Support Us

"ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ" ހުޅުވުމުގެ ރަސްމިއްޔާތުގައި މެޑަމް ފަޒުނާ ބައިވެރިވެވަޑައިގެންފި

ޤައުމީ ޔުނިވަރސިޓީން މިއަދު ހެނދުނު ފެށި "ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2023″ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދާއި މާދަމާ ބާއްވާ ތެވެލި ބައިނަލްއަޤްވާމީ ކޮންފަރެންސަކީ މިފަދަ ހަ ވަނަ ކޮންފަރެންސެވެ. މި ކޮންފަރެންސްގެ ތީމަކީ "ރިސާޗް ފޮރ އިންފޯމްޑް ޕޮލިސީ ޑިޒިސަން" އެވެ.

މި ކޮންފަރެންސްގެ ޒަރީއާއިން އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ލީޑަރުންނަށް މުހިންމު މައުޟޫޢުތަކަށް މަޝްވަރާކޮށް މަޢުލޫމާތު ޙިއްޞާކުރުމުގެ މަގުފަހިވެގެންދާނެއެވެ. މި ކޮންފަރެންސްގެ ބޭނުމަކީ ކޮންފަރެންސްގައި ގުޅިގެން ކުރެވޭ މަޝްވަރާތަކުގެ އަލީގައި ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުމަށް ބާރުއެޅުމާއި އަދި އެންމެ އެކަށޭނަ ސިޔާސަތުތައް ކަނޑައެޅުމަށް މަގު ފަހިކުރުމެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރަނގަޅު ސިޔާސަތުތައް އެކުލަވާލުމުގައި ދިރާސާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވަނީ ދިރާސާކުރުމަކީ ނިންމުންތައް ނިންމުމުގެ މަރުހަލާގެ އެންމެ މުހިންމު އަސާސްކަން ފާހަގަކުރައްވައި ދިރާސާއާއެކު އެކަމެއްގައި ހިމެނޭ އެންމެ އެކަށޭނަ މަޢުލޫމާތު ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ މިކަންކުރުމުގައި ދިރާސާގެ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވައި އެކަމަނާ ވަނީ އޮޅުންބޮޅުން ބޮޑު މައްސަލަތައް ދެނެގަތުމާއި އަދި އެ މައްސަލަތަކަށް ރޭވުންތެރިކަމާއެކު ހެކީގެ މައްޗަށް ބިނާވެފައިވާ ހައްލުތަކެއް ހޯދުމަށް ދިރާސާ ކުރުމުން މަގުފަހިވެގެންދާކަން ފާހަގަކުރައްވާފައެވެ. އަދި ވަކިވަކި ފަރުދުންނަށްވެސް ދިރާސާގެ ބޭނުން ހިފައިގެން އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ބޭނުންވާ އެކަށޭނަ ސިޔާސަތުތަކާއި ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެންމެ އެކަށޭނަ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރާސާގެ ދައުރު ފާހަގަކުރައްވަމުން އެކަމަނާ ވަނީ އެންމެ ދަތި މައްސަލަތައް ހޯދައި އެކަންކަން ހައްލުކުރުމަށް ތަރައްޤީގެ ސިޔާސަތުތައް އެކަށައެޅުމުގައި ދިރާސާއިން އެހީތެރިވެދޭނެ ގޮތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ މިސާލަކަށް ރާއްޖެއަށް ބަލާނަމަ، މުޅި ރާއްޖޭގެ ހުރިހާ ރަށްތަކަށް ހަމަހަމަގޮތެއްގައި ތަރައްޤީ ގެނެވޭނީ އެރަށްރަށުގެ މީހުން އެންމެ ބޭނުންވާ ކަންކަމަކީ ކޮބައިކަން ދިރާސާކޮށް ދެނެގަނެވިގެން އޭގެ މައްޗަށް ސިޔާސަތުތައް އެކުލަވާލެވިގެންކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ޢިލްމުވެރިންނާއި، ފަންނީ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ މެދުގައި ސާފުގޮތުގައި މުޢާމަލާތް ކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި، ދިރާސާގެ ހޯދުންތައް ޞައްޙަކަންމަތީ ފޯރުކޮށްދީ، ނިންމުންތައް ނިންމުމުގައި ފައިދާހުރި ގޮތެއްގައި ޢަމަލުކުރެވޭނެ ގޮތް ހެދުމަށް ރަނގަޅަށް މުޢާމަލާތް ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ކަމާއިގުޅުންހުރި ފަރާތްތަކުގެ މެދުގައި އެއްބާރުލުންދީ މަޝްވަރާކުރުމަކީ، ރާއްޖެއާއި އެހެން ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް މިއަށްވުރެ ފައިދާހުރި ސިޔާސަތުތައް އެކުލަވާލެވިދާނެ ފުރުޞަތު ފަހިވެގެންދާނެ ކަމެއް ކަމުގައި އެކަމަނާ ޤަބޫލުފުޅުކުރައްވާ ކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ދިރާސާ ކުރުމާއި ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ބޭނުން ކުރުމަށް ވޯޓުލާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. އަދި، އެކަމަނާ ވަނީ ކެންޑިޑޭޓުންނާއި އެމީހުންގެ ސިޔާސަތުތަކާ ބެހޭ މަޢުލޫމާތު ހޯދައި، އެކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ކުރާނެ އަސަރުތައް ރަނގަޅަށް ވިސްނުމަށް ވަކިވަކި ފަރުދުންނަށް ހިތްވަރު ދެއްވާފައެވެ. އަދި އެކަމަނާ ވަނީ ދިރާސާކޮށް ސިޔާސަތުތައް އަޅާކިޔުމަށްފަހު އެމީހަކަށް މުހިންމު އަދި އިސްކަންދޭ ކަންކަމަށް މަސައްކަތްކޮށްދެވޭ ވަރުގެ ކެންޑިޑޭޓަކު އިޚްތިޔާރު ކުރުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތެވެލި 2023ގެ "އާރލީ ކެރިއަރ ރިސާރޗަރސް އެވޯޑްސް އަދި އައުޓްސްޓޭންޑިންގް ޕޭޕަރސް އޮފް ދަ ކޮންފަރެންސް" އެވޯޑް ހަވާލުކޮށްދެއްވާފައެވެ. މި އެވޯޑްތައް ދެނީ އެ ދިރާސާތައް ކުރި ފަރާތްތަކާއި އަދި އެ ދިރާސާއެއް ނިސްބަތްވާ ދާއިރާއަށް ލިބިގެންދާ ކުރިއެރުމާއި އެހީތެރިކަމުގެ އަގުވަޒަންކުރުމާއި އަދި ރަނގަޅު ސިޔާސަތުތައް ކަނޑައެޅުމަށް އެކަށޭނެ މައުލޫމާތު ހޯދުމަށް ދިރާސާގެ މުހިންމުކަން ފާހަގަކުރުމުގެ ގޮތުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *