Support Us

ޔަހޫދީއަކު މަރައިލުމާ ވިދިގެން ޚަލީލު ސަހަރު ބަންދުކޮށްފި

ހިފައިފައިވާ ހުޅަނގު އައްސޭރީގެ ޚަލީލު ސަހަރު ކައިރީގައި ހަދައިފައިވާ ޔަހޫދީ އާބާދީއެއް ކަމުގައިވާ ކުރިޔާތު އަރްބަޢުގައި ޔަހޫދީ އުޅަނދަކަށް ދިން ޙަމަލާއެއްގައި ޔަހޫދީ އަންހެނަކު މަރުވެ ފިރިހެނަކު ޒަޚަމުވެއްޖެއެވެ. މި ޙަމަލާދިން ފަލަސްޠީނު މީހާ ހޯދުމަށް ޓަކައި އިސްރާއީލު ސިފައިން މިހާރު ވަނީ ޚަލީލު ސަހަރު ބަންދުކޮށްފައެވެ.

އިސްރާއީލު ސިފައިން ހެލިކޮޕްޓަރުގެ އެހީގައި މިހާރު ދަނީ ފަލަސްޠީނުގެ ފިދާއީ މީހާ ފެނޭތޯ މަސައްކަތް ކުރަމުންނެވެ. 

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި އިސްރާއީލުން ސިފައިންގެ ވަރަށް ގިނަ ބަޔަކު ފޮނުވައި މިހާރު ވަނީ ޚަލީލު ސަހަރާއި ވަށައިގެން ވާ ރަށްތަކުގެ ދޮރޯށިތައް ބަންދުކޮށްފައެވެ. 

ޙަމާސް ޖަމާޢަތުގެ ތަރްޖަމާން ޙާޒިމު  ޤާސިމު ވިދާޅުވިގޮތުގައި ޚަލީލު ސަހަރުގެ މި ޙަމަލާއަކީ ވަޒަންވެރިކުރުވުމުގެ ޔަހޫދީ މަޝްރޫޢުތަކާއި އިސްލާމީ މުޤައްދަސާތުތަކާ ދެކޮޅަށް އިސްރާއީލުން ކުރަމުން ދާ ދީނީ ހަނގުރާމައާ ކުރިމަތިލުމުގެ ގިއުގަނޑުގެތެރޭގައި ދެވުނު ޙަމަލާއެކެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ އިސްތިޢުމާރީ ބާރު ބަލިކުރެވެންދެން ފިދާއީ ޢަމަލުތައް ކުރިއަށް ދާނެއެވެ. 

ޤާސިމު ވިދާޅުވިގޮތުގައި މިއީ ފަލަސްޠީނުގެ ރައްޔިތުން އަޤްޞާއާއި ޤުދުސް ޙިމާޔަތްކުރުމަށް ޓަކައި ފެށި އިންތިފާޟާއެކެވެ.އޭނާ ވިދާޅުވިގޮތުގައި ޖިހާދާއި އިންތިފާޟާ ފެތުރެމުން ދެމެމުން މި ދަނީ ވަރަށް ބާރަށެވެ. އެކަންތައް ހުއްޓުވައެއް ނުލެވޭނެއެވެ.

މިއަދުގެ މި ޙަމަލާއަށް އިސްލާމީ ޖިހާދު ޖަމާޢަތުން ވެސް މަރްޙަބާ ކިޔެވެ.އެ ޖަމާޢަތުން ބުނިގޮތުގައި މިއީ އިސްރާއީލާއި ވަޒަންވެރިގަނެގެން އުޅޭ ޔަހޫދީން ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަށް ދެވޭ ޠަބީޢީ ރައްދު ޢަމަލެކެވެ.

އިސްލާމީ ޖިހާދު ބުނިގޮތުގައި މިއީ އިސްރާއީލަށް ފޮނުވޭ އިންޒާރުގެ މެސެޖެކެވެ. ކުރިމަގު އަދި މާ ހިތިވެފައި ހަރުކަށި ވާނެއެވެ. 

މީގެއިތުރަށް އިސްރާއީލުން ހިފައިފައިވާ ސޫރިޔާގެ އުސްބިންތަކުގައި އޮންނަ ޠަބަރިއްޔާ ކުޅިއާ ކައިރި ހިސާބެއްގައި އަތުބޮމެއް  ގޮވުމުގެ ސަބަބުން އިސްރާއީލު ސިފައިންގެ މީހަކު ޒަޚަމުވެއްޖެއެވެ.

މީގެއިތުރަށް އިސްރާއީލު ބުނާގޮތުގައި ޣައްޒާއިން ފޮނުވައިލި ޑްރޯނަކަށް ދަގަނޑު ޤުއްބުން ދެ ރޮކެޓް ފޮނުވައި ވައްޓައިލައިފިއެވެ. މި ޑްރޯން ޣައްޒާއިން ފޮނުވައިލައިފައި ވަނީ ޔަހޫދީ އާބާދީއެއް ކަމުގައިވާ ޢަލޫމީމު  ސަރަޙައްދާ ކައިރި ހިސާބަކުންނެވެ. މި ޑްރޯން އިސްރާއީލުގެ ސަރަޙައްދުތެރެއަށް ނުވަންނަ ކަމަށް އިސްރާއީލުން ބުންޏެވެ. 

މި ޙަމަލާތަކާ ވިދިގެން އިސްރާއީލުން މިއަދު ވަނީ ފަލަސްޠީނުގެ 13 މީހަކު ހައްޔަރުކޮށްފައެވެ. ފަލަސްޠީނުގެ އަސީރުންގެ ޖަމްޢިއްޔާ ބުނާގޮތުގައި މި މީހުން ހައްޔަރުކޮށްފައި ވަނީ މަރާޙުރަބާޙު ނަމަކަށް ކިޔާ ރަށުންނާއި ޠަލްކަރަމުންނާއި ޢުބައިދިއްޔާއިންނާއި  ކަފްރު ޢަޤިބުންނެވެ. އިސްރާއީލު ސިފައިން މި މީހުން ހައްޔަރު ކުރުމަށް ގޭގެއަށް ވަދެ އެ ގޭގޭގެ އެއްޗެހިތައް ހަލާކުކޮށްފައިވާ ކަމަށް މި ޖަމްޢިއްޔާއިން ބުންޏެވެ.    

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *