Support Us

ބްރިކްސްގެ އާ މެންބަރުން މަރްޙަބާ ކިޔައިފި

ބްރިކްސްގެ މެންބަރުކަން ލިބުނު ޤައުމުތަކުގެ އިސްވާރުން އެކަމާމެދު އުފާފާޅުކުރައްވައި އެކަމަށް ވަރަށް ބޮޑަށް މަރްޙަބާ ވިދާޅުވެއްޖެއެވެ.

ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯޒާ މިއަދު ހެނދުނު ކުރެއްވި އިޢުލާން ބުނާގޮތުގައި ބްރިކްސް ޖަމާޢަތަށް ވައްދަން އެބޭފުޅުން އެއްބަސްވެވަޑައިގެންނެވި ހަ ޤައުމަކީ ސުޢޫދީ ޢަރަބިއްޔާއާއި މިޞްރާއި އިމާރާތާއި އީރާނާއި އިތިޔޯޕިޔާއާއި އާޖެންޓިނާއެވެ. މި ޤައުމުތައް ބްރިކްސްގައި މެންބަރުންގެ ގޮތުގައި މަސައްކަތް ފަށާނީ އަންނަ އަހަރު ފުރަތަމަ ދުވަހުއެވެ.

އިމާރާތުގެ ރައީސް ޝައިޚު މުޙައްމަދު ބިން ޒާއިދު ވިދާޅުވިގޮތުގައި ބްރިކްސްގެ ޒަޢީމުން މި ޖަމާޢަތަށް އިމާރާތު ވައްދަން އެއްބަސްވެ ވަޑައިގަތުމުގެ އަގު އަބޫ ޡަބްއިއިން ވަޒަން ކުރެއެވެ. ޝައިޚު މުޙައްމަދު ބިން ޒާއިދުގެ އެކްސް މަންސައިގައި ލިޔުއްވި ބަޔާން ބުނާގޮތުގައި "ދުނިޔޭގެ އެންމެހައި ރައްޔިތުންނާއި ޤައުމުތަކުގެ ފާގަތިކަމަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އަހުރެމެން އަބަދުވެސް އެދެމެވެ."

މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީ ވިދާޅުވިއެވެ. "ބްރިކްސްއަށް ވަނުމަށް އެ ޖަމާޢަތުގެ ޒަޢީމުން މިޞްރަށް މިއަދު ގޮވައިލެއްވި ގޮވައިލެއްވުމުގެ އަގު މިޞްރުން ވަޒަން ކުރެއެވެ."

ޢަރަބި ދުނިޔޭގެ ނޫސް އޭޖެންސީ ރައީސް ސީސީއާ ޙަވަލާދީ ބުންޏެވެ. "ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިގެން ބްރިކްސްއާއެކު ވިލަރެސްކޮށް އެއްބާރުލުމަށް މިޞްރު އެދެއެވެ."

މިޞްރުގެ ރިޔާސީ އޮފީހުން ނެރުނު ބަޔާން ބުންޏެވެ. "ބްރިކްސްގެ ލަޑުދަނޑިތައް ޙާޞިލްކޮށްދިނުމަށް ޓަކައި މެންބަރު ޤައުމުތަކާއެކު ގުޅިގެން ބްރިކްސް ޖަމާޢަތުގެ މެންބަރުންގެ މެދުގައި އިޤްތިޞާދީ އެއްބާރުލުން ހަރުދަނާކުރުމަށް މިޞްރު މަސައްކަތް ކުރާނެއެވެ. އަހުރެމެންނާ ކުރިމަތިވެފައިވާ ތަފާތު މަސްއަލަތަކާއި ތަރައްޤީއާ ބެހޭ ގޮންޖެހުންތައް ޙައްލު ކުރުމަށް ޓަކައި ދެކުނުގެ އަޑު އުފުއްލާ ހުށީމެވެ. ތަރައްޤީވުމަށް މަސައްކަތްކުރާ ޤައުމުތަކުގެ މަޞްލަޙަތުތަކާއި ޙައްޤުތައް ރައްކައުތެރިކުރުމަށް ވަކާލަތު ކުރާނަމެވެ."

ޗައިނާގެ ރއީސް ޝީ ޖިންޕިންގ ވިދާޅުވި ގޮތުގައި ބްރިކްސް ފުޅައުވެގެން ދިޔުމަކީ އެއްބާރުލުމުގެ އާލިއްޔަތަށް އިތުރު ޖޯޝެއް ގެނެސްދޭނެ ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި ބްރިކްސް ފުޅައުކުރުން ރިވެލިކޮށްދެނީ އެއްބައިވަންތަކަމަށާއި އެއްބާރުލުމަށް ބްރިކްސް ޢަޒްމު ކަނޑައަޅައިފައިވާ މިންވަރުގެ ބޮޑުކަމެވެ. އެމެރިކާގެ ގޮންޖެހުންތަކުގެ ކުރިމަތީގައި ބްރިކްސް ފުޅައުކޮށް ބޮޑުކުރަން ޗައިނާއިން ވަރަށް ބޮޑު އިސްކަމެއް ދެއެވެ.

ބްރިކްސް ފުޅައުކުރެއްވުމަށް ޓަކައި ދެކުނު އެފްރިކާގެ ރައީސް ރަމަފޯޒާ ކުރެއްވި މަސައްކަތްޕުޅަށް ރައީސް ޕޫޓިން ޝުކްރު އަދާކުރެއްވިއެވެ.

ޠަހަރާނުން އެކަމަށް ޝުކްރު އަދާކުރަމުން ބުނިގޮތުގައި އީރާން ބްރިކްސްގައި ބައިވެރިކުރުމަށް ނިންމިނިންމުމުން އެނގެނީ އެ ޤައުމުގެ ޚާރިޖީ ސިޔާސަތުގެ އިސްތިރާޖީގެ ކާމިޔާބު ކަމެވެ.

ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާ ވިދާޅުވިގޮތުގައި ބްރިކްސްއަށް ޤައުމުތައް ވަންނަން އެދޭއެދުމުން އެނގެނީ ޢާލަމީ އިޤްތިޞާދީ އައު ނިޒާމަކަށް ދުނިޔެ ބޭނުންވެފައިވާ މިންވަރެވެ. އޭނާ ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ވިދާޅުވިއެވެ. "ބްރިކްސް އޮންނާނީ އައު މެންބަރުންނަށް ހުޅުވިގެންނެވެ."

އިތިޔޯޕިޔާގެ ބޮޑުވަޒީރު އާބީ އަޙްމަދު އޭނާގެ އެކްސް މަންސައިގައި ލިޔުއްވައިފައި ވެއެވެ. "ބްރިކްސްއިން އިތިޔޯޕިޔާއަށް ދިން ދަޢުވަތަކީ ވަރަށް އަގުބޮޑު ދަޢުވަތެކެވެ. ޝާމިލު ފާގަތި ޢާލަމީ ނިޒާމަކަށް ޓަކައި އިތިޔޯޕިޔާއިން އެއްބާރުލާނެއެވެ."

ދެކުނު އެފްރިކާގެ މަސްއޫލުވެރީން ހާމަކުރެއްވި ގޮތުގައި ބްރިކްސް ޖަމާޢަތުގައި ބައިވެރިވުމަށް 24 ޤައުމަކުން އެދިފައި ވެއެވެ.

ބްރިކްސްގެ މިއަދު އޮނިގަނޑަށް ބަލާއިރު އެއީ ދުނިޔޭގެ އާބާދީގެ 41% އެވެ. ދުނިޔޭގެ އިޤްތިޞާދުގެ 25% އެވެ.

ބްރިކްސްގައި ނިންމުންތައް ނިންމާނީ އިޖްމާޢުންނެވެ.

ބްރިކްސް އަށް 2010 ގައި ދެކުނު އެފްރިކާ ވެއްދި ފަހުން އިތުރު ޤައުމެއް އެ ޖަމާއަތަށް ވައްދައިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *