Support Us

އެފްރިކާގެ އިއްތިޙާދުގެ މެންބަރުކަމުން ނައިޖަރު ވަކިކޮށްފި

އެފްރިކާގެ އިއްތިޙާދުގެ މެންބަރުކަމުން ނައިޖަރު ވަގުތީގޮތުން ވަކިކޮށް އެކަން އެ އިއްތިޙާދުގެ އަމްނާއި ސަލާމަތާބެހޭ މަޖިލީހުން މިއަދު އިޢުލާންކޮށްފިއެވެ. މި ކަމާ ވިދިގެން މި އިއްތިޙާދުގެ އެއްވެސް ޙަރަކާތެއްގައި ނައިޖަރަށް ދެން ބައިވެރިއެއް ނުވެވޭނެއެވެ. 

އިއްތިޙާދުން ކަށަވަރުކޮށްދިން ގޮތުގައި މި ފިޔަވަޅު އެޅީ އެކޮވަސް ޖަމާޢަތާއެކު އެއްބާރުލުމުގެ ގޮތުންނެވެ. އެހެނަސް ބޭރު ދައުލަތްތަކުންނާއި ޖަމާޢަތްތަކުން އެފްރިކާ ބައްރުގެ ކަންތައްތަކާ ބެހުމަކީ މި އިއްތިޙާދު ޤަބޫލުކުރާނެ ކަމެއް ނޫންކަމަށް ވެސް ބުންޏެވެ. 

މި މަސްއަލައިގެ ސިޔާޤުގައި ޖަޒާއިރުގެ ރަސްމީ ރޭޑިއޯ ބުނާގޮތުގައި ނައިޖަރަށް ފަރަންސޭސި ޢަސްކަރިއްޔާގެ ބާރެއް ދިޔުމަށް ޓަކައި ޖަޒާއިރުގެ ވައިގެ ސަރަޙައްދު ހުޅުވައިދިނުމަށް ޕެރިހުން އެދުމުން ޖަޒާއިރުން އެކަމަށް ނޫނެކޭ ބުނެފިއެވެ. ޖަޒާއިރު ބުނާގޮތުގައި އަވަށްޓެރި ނައިޖަރާ ބެހުމަކީ ޖަޒާއިރު ޤަބޫލު ކުރާ ކަމެއް ނޫނެވެ. ޖަޒާއިރު ބުނާގޮތުގައި ނައިޖަރަށް ދުސްތޫރީ ވެރިކަން އިޢާދަކުރެވެން ޖެހޭނީ ސުލްޙަވެރި ވަސީލަތްތަކުގެތެރެއިން ލައިފައެވެ. ޖަޒާއިރު ބުނާގޮތުގައި ފަރަންސޭސީން ދަނީ ނައިޖަރުގެ ވެރިކަމުން ޢަޒްލުކޮށްފައިވާ ރައީސް މުޙައްމަދު ބާޒޫމް  ދޫކޮށްނުލައިފިނަމަ ދީފައިވާ އިންޒާރާ އެއްގޮތަށް އެ ޤައުމަށް އެރުމަށް ތައްޔާރުވަމުންނެވެ.

އިންތިޤާލީ މަރްޙަލާ

ނައިޖަރުގެ އިންޤިލާބީ ޢަސްކަރީ މަޖިލީހުން ބުނާގޮތުގައި ކުރިއަށް އޮތް ތިން އަހަރުގެތެރޭގައި އެ ޤައުމުގައި އިންތިޚާބު ބޭއްވޭނެއެވެ. އެހެނަސް އެކޮވަސް ބުނާގޮތުގައި މިއީ ސިޔާސީ ވަޅުގަނޑުން އަރައިގަތުމަށް މާ ދިގު މުއްދަތެކެވެ. 

އެކޮވަސްއާއި ބައިނަލް އަޤްވާމީ ބާރުތަކުން މަސައްކަތް ކުރަމުން  ދަނީ ނައިޖަރުގެ އިންޤިލާބަށް ސިޔާސީ ޙައްލެއް ގެނެވޭތޯއެވެ. މިއީ މެދުތެރޭ އެފްރިކާއާއި ހުޅަނގު އެފްރިކާގައި ތިން އަހަރުގެތެރޭގައި ގެނައި ހަތް ވަނަ އިންޤިލާބެވެ. ނައިޖަރުގެ އިންޤިލާބީ ޒަޢީމު ޖެނެރަލް ޢަބްދުއްރަޙްމާން ތިޔާނީ ވަނީ އެކޮވަސްގެ ވަފްދަކާ ބައްދަލުކުރައްވައިފައެވެ. 

މާލީގެ ބޮޑުވަޒީރު ޝޫގެލް ކޮކާލާ މައިގާ އިންޒާރުކުރައްވާ ގޮތުގައި ހުޅަނގު އެފްރިކާގެ ޤައުމުތަކުން ނައިޖަރާ ބެހުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި އެކޮވަސްގެ ބައެއް މެންބަރުންގެ އަމާޒަކީ އެކޮވަސް ރޫޅައިލުމެވެ. އޭނާ ވިދާޅުވި ގޮތުގައި އެކޮވަސް އަކީ ސިޔާސީ ޖަމާޢަތެއް ނޫނެވެ. އެހެނަސް އެއީ އިޤްތިޞާދީ ޖަމާޢަތެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *