Support Us

ޔުކްރޭނުން ކްރިމިޔާއަށް އަރަން ކުރި މަސައްކަތެއް ނާކާމިޔާބުކޮށްލައިފި

ޔުކްރޭނުން މިއަދު ހެނދުނު ކްރިމިޔާއަށް ދޭން މަސައްކަތް ކުރި ޑްރޯން ޙަމަލާތައް ނާކާމިޔާބުކޮށްލައިފައިވާ ކަމަށް ރޫސީ ދިފާޢީ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

އެ ވުޒާރާ ބުނާގޮތުގައި 42 ޑްރޯން ވައްޓައިލިއެވެ. މީގެ ތެރެއިން ނުވަ ޑްރޯން ވައްޓައިލީ ބިންމަތީގެ ދިފާޢުތަކުންނެވެ. އަނެއް 33 ޑްރޯން ހަލާކުކޮށްލީ އިލެކްޓްރޯނިކް ވަސީލަތްތަކުން އޭއްޗެހީގެ ސިކުނޑިތަކަށް އޮޅުވައިލައިގެންނެވެ.

ސިފަސްޓިޕޯލް ސަހަރުގެ ގަވަރުނަރު ރިޒަވޯޒައީވް އޭނާގެ ޓެލެގްރާމުގައި ލިޔުއްވައިފައިވާ ގޮތުގައި ސިވަސްޓިޕޯލަށް އެރުމުގެ ކުރިން ބައެއް ޑްރޯންތައް ވަނީ ހަލާކުކޮށްލައިފައެވެ.

ޔުކްރޭނުން މި ދިޔަ ޖޫންމަހު އިދިކޮޅު ޙަމަލާތައް ފެށިފަހުން ކިޔީވުން ދަނީ ކްރިމިޔާ ސަރަޙައްދަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ޑްރޯން ޙަމަލާތައް ދެމުންނެވެ. މި ހުސްވި ޖުލައި މަހުގެ މެދުތެރޭގައި ޔުކްރޭނުން ވަނީ 18 ޙަމަލާދީފައެވެ. އަދި އެ މަހު ފަހުކޮޅުގައި ވަނީ 25 ޙަމަލާދީފައެވެ. ރަޝިޔާއިން ބުނާގޮތުގައި މިއިން އެއްވެސް ޙަމަލާއެއް އޭގެ އަމާޒާ ހަމައަށް ވާޞިލުވެފައެއް ނުވެއެވެ.

ރޫސީ ސިފައިން މިއަދު ހެނދުނު ހާމަކުރި ގޮތުގައި ރަޝިޔާގެ އެތެރޭގެ މަދަނީ އަމާޒުތަކަކަށް މިސައިލް ޙަމަލާތަކެއް ދޭން ވެސް ޔުކްރޭން ސިފައިން ވަނީ މަސައްކަތްކޮށްފައެވެ. މި ޙަމަލާތައް ދޭން މަސައްކަތްކޮށްފައި ވަނީ އެސް 200 މަރުކާގެ މިސައިލަށް ބަދަލު ގެނެސްގެންނެވެ. ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި އެ މިސައިލް ވަނީ މޮސްކޯ ކައިރީގައި އޮންނަ ކަލޯގާ މަތިން ވައްޓައިލައި ހަލާކުކޮށްލައިފައެވެ.

އިދިކޮޅު ޙަމަލާ ނާކާމިޔާބު

މި ސިޔާޤުގައި ވާހަކަފުޅު ދައްކަވަމުން ރޫސީ ޚާރިޖީ ޖާސޫސީ އިދާރާގެ ޑިރެކްޓަރު ސަރްގީނާ ރިޝްކިން ވިދާޅުވާ ގޮތުގައި ޔުކްރޭނުގެ އިދިކޮޅު ޙަމަލާ އަކީ ނާކާމިޔާބު ޙަމަލާއެއްކަން ދުނިޔެއަށް ވެސް އެނގިއްޖެއެވެ.

އަނެއްކޮޅުން ޔުކްރޭންގެ ޖާސޫސީ އިދާރާގެ ތަރްޖަމާން ވިދާޅުވި ގޮތުގައި ޔުކްރޭންގެ ކަނޑުގެ ބާރުތަކާ ގުޅިގެން ކްރިމިޔާއަށް ރޭ ވަނީ ޔުކްރޭންގެ ފައުޖެއް އަރައިފައެވެ. މި ކުއްލި ޙަމަލާގައި ރޫސީ ސިފައިންގެ 30 މީހަކު މަރައިލިއެވެ. އަދި ރަޝިޔާގެ ކަނޑުގެ ބާރުތަކުގެ ހަތަރު ލޯންޗެއް ހަލާކުކޮށްލިއެވެ.

އެހެނަސް ރޫސީ ޖާސޫސީ އިދާރާއާ ޙަވާލާދީ ރޫސީ މީޑިޔާތައް ބުނާގޮތުގައި ޔުކްރޭނުން ކްރިމިޔާއަށް ފައިބަން އުޅުނު ސިފައިންގެ ފައުޖު ވަނީ ނައްތައިލައި އެ ޙަމަލާ ނާކާމިޔާބު ކޮށްލައިފައެވެ.

އަނެއްކޮޅުން ވައިޓްހައުސް ބުނާގޮތުގައި ރައީސް ބައިޑްން ޔުކްރޭންގެ ރައީސާއެކު އެފް 16 މަތިންދާބޯޓު ދުއްވުމަށް ބޭނުންވާ ޔުކްރޭން ޕައިލެޓުންނަށް ތަމްރީނު ދިނުމުގެ މަސްއަލައާމެދު ބަހުސްކުރައްވައިފިއެވެ.

ޕެންޓަގަނުންގެ ތަރްޖަމާން ޖެނެރަލް ޕެޓް ރައިޑަރ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އެ ޕައިލެޓުންނަށް ދަސްކޮށްދޭނީ އިނގިރޭސިއެވެ. މި ކޯސް މި އަންނަ ސެޕްޓެންބަރު މަހުގެ ފަނަރަހާ ތާނގައި ފެށޭނެއެވެ. ރައިޑަރ ހާމަކުރެއްވި ގޮތުގައި ޕައިލެޓުންނަށް ތަމްރީނު ދިނުމަށް ޓަކައި ފަސް މަހާއި އަށް މަހާ ދެމެދުގެ މުއްދަތެއް ބޭނުންވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *