...

Support Us

އިސްރާއީލާއި ޙިޒްބުﷲއާ ދެމެދު ހިނގާ ކޯޅުންތަކަށް ނިމުމެއް ގެންނަނީ

އިސްރާއީލާއި ޙިޒްބުﷲއާ ދެމެދުގައި 2006ވަނަ އަހަރުން ފެށިގެން ކޯޅުންތައް ހިނގުމުގެ އުޞޫލަށް ބަދަލުނުގެނެވޭނެ ކަމަށް ޙިޒްބުﷲގެ އަމީން ޢާންމު ޙަސަން ނަޞްރުﷲ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި ލުބްނާނުގެ ބިމުގައި އިސްރާއީލުން މީހުން މަރައިމެރުމަށް ޙިޒްބުﷲއިން ވަރުގަދައަށް ރައްދުދޭނެއެވެ.  

ނަޞްރުﷲ މި ބަޔާން ދެއްވީ 2017 ވަނައަހަރު ހިނގި ކުރިމަތިލުމުގެ ޒިކުރާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޞްރުﷲ ވިދާޅުވިއެވެ. "ލުބްނާނުގެ ބިމުގައި އިސްރާއީލުން ލުބްނާނު މީހަކުވިޔަސް ސޫރިޔާ މީހަކު ވިޔަސް ފަލަސްޠީނު މީހަކު ވިޔަސް އީރާން މީހަކު ވިޔަސް މަރައިލައިފިނަމަ ޙިޒްބުﷲއިން އެ ޖަރީމާއަށް ރައްދު ދޭނެއެވެ."

އޭނާ  ވިދާޅުވިއެވެ. "އިސްރާއީލުން ދައްކާ ބިރަކަށް ޙިޒްބުﷲ ބިރެއް ނުގަންނާނެއެވެ. އެހެނެއްކަމަކު އެކަމުގެ ސަބަބުން ޙިޒްބުﷲގެ ޢަޒްމު ދާނީ ވަރުގަދަވަމުންނެވެ. ބޯހަރުކަން ދާނީ އިތުރުވަމުންނެވެ." 

ނަޞްރުﷲގެ މި ވާހަކަފުޅަކީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ދެއްވި ރައްދެއްކަމަށް މީޑިޔާތައް ބުނެއެވެ.

ނަތަންޔާހޫ ވިދާޅުވިއެވެ. "އިސްރާއީލަށް ޙަމަލާތައް ދިނުމަށް ހޭދަކުރާ ފަރާތްތަކަށް ބޮޑު އަގެއް ދައްކަން އިސްރާއީލުން  ޖައްސާނެއެވެ." 

އިސްރާއީލުގެ ބޮޑުވަޒީރު ކެބިނެޓް ޖަލްސާގައި ވަނީ ޙަމާސްގެ ސިޔާސީ އޮފީހުގެ ނައިބު ރައީސް ޞާލިޙުލް ޢާރޫރީއަށް އިންޒާރެއް ދެއްވައިފައެވެ. ނަތަންޔާހޫ ވިދާޅުވިއެވެ. "ޙަމާސްގެ މަސްއޫލުވެރިޔާ ލުބްނާނުގައި ބިންގަރާހުގައި ހުންނަވާ ވިދާޅުވަމުން ގެންދަވާ ބޮޑާވެރި ބަސްތައް އަހުރެމެންނަށް އެބަ އިވެއެވެ. އޭނާއާއި އޭނާގެ އެކުވެރީން ބިންގަރާސްތަކުގައި މި އުޅުއްވަނީ ކީއްވެގެންކަން އޭނާއަށް އެނގިވަޑައިގަންނަވާނެއެވެ." 

އޭނާ އިތުރަށް ވިދާޅުވިއެވެ. "ޙަމާސަށާއި އީރާނުގެ އަތްތަކަށް ރަނގަޅަށް އެނގޭނެގޮތުގައި އަހުރެމެންނާ ދެކޮޅަށް ހިންގޭ ނިރުބަވެރި ޢަމަލުތަކާ ދެކޮޅަށް ހުރިހާ ވަސީލަތްތަކަކުން އަހުރެމެން މި ދަނީ ހަނގުރާމަކުރަމުންނެވެ. އިސްރާއީލާ ދެކޮޅަށް ނިރުބަވެރީން އުފައްދާ މީހުންނަށާއި ނިރުބަވެރީންނަށް ޚަރަދުކުރާ މީހުންނަށާއި އެ ފަދަ ޙަމަލާތައް ރާވައި ހިންގާ ފަރާތްތަކަށް ބޮޑު އަގެއް ދައްކަން ޖައްސާނަމެވެ."

އދގެ ބާރުގެ މުއްދަތު 

ނަޞްރުﷲ ވިދާޅުވިއެވެ. "ދެކުނު ލުބްނާނުގައި އޮތް އދ ގެ ވަގުތީ ބާރުގެ މުއްދަތު މިހާރު އޮތްގޮތަށް އައުނުކުރުމަށް އަހުރެމެން  ލުބްނާނު ސަރުކާރަށް ގޮވައިލީމެވެ." 

ދެކުނު ލުބްނާނުގެ ބާރުގައި 10 ހާސް ސިފައިން ހިމެނެއެވެ. މި ބާރު ދެކުނު ލުބްނާނުގައި އިސްރާއީލު ސަރަޙައްދު ކައިރީގައި އޮންނައޮތުމުގެ މުއްދަތު މިއަންނަ ބުރާސްފަތި ދުވަހު ހަމަވާނެއެވެ. މި ބާރުގެ މުއްދަތު އިތުރުކުރުމުގެ މަސްއަލަ މިހާރު އޮތީ ސަލާމަތީ މަޖިލީހަށް ހުށައެޅިފައެވެ. ނަޞްރުﷲ ވިދާޅުވިގޮތަށް ލުބްނާން ސަރުކާރުން ވަނީ މި އެއްބަސްވުމުގެ ޢީބާރާތްތައް ބަދަލުކުރުމަށް އެދިފައެވެ. 

ނަޞްރﷲ ވިދާޅުވިއެވެ. "މިއީ ވަޠަނުގެ ކަރާމަތާ ގުޅިފައިވާ ކަމެކެވެ. ދެކުނުގެ ރައްޔިތުން މި ޤަރާރު ބަލައެއް ނުގަންނާނެތެވެ."

އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދުގައި މި އެއްބަސްވުމާ ޚިލާފަށް ކުރަމުންދާ އެއްވެސް ކަމެއް އދ ގެ ސަލާމަތީ މަޖިލީހަކަށް ނުފެނެއެވެ. މި ބާރު މިހާރު ވަނީ އިސްރާއީލުންގެ ޖާސޫސުންނަށް ވެފައެވެ."  

އދ އިން މި ބާރު ދެކުނު ލުބްނާނަށް ފޮނުވީ 1978 ގައެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.