ލިއުންތެރިޔާ އަދި އަދަބީ ފަންނުވެރިޔާ، ލ. މާވަށް، އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ލިޔުއްވައިފައިވާ ދެ ފޮތެއް ރޭ އިފުތިތާޙުކޮށްފިއެވެ.
ލިޔުންތެރީންގެ ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑަމީއާއި މީޑިއާ ކައުންސިލާއި ލިޔުންތެރީންގެ ގުޅުމުން ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި "ކީރިތި ﷲގެ މަތިވެރި އަމުރުފުޅުތަކާއި އަގުހުރި އިރުޝާދުތައް" ނެރެދެއްވީ އިސްލާމީ ޔުނިވާސިޓީގެ ޑެޕިޔުޓީ ވައިސް ޗާންސެލަރު ޑރ. ސަޢުދުﷲ ޢަލީއެވެ. "ޗައިނާ ދަތުރު"ގެ ނަމުގައި ލިޔުއްވައިފައިވާ ދަތުރުނާމާ ނެރެދެއްވީ މަޝްހޫރު ޅެންވެރިޔާ އަދި އަދީބު އޮނަރަބްލް ޢަބްދުއްރަޝީދު ޙުސައިނެވެ.
ދިރިތިބީންގެ މަސްއޫލިއްޔަތަކީ ކޮބައިކަމާއި މާތްﷲ މުޅި އިންސާނިއްޔަތަށް ކުރައްވައިފައިވާ އަމުރުފުޅުތައް ހިމަނުއްވައިފައިވާ "ކީރިތި ﷲގެ މަތިވެރި އަމުރުފުޅުތަކާއި އަގުހުރި އިރުޝާދުތައް" މި ފޮތުގައި 95 ޞަފުޙާ ހިމެނެއެވެ. މި ފޮތް ޝާއިޢުކޮށްފައި ވަނީ "ކްރިއޭޓިވް އެންޑް ޕީ.އާރު އެސޯސިއޭޓްސް"ގެ ފަރާތުންނެވެ.

"ޗައިނާ ދަތުރު" މިއީ މިހާތަނަށް ދިވެހިބަހުން ލިޔެފައިވާ އެންމެ ފުރިހަމަ ދަތުރުނާމާކަމަށް އެ ފޮތަށް ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފު ޢަލީ ލިޔުއްވައިފައިވާ އިސްބަހުގައި ވިދާޅުވެފައިވެއެވެ. ޗައިނާގެ މުހިންމު ތަންތަނާއި އެ ތަންތާނގެ ތާރީޚާއި އެ މީހުންގެ އާދަކާދަތަކާއި ސުލޫކުގެ މައްޗަށް މި ފޮތުގައި އަލިއަޅުވައިލައިފައިވެއެވެ. އަދި ޗައިނާގެ ޒަމާނީ ކުރިއެރުމާއި ޙަޟާރަތުގެ މައްޗަށް ވެސް މި ފޮތުގައި ބައްލަވައިލައްވައިފައިވެއެވެ.
ރޭ މަޖީދިއްޔާ ސްކޫލް ހޯލުގައި ބޭއްވި ޖަލްސާގައި، މިއަހަރު ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް އައި ފަރާތްތަކަށް އިނާމާއި ސަނަދު ދިނުން ވެސް އޮތެވެ.
ރޭގެ ޖަލްސާގައި ޑރ. ސަޢުދުﷲ ވާހަކަފުޅު ދައްކަވަމުން ލިޔުންތެރިކަމަށާއި ކިޔުންތެރިކަމަށް ކީރިތި ޤުރުއާނުގައި ބާރުއަޅުއްވައިފައިވާ މިންވަރުގެ މައްޗަށް ވަރަށް ތަފުޞީލީ ގޮތެއްގައި އަލިއަޅުއްވައިލައްވައިފައިވެއެވެ. އަލި ލިޔުންތެރިކަމަކާއި ކިޔުންތެރިކަމަކީ ދިރިތިބީންގެ މަސްއޫލިއްޔަތެއްކަން ވަރަށް ތަފުޞީލީ ގޮތެއްގައި ބަޔަންކޮށްދެއްްވިއެވެ.
ރާއްޖޭގެ މަޝްހޫރު ގިނަ ލިޔުންތެރީންނާއި ބައެއް ސްކޫލްތަކުގެ ދަރިވަރުން ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ސްކޫލް ކުދީން ވަރަށް ހިތްގައިމު އަދަބީ ނަންބަރެއް ވެސް ރޭގެ ޖަލްސާގައި ހުށަހަޅައިދިނެވެ. އަދި ރޭގެ ޖަލްސާ އެ ބޭފުޅަކަށް ޓަކައި ޚާއްޞަކުރެވުނު، އައްޝައިޚު މުޙަންމަދު ޖަމީލު ދީދީގެ އަދަބީ ޚިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ހުށަހެޅުމެއް ވެސް ރޭގެ ޖަލްސާގައި ހުށަހެޅިއެވެ.



advertisment