ޖެނެރަލް ސަރްގީ ސެރޮވެކިންގެ ބަދަލުގައި ރަޝިޔާގެ ވައިގެ ބާރުތަކުގެ އިސްވާރުކަމަށް އައު ބޭފުޅަކު މިއަދު ޢައްޔަންކޮށްފިއެވެ. ވެގްނަރު ޖަމާޢަތުގެ ނުކިޔަމަންތެރިކަމާއެކު ސެރޮވެކިން ވަނީ ވަންހަނާވެ ވަޑައިގެންފައެވެ.
ރަޝިޔާގެ މީޑިޔާތައް ބުނާގޮތުގައި މިހާރު ޖެނެރަލް ސެރޮވެކިން ހުންނެވީ ގޭގައި ބަންދުކޮށްފައެވެ. ވެގްނަރ ބަޣާވަތުގައި އޭނާ ބައިވެރިވަޑައިގަތްފައިވާ ކަމަށް ކުރެވޭ ތުހްމަތުތައް މިހާރު ދަނީ ތަޙޤީޤު ކުރަމުންނެވެ.
ރަޝިޔާގެ އާރްބީސީ ޓީވީ އާއި ރީޕަރު ޓީވީ ޗެނެލް ބުނާގޮތުގައި ސެރޮވެކިން ވައިގެ ސިފައިންގެ އިސްވާރުކަމުގެ މަޤާމުން ވަކި ކުރީ އިއްޔެއެވެ. މި މަޤާމަށް ވަގުތީގޮތުން އިސްކުރީ ކާނަލް ޖެނެރަލް ވިކްޓަރ އެވްޒަލޯވެވެ. މީގެ ކުރިން އެވްޒަލޯވް (ފޮޓޯގައި) ހުންނެވީ ވައިގެ ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަޤާމުގައެވެ. އޭނާ މި މަޤާމުގައި ހުންނަވާތާ ހަތަރު އަހަރުވެއްޖެއެވެ.