Support Us

ބޯޓު ވެއްޓިގެން ވެގްނަރުންގެ ޒަޢީމު މަރުވީބާ!

މޮސްކޯގެ އުތުރު ހިސާބަކަށް ޚާއްޞަ މަތިންދާބޯޓެއް ވެއްޓި އޭގައި ތިބި 10 މީހަކު މަރުވެއްޖެ ކަމަށް ރޭ ޚަބަރުދިން ނަމަވެސް މި ބޯޓުގައި ޚާއްޞަ ޢަސްކަރީ ވެގްނަރ ޖަމާޢަތުގެ އިސްވާރު ޕްރިގޮޒިން އިން ކަމާމެދު ލިބެމުންދާ ޚަބަރުތައް ފުށުއަރަމުންދާ ކަމަށް މީޑިއާތައް ބުނެފިއެވެ. 

ރަޝިޔާގެ މަދަނީ އުދުހުންތަކާބެހޭ އިދާރާ ބުނާގޮތުގައި ވެއްޓުނު ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ޕްރިގޮޒިނާއި އޭނާގެ ނައިބު ޑިމިޓްރީ އޮޓްކިން ވެއެވެ. އެހެނަސް ރިޑިވްކާ އިންޓަނެޓް ޞަފްޙާ ބުނާގޮތުގައި ސަލާމަތީ ސަބަބުތަކަށް ޓަކައި ޕްރިގޮޒިން މި ބޯޓުން ދަތުރުކުރާ ކަމަށް ރަޖިސްޓަރީ ކޮށްފައި އޭނާ ދަތުރު ކުރީ އެހެން ބޯޓެއްގައެވެ. ރަޝިޔާގެ މީޑިއާތައް ކަށަވަރުކޮށްދޭ ގޮތުގައި ވެއްޓުނު ބޯޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ. އޭގައި ތިބީ ތިން ފަޅުވެރީންނާއެކު ޖުމްލަ 10 މީހުންނެވެ. އޭގެތެރޭގައި ވެގްނަރު ޒަޢީމު ޕްރިގޮޒިން ވެއެވެ. 

ރަޝިޔާގެ މަޞްދަރުތައް ބުނާގޮތުގައި ވެއްޓުނު ބޯޓު ފުރިތާ 26 މިނެޓް ފަހުން އެ ބޯޓު ރާޑަރަށް ވަންހަނާ ވެއްޖެއެވެ. އެ ބޯޓު 30 ހާސް ފޫޓު މަތިން ކުއްލިއަކަށް 10 ހާސް ފޫޓަށް ވެއްޓުނެވެ. ބައެއް މަޞްދަރުތައް ބުނާގޮތުގައި ބޯޓު ވެއްޓުނުއިރު އެއް ފިޔަގަނޑެއް ނެތެވެ. 

ރަޝިޔާގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ވަނީ މި ބޯޓުން ދަތުރުކުރި އެންމެންގެ ނަންތައް ޝާއިޢުކޮށްފައެވެ. އޭގެތެރޭގައި ޕްރިގޮޒިނާއި އޭނާގެ ނައިބު އޮޓްކިންގެ ނަން ވެސް އޮތެވެ. 

ރަޝިޔާގެ ކުއްލި ޙާލަތްތަކާބެހޭ ވުޒާރާ ބުނާގޮތުގައި ބޯޓު ދަތުރުކުރީ މޮސްކޯއިން ސޭން ޕީޓަރސްބަރގަށެވެ. އެ ވުޒާރާއިން ބުނިގޮތުގައި އެ ވުޒާރާއިން މިހާރު ދަނީ މި ޙަދިސާ ތަޙްޤީޤު ކުރަމުންނެވެ. 

އާރްބީސީ ޓީވީ ޗެނެލް ބުނާގޮތުގައި ބޯޓު ވެއްޓުނީ އުތުރު މޮސްކޯ ޓްވަރ ސަރަޙައްދަށެވެ. ރެޑޮވްކާ ސައިޓް ބުނި ގޮތުގައި ވެގްނަރު ޖަމާޢާތުގެ ދެވަނަ ބޯޓެއް މޮސްކޯ ސަރަޙައްދުގެ އެސްޓޮވީވާ ސަރަޙައްދަށް ޖެއްސިއެވެ. 

ހުޅަނގުގެ މީޑިއާތަކުން ޕްރިގޮޒިންގެ ބޯޓު ވެއްޓުނީ އެއަށް ދިން ޙަމަލާއެއް ކަމަށް ތުހްމަތު ކުރެއެވެ. ފައިނަންޝަލް ޓައިމްޒް ދުވަހު ނޫސް ބުނާގޮތުގައި ވެގްނަރު ޒަޢީމުގެ ބޯޓު ވައްޓައިލީ ރަޝިޔާގެ ވައިގެ ދިފާޢުތަކުންނެވެ. އެހެނަސް ރަޝިޔާގެ ޢަސްކަރީ ސައިޓެއް ބުނާގޮތުގައި ވެއްޓުނު ބޯޓަށް ބަލާއިރު ވައިގެ ދިފާޢުތަކުން އެ ބޯޓަށް ޙަމަލާ ދީފައިވާ ކަން ފެންނާކަށް ނެތެވެ. 

ވެގްނަރު ޖަމާޢާތުގެ ސިޔާސީ މަޞްދަރެއް ބުނާގޮތުގައި މަރުވެފައިވާ މީހުންގެ ތެރޭގައި ޕްރިގޮޒިންގެ ހަށިގަނޑެއް ނެތެވެ. އެހެނަސް އޭނާގެ ފޯނު މީހެއްގެ ހަށިގަނޑު ކައިރިން ފެނިފައި ވެއެވެ. 

ބައިޑްންގެ ކޮމެންޓު

މި ޙަދިސާގެ ފަހަތުގައި ރޫސީ ރައީސް ޕޫޓީންގެ އަތްޕުޅެއް ވޭތޯ އެމެރިކާގެ ރައީސް ބައިޑްނާ ސުވާލުކުރުމުން އޭނާ ވިދާޅުވިއެވެ. "ރަޝިޔާގައި ހިނގާ ކޮންމެ ކަމެއް ހިނގަނީ ޕޫޓިނަށް އެނގިވަޑައިގަންނަވައިގެންނެވެ. އެހެނަސް ތިޔަ ސުވާލަށް ޖަވާބު ދޭކަށް މަށަކަށް ނޭނގެއެވެ." 

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރްޖަމާން އެޑްރިޔަން ވަޓްސަން  ވިދާޅުވިގޮތުގައި "އެ ޙަދިސާއާ ބެހޭ ރިޕޯޓުތައް މި ދަނީ ބަލަމުންނެވެ. އެ ބޯޓުގައި ޕްރިގޮޒިން އިން ނަމަ އެ ޙަދިސާ ހިނގުމަކީ ޙައރާންވާން ޖެހޭ ކަމެއް ނޫނެވެ."

ޔުކްރޭންގެ ރިޔާސީ އޮފީހުން ބުނިގޮތުގައި މިއީ ރައީސް ޕޫޓިން ރަޝިޔާގެ "ބޮޑުންނަށް" ދެއްވި މެސެޖެކެވެ.

ރައީސް ޕޫޓިންގެ ކުރީގެ މުޝީރެއް ކަމުގައިވާ މަރްކޯވް ވިދާޅުވި ގޮތުގައި ޕްރިގޮޒިން މަރުވުމަކީ ރަޝިޔާގެ ހުރިހާ ދުޝްމަނުން ވެސް އުފާވާނެ ކަމެކެވެ.     

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *