Support Us

އިސްރާއީލުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމުން ލީބިޔާގެ ޚާރިޖީ ވަޒީރު މަޤާމުން ވަކިކޮށްފި

އިޓަލީގައި މި ދިޔަ ހަފުތާގައި ލީބިޔާގެ ޚާރިޖީ ވަޒީރާ ނަޖްލާ އަލްމަންޤޫޝް (ފޮޓޯގައި) އިސްރާއީލުގެ ޚާރިޖީ ވަޒީރު އިލީ ކޯހެނާ ބައްދަލުކުރެއްވިކަން ބޭޒާރުވުމާ ވިދިގެން ލިބިޔާގެ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ރައީސް ޢަބްދުލްޙަމީދު އައްދުބައިބާ މިއަދު ޚާރިޖީ ވަޒީރާ މަޤާމުން ވަކިކުރައްވައި އެ މަސްއަލަ ތަޙްޤީޤު ކުރުމަށް އަމުރުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގެ ޚަބަރު މީޑިޔާތަކުގައި ފެތުރުމާ ވިދިގެން ލީބިޔާގެ ބަރްލަމާނުގެ ރައީސް ބެންޣާޒީގައި މި މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް މިއަދު ގޮވައިލެއްވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ލީބިޔާގެ ވަޒީރާއި އިސްރާއީލުގެ ވަޒީރާއެކު ބައްދަލުވުމެއް ބޭއްވެވުމަކީ "ލީބިޔާގެ ރައްޔިތުންގެ ޙައްޤުގައި ހިންގަވައިފައިވާ ބޮޑު ޖަރީމާއެކެވެ."

ލީބިޔާގެ ޚަބަރުފަތުރާ ވަސީލަތްތައް މިއަދު ހެނދުނު ބުނިގޮތުގައި ވަޒީރާ އަލްމަންޤޫޝް ޤައުމު ދޫކުރައްވާ ތުރްކީއަށް މިއަދު ވަނީ ވަޑައިގެންފައެވެ. އޭނާ އިސްތަންބޯލުގެ ވައިގެ ބަނދަރަށް ވަޑައިގަތީ ޚާއްޞަ މަތިންދާބޯޓެއްގައެވެ. މީޑިޔާތައް ބުނާގޮތުގައި ވަޒީރާ ތުރްކީއަށް ފުރާވަޑައިގަތީ ލީބިޔާގެ ދާޚިލީ ސަލާމަތާ ބެހޭ އިދާރާގެ އެހީގައެވެ. މި ޚަބަރު ބުނާގޮތުގައި ވަޒީރާ ދަތުރުކުރެއްވީ ލީބިޔާ ސަރުކާރުގެ ޚާއްޞަ މަތިންދާބޯޓެއްގައެވެ.

އެހެނަސް ލީބިޔާގެ ދާޚިލީ ސަލާމަތީ ބާރުތައް ބުނާގޮތުގައި މީޑިޔާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގު ޚަބަރުތަކެކެވެ. މި އިދާރާގެ ފޭސްބުކް ޞަފްޙާ ބުނާގޮތުގައި ވަޒީރުކަމުން ވަގުތީގޮތުން ވަކިކޮށްފައިވާ އަލްމަންޤޫޝް، އަލްމުޢައިތިޤާ ވައިގެ ބަދަރުން ފުރާވަޑައެއްނުގަންނަވައެވެ. މި އިދާރާ ބުނާގޮތުގައި ރަށުން ބޭރަށް ވަޑައިގަތުން މަނާ ބޭފުޅުންގެ ލިސްޓްގައި ވަޒީރާގެ ނަންފުޅު ވެސް އެބައޮތެވެ.

ލީބިޔާގެ ވަޒީރާއާ އިސްރާއީލުގެ ޚާރިޖީވަޒީރު ރޯމްގައި ސިއްރުން ބައްދަލުކުރެއްވި ޚަބަރު ހާމަކުރީ އިއްޔެ އިސްރާއިލުންނެވެ.

އެހެނަސް ލީބިޔާގެ ޚާރިޖިއްޔާ ބުނާގޮތުގައި ލީބިޔާގެ ޚާރިޖީ ވަޒީރާ ނަޖްލާއު އަލްމަންޤޫޝް ވަނީ އިސްރާއީލުގެ އެއްވެސް ބޭފުޅަކާ ބައްދަލުކުރައްވަން ދެކޮޅު ހައްދަވައިފައެވެ. ލީބިޔާގެ ޚާރިޖިއްޔާ ބުނާގޮތުގައި އިސްރާއީލުގެ ވަޒީރު، ލީބިޔާ ވަޒީރާ ރަސްމީކޮށް ބައްދަލެއް ނުކުރައްވައެވެ. އެ ދެ ބޭފުޅުންގެ ދެމެދުގައި ވާހަކަދެއްކުމެއް ވެސް ނުބޭއްވެއެވެ. އެ ދެ ބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުވެ ވަޑައިގަތީ އެކުވެނީގެ އެތެރޭ މަގެއްގެ ތެރޭގައެވެ.

އެހެނަސް އިސްރާއީލު ބުނާގޮތުގައި މި ބައްދަލުކުރެއްވުމަކީ ދުރައިލާ ރޭވިގެން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުން ގަޑިއެއްގެ އިރަށްވުރެ ދިގުލައިގެން ދިޔަކަމަށް ވެސް އިސްރާއީލުން ބުންޏެވެ. މި ބައްދަލުވުން ބޭއްވުނީ އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިޔޯ ޓަޔާނީ މެދުވެރިވެ ވަޑައިގަންނަވައިގެންނެވެ.

އިސްރާއީލު ބުނާގޮތުގައި "ޚާރިޖީ ވަޒީރު އިލީ ކޮހެން މި ބައްދަލުވުމުގައި އެ ދެ ޤައުމުގެ ދެމެދުގައި ބޮޑެތި ގުޅުންތަކެއް ޤާއިމުކުރެވިދާނެ ކަމަށް ވިދާޅުވިއެވެ. ލީބިޔާގައި ހުރި ޔަހޫދީ ފައްޅިތަކާއި ޤަބްރުސްތާނުތައް މަރާމާތުކުރުމާ ބެހޭގޮތުންނާއި ލީބިޔާގައި ހުރި ޔަހޫދީ ތުރާސްތައް ރައްކައިތެރިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ."

ފެނާއި ދަނޑުވެރިކަމާއި އިންސާނީ ތަފާތު މަސްއަލަތަކުގައި އިސްރާއީލުން ލީބިޔާއަށް އެހީވެދޭނެ ކަމަށް ވެސް އިސްރާއީލުގެ ޚާރިޖީ ވަޒީރު ކޮހޭން ދެންނެވިކަމަށް އިސްރާއީލުގެ ބަޔާން ބުންޏެވެ.

މި ޚަބަރު ފެތުރުމުން ލީބިޔާގެ ޢާންމު ރައްޔިތުން މި ކަން ކުށްވެރިކޮށް ޚާރިޖީ ވަޒީރާ މަޤާމުން ދުރުކުރުމަށް ގޮވައިލިއެވެ. ލީބިޔާއިން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރަން އުޅޭތީ އެކަން ކުށްވެރިކޮށް ސަރުކާރު ވައްޓައިލުމަށް ވެސް ގޮވައިލައިނ މުޒާހަރާތައް ވެސް ބޭއްވިއެވެ.

ލީބިޔާ ސަރުކާރު ބުނާގޮތުގައި މިއީ "އެ ޤައުމުގެ ޚާރިޖީ ސިޔާސަތު ރިވެލިކުރާ ކަމެއް ނޫނެވެ. އަދި އެއީ ލީބިޔާގެ ސާބިތު އުޞޫލުތައް ތަމްސީލުކުރާ ކަމެއް ވެސް ނޫނެވެ. ލީބިޔާގެ ޤާނޫނަކީ އިސްރާއީލާއެކު ގުޅުން ޠަބީޢީ ކުރުން ޖަރީމާއެއް ކަމަށް ބުނާ ޤާނޫނެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *