދި ކަންބަޅިވިޔަސް ވެހެވެ. ހުއި އެއީ ހިކި ވިނައެވެ. މި ނަންގަތް ފަދަ ޖަނަވާރުތަކުގެ ކާނާއެވެ. އެ އެއްޗެހީގެ ކާނާ ހަމަޖެހިފައިވަނީ ހަމައެކަނި ހުއިގެ މައްޗަކަށް ނޫނެވެ. އޭގެ އިތުރުން ތާޒާ ވިނަ ވެސް މިފަދަ ޖަނަވާރުތައް ކައި ހަދައެވެ. ދެން، އޮތީ ހެއްޕުމެވެ. މީގެ ލަފްޒީ މާނައަކީ އެއަށް ހެފޭ ގޮތް ހެދުމެވެ. މާނައަކީ އެ އެއްޗިއްސަށް ކެވޭނޭ ގޮތް މެދުވެރިކުރުމެވެ.

އާދެ، ދެން، ބަކަރި ހުއިހެއްޕުމުގެ މަފްހޫމުގެ މައްޗަށް ވިސްނާލާށެވެ. އޭގެ މަފްހޫމުގެ މާނައަކީ ގެރިބަކަރި، ނުވަތަ އެހެނިހެން ވެސް އެފަދަ ޖަނަވާރުތައް ގެންގުޅެ ބަލަހައްޓާ ހެދުމެވެ. ވިނަ ދަނޑުތަކަށް، ހާމަ ބިންތަކަށް، ހެނދުނު ހެނދުނާ އެ ޖަނަވާރުތައް ގޮވައިގެން ގޮސް، ދަނޑުތަކުގައި އެ ޖަނަވާރުތައް ކާން ދޫކޮށްލައި، އަދި، ދުވަސް ނިމުމުން، އެ ޖަނަވާރުތައް ގޮވައިގެން އޭގެ ކޮށިތަކަށް ލާން އެނބުރި އައުމެވެ.

ދެން އޮތް ސުއާލަކީ މި މަސައްކަތަކީ ދެރަ މަސައްކަތެއްތޯ ނުވަތަ ނޫންތޯ އަހާލުމެވެ. ޝައްކެއް ނެތް ގޮތުގައި އެއްވެސް މަސައްކަތަކީ ދެރަ މަސައްކަތެއް ނޫނެވެ. އާމްދަނީ ހޯދުމަށްޓަކައި ކުރާ ހަލާލު ކޮންމެ މަސައްކަތަކީ ވެސް އަގުހުރި މަސައްކަތެކެވެ. މުޖުތަމައެއް ހެޔޮ ގޮތުގައި ކުރިއަށް ދިޔުމަށްޓަކައި އެ މުޖުތަމަަކަށް ބޭނުންވާ ތަފާތު މަސައްކަތް ކުރާނޭ މީހުން ބޭނުންވެއެވެ. މަސްވެރިންނެވެ. ދަނޑުގޮވާން ކުރާ މީހުންނެވެ. ގެރިބަކަރި ގެންގުޅޭ، ނުވަތަ، ބަކަރި ހުއިހައްޕާ މީހުންނެވެ. ވިޔަފާރިވެރިންނެވެ. އިދާރީ މީހުންނެވެ. ބޭސްވެރިކަމާއި ކިޔަވައިދިނުމާއި އަދި މިނޫންވެސް މި ފަދަ ތަފާތު ފަންނުތަކުގައި މަސައްކަތްކުރާ ފަންނީ މީހުންނެވެ. އެކިއެކި މަސައްކަތްތައް ކުރާ މަސައްކަތެރިންނާއި މަސައްކަތު މީހުންނެވެ. މި މީސްމީހުން ކުރާ ހުރިހާ މަސައްކަތަކީ ވެސް މުހިއްމު މަސައްކަތެވެ. އަގުހުރި މަސައްކަތެވެ. އިންސާނާގެ އަގު، އޭނަގެ އިންސާނީ ކަރާމަތް ކަނޑައަޅާލުން ގުޅެނީ، ފަހަރެއްގައި ވެސް، އޭނަ ކުރާ މަސައްކަތަކާ ނޫނެވެ. އަސާސީ ގޮތެއްގައި އެކަން ގުޅެނީ އޭނާގެ އިންސާނިއްޔަތާއެވެ. އޭނަ އިންސާނަކަށްވާތީއެވެ.

ދެން ފާހަގަކޮށްލަން ބޭނުންވަނީ ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާގެ ދުނިޔަވީ މަސައްކަތްޕުޅާއެވެ. ވަރަށް ޅަ އުމުރުފުޅުން ފެށިގެން، މާނައަކީ ގާތްގަނޑަކަށް އުމުރުން އަށެއްކަ އަހަރުފުޅުން ފެށިގެން، ބަކަރި ހުއިހެއްޕެވުމުގެ މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނުންގެ ބޮޑުބޭބޭފުޅުގެ ޖަނަވާރުތައް ބެއްލެވުމުގައި މަސައްކަތްކުރައްވައި ބޮޑުބޭބޭފުޅަށް އެހީތެރިވެ ވަޑައިގަތެވެ.

މި ހިސާބުން، ފާހަގަކޮށްލަން ޖެހޭ ކަމެއް އެބައޮތެވެ. މި މައްސަލައާ ބެހޭ ގޮތުން ފެނުނު ބައެއް ލިޔުންތަކާއި ކޮމެންޓުތަކުގައި، ބަކަރި ހުއްހެއްޕުމުގެ މަސައްކަތް ކުރުމަކީ އެހެން ކަމެއް ކުރުމަށް ހުރަސްއަޅާފާނެ ކަމަށް ދޭހަވާ ގޮތަށް ހުރި ބައެއް ވާހަކައެވެ. ޝައްކެއް ނެތް ގޮތުގައި މީހަކު ވަކި ކަހަލަ މަސައްކަތެއް ކުރުމުން، އެހެން ކަމެއް ކުރަން އޭނާ އަހުލުވެރިވެސް ވެދާނެއެވެ. އަދި ނުވެވެސް ހިނގައިދާނެއެވެ. މިކަން ބިނާވާނީ އެ މީހެއްގެ ފަހުގެ ސިޔަރަތަށް ބަލާލައި، ދެން، ކަމަކަށް އަހުލުވެރިވުމުގެ ގޮތުން އޭނާ ކުރި އެހެން ކަންކަމަށް ބަލައިފައެވެ. މިސާލަކަށް ލޮލީ ވިއްކަން އުޅުން ނުވަތަ ފިހާރައެއްގައި މިނެކިރަން އުޅުން، މި ކަންކަމަކީ އޭގެ ޒާތުގައި އިގުތިސާދީ މާހިރަކަށް ނޫނީ އިދާރީ ގޮތުން ހިންގުންތެރިއަކަށް ހަދައިލާފާނެ ކަމަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް، އެކަންކަމުގެ އިތުރުން، އެކި ކިޔެވުންތައް ކިޔަވައި ނޫނީ އެހެން ތަފާތު ކަންކަމުގައި އުޅެ، އިތުރު ހުނަރުތަކާއި ހަޔާތީ ތަޖުރިބާތައް ހޯދައި، އެކިއެކި ކަންކަމަށް އަހުލުވެރިވެވިދާނެއެވެ.

ދެން، މިކަން ހަނދާނުގައި ބަހައްޓައިގެން، ކީރިތި ރަސޫލާގެ ދުނިޔަވީ މަސައްކަތްޕުޅުގެ މައްޗަށް ނަޒަރު ހިންގާލާށެވެ. ކުރިން ވެސް ނަންގަތް ފަދައިން، އެންމެ ތުއްޕުޅު އިރު، ބަކަރި ހުއިހެއްޕުމުގެ މަސައްކަތްޕުޅުގައި އުޅުއްވުމަށް ފަހު، އެކަލޭގެފާނުންގެ އުމުރުފުޅުން ބާރަ ވަރަކަށް އަހަރުއްސުރެން ފެށިގެން ވިޔަފާރީގެ ތެރެއަށް ވަންނަވައި އެކަން ދަސްފުޅުކުރެއްވިއެވެ. އެކަލޭގެފާނުންގެ ދުވަސްވަރުގެ މައްކާއަކީ ވިޔަފާރީގެ މަރުކަޒެކެވެ. ޝާމުކަރައިންނާއި ޔަމަނުކަރައިން މުދާ ގެނެސް، އަރަބިންގެ އެންމެނަށް ތަކެތި ވިއްކައި، މައްކާ އޭރު އޮތީ ވަރަށް ވެސް ކާމިޔާބު، އަދި، މުއްސަނދި ރަށެއްގެ ގޮތުގައެވެ. ކީރިތި ގުރުއާނުގެ އެކިއެކި ސޫރަތްތަކުގައި މިކަމަށް އިޝާރަތް ކުރެވިފައިވެއެވެ. ޤުރައިޝް ސޫރަތާއި ތަކާޘުރު ސޫރަތާއި ހުމަޒާ ސޫރަތާއި އަލަގް ސޫރަތްތައް ފަދަ ސޫރަތްތަކުގައެވެ. މި ސޫރަތްތަކުގައި މައްކާގެ ވިޔަފާރިވެރިންގެ ވިޔަފާރި ދަތުރުތަކާއި ތަކާޘުރު ދިރިއުޅުމުގެ، އާދެ، މާއްދިއްޔަތުގެ ދިރިއުޅުމުގެ ތެރެއަށް މުޅިން ގެނބި، މުދަލާއި ފައިސާ ގިނަކޮށް ޖަމާކުރުމުގެ، މަސައްކަތުގައި އަވަދިނެތި އުޅޭ ވާހަކައާއި، ޖަމާކުރި ފައިސާތައް ގުނަން ތިބޭ ވާހަކައާއި މުދާވެރިކަމާއި ފައިސާ ލިބުމުން ފުދި، ބޮޑާވެގަތުމުގައި ހައްދުފަހަނައަޅާ ވާހަކަ ވެސް އައިސްފައި ވެއެވެ.

ކޮންމެއަކަސް، ކީރިތި ރަސޫލާ މައްކާގެ ވިޔަފާރީގެ މި މާހައުލުގައި ވިއްސަކަށް ފަންސަވީހަކަށް އަހަރު މަސައްކަތްކުރެއްވިއެވެ. އަދި މީގެ އިތުރުން، އެކަލޭގެފާނުންގެ ގަބީލާއާ ހަވާލުވެފައި އޮންނަ ރިފާދާގެ މަސައްކަތް، އެކަލޭގެފާނުންގެ ގަބީލާގެ އަފުރާދުންގެ ކިބައިން ފައިސާ ނަގައިގެން، ހައްޖުވެރިންނަށް، މާނައަކީ އެ ދުވަސްވަރުގެ ހައްޖު މޫސުމުގައި މައްކާއަށް ޒިޔާރަތްކުރާ އެކިއެކި އަރަބި ގަބީލާތަކުގެ މީހުންނަށް އެހީވެދިނުމުގެ މަސައްކަތް ވެސް ކުރެއްވިއެވެ.

އެކަލޭގެފާނުންގެ މި ހުރިހާ މަސައްކަތްޕުޅެއް، އެކަލޭގެފާނުންގެ ރަސޫލުކަމުގެ ރިސާލަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް އެހީތެރިވިއެވެ. ބަކަރި ހުއިހެއްޕެވުމުގެ މަސައްކަތުން، ކެތްތެރިވެވަޑައިގަތުމަށް އެހީވެދިނެވެ. މިއީ ކެތްތެރިކަމަށް ބޭނުންވާ މަސައްކަތެކެވެ. މިފަދަ ޖަނަވާރުތައް އެ އެއްޗެއް އޮތް ތަނުގައި ގުޑާނުލައި އެތައް އިރަކު އޮވެދާނެއެވެ. އެހެންވެ، އެއެއްޗިސާ މުއާމަލާތްކުރުމުގައި، އިންތިހާއަށް ކެތްތެރިކަން ބޭނުންވެއެވެ. މީގެ އިތުރުން، ކަމޭ ހިތުމާއި އަޅާލުމާއި މަޑުމައިތިިރިވުމާއި ދޫދިނުމާއި މި ސިފަތައް ލިބިވަޑައިގަތުމުގައި ވެސް މި މަސައްކަތް އެހީތެރިވިއެވެ. އެކަލޭގެފާނަށް، މި ސަފަފުޅުތައް ލިބިވަޑައިގެންވާ ކަމުގެ ވާހަކައާއި އެކަލޭގެފާނުންގެ ރިސާލަތު އަދާކުރެއްވުމުގައި މި ސިފަފުޅުތަކުގެ މުހިއްމުކަމުގެ މައްޗަށް އާލް އިމްރާނު ސޫރަތުގެ 159 ވަނަ އާޔަތުގައި އިޝާރަތްކުރެވިފައިވެއެވެ. ވިޔަފާރިއާއި ރިފާދާގެ މަސައްކަތްޕުޅުން އެކަލޭގެފާނުގެ ރިސާލަތަށް ބޭނުންފުޅުވެވަޑައިގެންނެވި އިތުރު ހުނަރުތައް ލިބިވަޑައިގަތެވެ. އެ ދުވަސްވަރުގެ މައްކީ މުޖުތަމައުގެ އަފުރާދުންގެ މެދުގައި އޮތް އިގުތިސާދީ އަދި އެހެނިހެން ތަފާތުކުރުންތަކެވެ. އިންފިރާދިއްޔަތާއި މިކަމާއި ގުޅިފައި އޮންނަ ހުރިހާ ކަމެއްގައި ވެސް އަމިއްލަ ފައިދާއާއި މަސްލަހަތު އިސްކުރުމާއި އަޚުލާގީ އުސޫލުތަކަށް ބެލުމެއް ނެތް ކަމެވެ. މިކަންކަމުގެ މައްޗަށް މާއޫނު ސޫރަތުގައި އިޝާރަތްކުރެވިފައި ވެއެވެ. މި ނަންގަތް ކަންކަމުގެ އިތުރުން، މުޖުތަމައުގެ އަފުރާދުންގެ މެދުގައި، ތަނުގެ ޚައިރާތުތައް ބެހި، ހަމަހަމަކަމާއި އަދުލުވެރިކަން އޮންނާނޭ މުޖުތަމުއެއް ބިނާކުރުމުގެ ބޭނުންތެރިކަމާއި އެކަން ކުރެއްވުމުގެ ގޮތް ހިތްޕުޅުގައި ކުރައްސަވާލައްވަން ވެސް، އެކަލޭގެފާނުގެ ވިޔަފާރިއާއި ރިފާދާގެ މަސައްކަތްޕުޅުގެ ތަޖުރިބާ އެކަލޭގެފާނަށް ދަސްކޮށްދެއްވިއެވެ. އަދި، މިކަންކަން، އެކަލޭގެފާނަށް، އިތުރަށް، ސާފުވެވަޑައިގެންދިޔުމަށްޓަކައި، ފަސްވަރަކަށް އަހަރު، އެކަންކަމާ މެދު، އެކަނި އިންނަވައި ވިސްނައި ފިކުރުކުރެއްވިއެވެ. ޝަރްޙު ސޫރަތުގައި މިކަމަށް އިޝާރަތްކުރެވިފައިވެއެވެ. ޝައްކެއް ނެތް ގޮތުގައި، މައްކީ ފަރުދީ އަދި މުޖުތަމައީ ހުރިހާ މައްސަލަތަކެއް، އެ މީހުންގެ އިއުތިގާދުތަކާ ވެސް އެކަލޭގެފާނުން ގުޅުވާލައްވައި، ފަރުދީ އަދި މުޖުތަމައީ އިސްލާހުގެ ފެށުމަކީ އިއުތިގާދީ އިސްލާހުކަން ވެސް ފާހަގަކުރެއްވިއެވެ. މާތްﷲއަށް ޚާލިސް ގޮތެއްގައި، މާނައަކީ އެއްވެސް ޝިރުކުކުރުމަކާއި ނުލައި، އީމާންވުމާއި އާޚިރަތް ދުވަހަށް ވެސް އީމާންވެ، ތިމާގެ އަމަލުތަކާ މެދު މަސްއޫލުވާން ޖެހޭ ފަރާތަކާއި ދުވަހެއް އޮންނާނޭކަން ގަބޫލުކުރުން، މި އިސްލާހީ މަސައްކަތުގެ އަސާސުކަމުގައި ދެކިވަޑައިގަތެވެ. މިކަންކަމަށް ކީރތިި ގުރުއާނުގެ އެކިއެކި ސޫރަތްތަކުގައި އިޝާރަތްކުރެވިފައި ވެއެވެ. މިސާލަކަށް، އަލްބައްޔިނާ ސޫރަތާއި ޒުމަރު ސޫރަތާއި އަލްގިިޔާމަތް މިސޫރަތްތަކުގައެވެ.

މަތީގައި ނަންގަނެވި ދިޔަ އެކަލޭގެފާނުންގެ މަސައްކަތްޕުޅު ތަކުން ލިބިވަޑައިންގެންނެވި ހުނަރުތަކާއި ތަޖުރިބާގެ އިތުރުން، އެކަލޭގެފާނަކީ އަރަބިންގެ ތެރޭގައި ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަމުގައި އަރާހުންނެވި ބޭފުޅެކެވެ. ފަސާހަތްތެރިކަމާއި ބަލާޣާތްތެރިކަމާއެކު ޚިޔާލުފުޅުތަކާއި ފިކުރުފުޅުތައް ފަސޭހަކަމާއެކު، އިބާރަތްކޮށްލައްވައެވެ. ފަސާހަތްތެރިކަމޭ ބުނެ އިޝާރަތްކުރަނީ ސާފު ސީދާ ގޮތެއްގައި، އާދެ، ފާޅުކުރަންބޭނުންވާ މާނައާ ސީދާވާ ގޮތެއްގައި، އަދި، ވަރަށް ވެސް ސާފުކޮށް އިބާރަތްކުރުމަށެވެ. ބަލާޣާތްތެރިކަމޭ ބުނެ އިޝާރަތްކުރަނީ އިބާރަތްކޮށް އެއްޗެހި ބުނާ ބުނުން އެހެން މީހުނަށް އަސަރު ކުރާނޭ ގޮތެއްގައި ބުނާ ބުނުމަށެވެ.

މިހުރިހާ ކަމެއްގެ އިތުރުން، ކީރިތި ގުރުއާނުގެ ގަލަމް ސޫރަތުގައި ފާހަގަކުރެވިފައިވާ ފަދައިން، އެކަލޭގެފާނަކީ ރީތި އަޚުލާގުތަކުގެ ވެރި ބޭފުޅެކެވެ. ތެދުވެރި، އަމާނަތްތެރި ބޭފުޅެކެވެ. ހިލްމުވެރި، އާދެ، ކޯފާ އިސްނުކުރައްވާ، އަމިއްލަ ނަފްސު އަބަދުވެސް ހަމައިގައި ހިފަހައްޓަވާ ބޭފުޅެކެވެ. ނިކަމަތިންނަށް އަޅާލައްވާ، މެހެމާނުދާރީ އަދާކުރައްވާ، ވަރަށް ވެސް ދީލަތި ބޭފުޅެކެވެ. އަޒުމުފުޅު ވަރުގަދަ، ކެތްތެރި ބޭފުޅެކެވެ. މި މަތިވެރި އަޚުލާގީ ސިފަފުޅުތަކާއި އަދި، ދެންވެސް ނަންގަނެވިދިޔަ ހުރިހާ ކަމެއް އެކަލޭގެފާނުގެ ރިސާލަތު އަދާކުރެއްވުމަށް އެހީތެރިވިއެވެ. އާދެ، އެކަލޭގެފާނުންގެ ބަކަރި ހުއިހެއްޕުމުގެ މަސައްކަތްޕުޅަކީ ފަހަރެއްގައި ވެސް އެކަލޭގެފާނުންގެ ރިސާލަތު އަދާކުރެއްވުމަށް އަހުލުވެރިވުމަށް އެކަލޭގެފާނު ކުރެއްވި ހަމައެކަނި މަސައްކަތްޕުޅެއް ނޫނެވެ. އެކަމަށް އަހުލުވެރިވެވަޑައިގަތުމަށް، މަތީގައި ބަޔާންކުރެވިދިޔަ ފަދައިން އެހެން އެތައް ހުނަރެއް ވެސް ހޯއްދަވައި ލިބިވަޑައިގަތެވެ.

ދެން، އެންމެ ފަހުގެ ނުކުތާއަކަށް ފާހަގަކޮށްލަން ބޭނުންވަނީ ބަކަރި ހުއިހެއްޕުމުގެ މަސައްކަތުގެ މުހިއްމު ކަމެވެ. ފަހަރެއްގައި ވެސް މިއީ އެއްވެސް އިރެއްގައި ވަކި ބަޔަކަށް ޚާއްސަވެފައި އޮތް ކަމެއް ނޫނެވެ. އެ މަސައްކަތް ކުރެވެން އޮތް ހުރިހާ ތަނެއްގައި ހެން ވެސް ކުރި މަސައްކަތެކެވެ. މިކަމުގެ ވާހަކަތައް މިދޭތެރެއިން ލިޔެފައި އޮތް ލިޔުމެއްގައި ބުނެފައި އޮތް ގޮތަކަށް އޮތް ކަމެއް ނޫނެވެ. ހަމައެކަނި ޕާކިސްތާނާއި ބަނގްލާދޭޝްގެ ރަށްފުށު ހިސާބުގައި އެކަނި ކުރެވޭ ކަމެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް، ކުރިއަރާފައިވާ ގައުމުތަކާއި ކުރިއަރަމުން އަންނަ ގައުމުތަކުގައި ވެސް ކުރެވޭ މަސައްކަތެކެވެ.

ބަކަރި ހުއިހެއްޕުމުގެ މަސައްކަތް، އާދެ ނައަމް ސޫފި ގެންގުޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެކަމުގެ މައްޗަށް އެތައް ސިނާއަތެއް ބިނާވެފައިވާތީއެވެ. އެއްގަމަ މަހުގެ ސިނާއަތެވެ. ކިރާއި ޗީސް، ބަޓަރު އަދި ޔޯގޯޓު ފަދަ ކިރުގެ ބާވަތްތައް އުފެއްދުމުގެ ސިނާއަތެވެ. ރޮއްޖާއި ފޮތި ތައްޔާރުކޮށް އަދި ހެދުން ވިޔުމުގެ ސިނާއަތެވެ. ފައިވާނާއި ކަމަރާއި، ބެރާއި ދަބަސް ފަދަ ޖަނަވާރުގެ ހަން ބޭނުންކޮށްގެން އުފައްދާ ތަކެތި އުފެއްދުމުގެ ސިނާއަތެވެ. މިހުރިހާ ސަބަބަކަށްޓަކައި ބަކަރި ހުއިހެއްޕުމުގެ މަސައްކަތަކީ ވަރަށް ވެސް މުހިއްމު މަސައްކަތެކެވެ. އިންސާނުން ވުޖޫދަށް އައިއްސުރެން ކުރަމުން އައި މަސައްކަތެވެ. އެހެން ވެސް، ހަލާލު މަސައްކަތްތައް ރަނގަޅު އަގު ހުރި މަސައްކަތްތަކަށްވާ ފަދައިން، ބަކަރި ހުއިހެއްޕުމަކީ ވެސް ވަރަށް ވެސް ރަނގަޅު އަގުހުރި މަސައްކަތެކެވެ.