Support Us

ބްރިކްސްގެ 15 ވަނަ ސަމިޓް މިރޭ ފަށަނީ

އެމެރިކާގެ ޒަޢާމަތުގެ ދަށުގައިވާ ޢާލަމީ އިޤްތިޞާދީ ނިޒާމަށް އެންމެ ބޮޑު ބިރަކަށް ވެފައިވާ ބްރިކްސް ޖަމާޢަތުގެ 15 ވަނަ ސަމިޓް ދެކުނު އެފްރިކާގެ ޖޮހެނެސްބަރގްގައި މި ރޭ ފަށާނެއެވެ.

ބުރާސްފަތި ދުވަހު ނިމޭ މި ސަމިޓްގައި ބަޙުސްކުރެވޭނީ އިޤްތިޞާދީ ވާދަވެރި މި ޖަމާޢަތް ފުޅައުކުރުމާ ބެހޭގޮތުންނާއި މި ޖަމާޢަތުގެ އިޤްތިޞާދީ މާލީ އަދި ތިޖާރީ މަގުޗާޓާ ބެހޭގޮތުންނެވެ.

ބްރިކްސް ޖަމާޢަތް އުފެއްދީ 2009ވަނަ އަހަރުއެވެ. މި ޖަމާޢަތުގެ އިސްވާރުންނަކީ ބްރެޒިލާއި ރަޝިޔާއާއި އިންޑިއާއާއި ޗައިނާއާއި ދެކުނު އެފްރިކާއެވެ. އިތުރު 23 ޤައުމަކުން މި ޖަމާޢަތުގައި ބައިވެރިވުމަށް އެދިފައިވާ މަސްއަލައާމެދު މި ސަމިޓްގައި ބަޙުސްކުރެވޭނެއެވެ.

މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައި ޗައިނާގެ ރައީސް ޝީ ޖިން ޕިނގް އިއްޔެ ވަނީ ޖޮހެނަސްބަރގަށް ވަޑައިގަންނަވައިފައެވެ. ޝީ ވިދާޅުވިއެވެ. "މި ސަމިޓް އައު މަލައަކަށް ވާނެއެވެ. ބްރިކްސް ތަރައްޤީ ކުރުމުގެ އާލިއްޔަތެއް އެކަށައެޅިގެންދާނެއެވެ. ކުރިއެރުމަށް މަސައްކަތް ކުރާ ޤައުމުތަކުގެ މެދުގައިވާ އެއްބައެއްވަންތަކަމާއި އެއްބާރުލުން އައު އުސްމިންތަކަކަށް އުފުލިގެންދާނެކަމުގެ އިތުބާރު އެބަ އޮތެވެ." 

ސީއެންއެން ބުނާގޮތުގައި ބްރިކްސް ސަމިޓްގައި މި ޖަމާޢަތުގެ ކުރިމަގު ކަނޑައެޅިގެންދާނެއެވެ. ހުޅަނގުން އަތްގަދަކޮށްފައިވާ ޢާލަމީ ނިޒާމަށް ގޮންޖެހުމަށް ޓަކައި މި ޖަމާޢަތަށް ލިބިފައިވާ ޤާބިލްކަމުގެ ޙަޤީޤަތް ފެނިގެންދާނެއެވެ. 

މި ސަމިޓްގައި ރޫސީ ރައީސް ޕޫޓިން ބައިވެރިވެވަޑައިގަންނަވާނީ ދާދިވަރުކޮށެވެ. އެހެނަސް މިއީ ސަމިޓަށް ހީނަރުކަން އަންނާނެ ކަމެއްކަމަކަށް ނުފެނެއެވެ. މި ޒަމާނަކީ ސުމޭކުގެ ޒަމާންކަމުގައިވާތީ ދުރާއި ގާތް މި ވަނީ އެކައްޗަކަށް ވެފައެވެ. މި ޖަމާޢަތުގައި ބައިވެރުވުމަށް އެދިފައިވާ 23 ޤައުމުގެ މަސްއަލައާމެދު ބަޙުސް ކުރެވޭނެއެވެ. ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރާ ހާމަކުރައްވައިފައިވާ ގޮތުގައި އެތައް ޤައުމަކުން މި ޖަމާޢަތަށް ވަންނަން ނުރަސްމީކޮށްވެސް އެދިފައި ވެއެވެ. އެ ޤައުމުތަކުގެތެރޭގައި ސުޢޫދީ ޢަރަބިއްޔާއާއި މިޞްރާއި ޖަޒާއިރާއި ބަންގްލަދޭޝާއި ކުވައިތާއި އާޖެންޓީނާއާއި އިމާރާތާއި ކިޔުބާއާއި ކަޒަޚިސްތާނާއި އިންޑޮނޭޝިޔާއާއި ތައިލެންޑާއި ވެނެޒުއޭލާއާއި ބިލަރޫސިޔާ ވެއެވެ.

ބްރިކްސްގެ މި ސަމިޓްގެ ޝިޢާރަކީ "ބްރިކްސްއާއި އެފްރިކާ" އެވެ. ބްރިޒިލްގެ ރައީސް ލޫލާ ޑަ ސިލްވާއާއި ޗައިނާގެ ރައީސް  ޝީ ޖިންޕިންގާއި އިންޑިޔާގެ ބޮޑުވަޒީރު ނަރިންދްރާ މޯދީއާއި ދެކުނު އެފްރިކާގެ ރައީސް ސިރީލް ރަމަފޯޒާއާއެކު ސަމިޓްގައި އިސް މޭޒުދޮށުގައި ރޫސީ ޚާރިޖީ ވަޒީރު ސަރްގީ ލެވްރޯވް އިންނަވާނެއެވެ.  

ބްރިކްސްއަށް މެންބަރުން އިތުރުކުރުމުގެ މަސްއަލައިގައި ބްރެޒިލްގެ ރައީސްގެ ޚިޔާލުފުޅު ތަފާތެވެ. އޭނާ ވިދާޅުވާ ގޮތުގައި ޖަމާޢަތް  މާ ފުޅައުކުރުމަކީ ޖަމާޢަތުގެ އެއްގަލަކަށް އެރުން ގެއްލިގެން ހިނގައިދާނެ ކަމެކެވެ. 

އެހެނަސް ދެކުނު އެފްރިކާގެ ރައީސް ރަމަފޯޒާ ވިދާޅުވާ ގޮތުގައި ގުޅިފައިވާ އެދުންތަކެއް ޙާޞިލްކުރުމަށް އެދޭ ތަފާތު ޤައުމުތަކެއް އެއް އަމާޒަކަށް ވާޞިލުވާން އެދޭތީ އެ އެންމެން މި ޖަމާޢާތުގައި ބައިވެރިކޮށް ޖަމާޢަތް ބާރުގަދަ ކުރަން ވަނީ ޖެހިފައެވެ.

ޗައިނާއާއި ރަޝިޔާއިން މި ޖަމާޢަތުގައި ޖިޔޯސިޔާސީ ކުލަޖައްސަން ބޭނުންވެއެވެ. މަޞްލަޙަތުތައް ޙިމަޔަތް ކުރުމެވެ. މި ކަން ކުރެވޭނީ މެންބަރުން ގިނަކޮށް ޖަމާޢަތުގެ ބާރުގަދަކޮށްނެވެ. ދެކުނު އެފްރިކާގައި ހުންނަވާ ޗައިނަ ސަފީރު ވިދާޅުވާ ގޮތުގައި ބްރިކްސްގައި ބައިވެރިވާން އެދޭ ބައެއް ޤައުމުތަކުގެ ބޭނުމަކީ "އެ ޤައުމުތަކާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލަމަތްވުމަށް ޓަކައި އެ ޤައުމުތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުމެވެ. އެ ޤައުމުތަކުގެ މަޞްލަޙަތުތައް  ދިފާޢުކުރުމެވެ."

އޭނާ ވިދާޅުވި ގޮތުގައި ބްރިކްސްގެ މެންބަރުން ބިނާކުރަނިވި މަޝްވަރާއާއި އަތްހަމަ ވާހަކަދެއްކުންތަކުގެ މަތީގައިވާ ޢާލަމީ ނިޒާމެއް ޤާއިމު ކުރުމަށް  އެދެއެވެ. އިޙްތިރާމު ލިބޭ ބަޔަކަށް ވާން އެދެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *