ސުޢޫދީ ޢަރަބިއްޔާއާއި ތުރްކީ ގުޅިގެން ވުނަކުރުމުގެ މަޝްރޫޢުތައް އިތުރުކުރުމަށާއި އެ ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވޭ ވިޔަފާރި ފުޅައު ކުރުމަށް އެދޭ ކަމަށް އެ ދެ ޤައުމުން ހާމަކޮށްފިއެވެ.
ސުޢޫދީ ޞިނާޢަތާއި މަޢުދަނީ މުއްސަނދިކަމާ ބެހޭ ވަޒީރު ބަންދަރު ބިން އިބްރާހީމުލް ޚަރީފު ހާމަކުރެއްވި ގޮތުގައި ތުރްކީގެ ވުނޭރުންނާމެދު ސުޢޫދީ ޢަރަބިއްޔާ ވަރަށް ބޮޑަށް އިތުބާރުކުރެއެވެ. އަލްޚަރީފު ވިދާޅުވިގޮތުގައި ރިޔާޟު އުންމީދު ކުރަނީ ސުޢޫދީ ޢަރަބިއްޔާގައި ހުރި ވުނަކުރުމުގެ ފުރްޞަތުތަކުގެ ބޭނުން ތުރްކީން ކުރާނެ ކަމަށެވެ.
ސުޢޫދީ ވަޒީރު މި ކަން ހާމަކުރެއްވީ ތުރްކީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރޭގައި ބޭއްވި ސުޢޫދީ– ތުރްކީ ވައް މޭޒު ބައްދަލުވުމުގެ ތެރޭގައެވެ. އަންކަރާގައި ރޭ ބޭއްވި މި ބައްދަލުވުމުގައި ތުރްކީގެ ޗޭންބަރު އޮފް ކޮމަރސްގެ ރައީސް ރިފްޢަތު ޙައިޞާރު ޖެކްލީ އުޣުލޫ ވެސް ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުމަށްފަހު އަލްޚަރީފު ހާމަކުރެއްވިގޮތުގައި ދެ ޤައުމުގެ އިޤްތިޞާދީ ގުޅުންތައް އޮތީ ވަރަށް މަތީ ފެންވަރެއްގައެވެ. އަދި މި ގުޅުންތައް އަންނަނީ ވަރަށް ބާރަށް ކުރިއަރަމުން ފުޅައުވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި އޭނާގެ ދަތުރުފުޅުގެ މަޤްޞަދަކީ ސުޢޫދީ ޢަރަބިއްޔާގައި ހުރި ވުނަކުރުމުގެ ފުރްޞަތުތަކާއި މައިދާންތައް ތުރްކީގެ ވުނޭރުންނަށް ހާމަކޮށްދެއްވުމެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މި ކަމުގައި މަޖާލު އެންމެ ތަނަވަސް ދެ ދާއިރާއަކީ ޞިނާޢަތާއި މަޢުދަނެވެ.
ސުއޫދީ ވަޒީރު މިއަދު ވަނީ ތުރްކީގެ ހަކަތައާއި ޠަބީޢީ މުއްސަނދިކަމާ ބެހޭ ވަޒީރު އަލްބު އަރްސަލާން ބައިރަޤްދާރާ އެކު ވާހަކަދެއްކުންތައް ބާއްވަވައިފައެވެ. މި ބައްދަލުވުމުގައި މަޢުދަނާ ބެހޭ ތަފާހުމުނާމާއެއްގައި އެ ދެ ބޭފުޅުން ސޮއިކުރެއްވިއެވެ.
ސުޢޫދީ– ތުރްކީ ގުޅުންތައް އިސްތިރާޖީ ގުޅުންތަކަށް ބަދަލުކުރުން ޟަރޫރަތަކަށް ވެފައިވާ ކަމަށް ސުޢޫދީ ވަޒީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި 2030 މާރެހާ އެއްގޮތަށް ތަފާތު ދާއިރާތަކުގައި އިޤްތިޞާދު ތަރައްޤީ ކުރަން ސުޢޫދީ ޢަރަބިއްޔާ އެދެއެވެ. އަދި އެއީ ހަމައެކަނި ތެލުގެ މައިދާން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތުރްކީގެ ޗޭންބަރު އޮފް ކޮމަރސްގެ ރައީސް ރިފްޢަތު ޙައިޞާރު ޖެކްލީ އުޣުލޫ ވިދާޅުވި ގޮތުގައި ތުރްކީން އެދެނީ މެދު ރާސްތާއާއި ދުރު ރާސްތާގައި ބަދަލުކުރެވޭ ވިޔަފާރި 30 ބިލިއަން އިތުރުވެގެން ދިޔުމަށެވެ.