Support Us

އެފް-16ގެ މަތިންދާބޯޓުތައް ހޮލެންޑުން ކިޔީވަށް ދޭ ޝަރުޠުތައް ހާމަކޮށްފި

އެމެރިކާގެ އެފް-16ގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ކިޔީވަށް ދޭ ޝަރްޠުތައް ހޮލެންޑާއި ޑެންމާކުން މިއަދު ހާމަކޮށްފިއެވެ. 

ހޮލެންޑްގެ ބޮޑުވަޒީރު މާކް ރޯޓާ އާއެކު ޔުކްރޭންގެ ރައީސް ޒިލެންސްކީ މިއަދު ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހާމަކުރެއްވި ގޮތުގައި ޔުކްރޭނުގެ ޕައިލެޓުންނާއި އިންޖިނޭރުން އެފް-16 ގެ ބޯޓުތައް ބޭނުންކުރުމަށް ބޭނުންވާ ތަމްރީނުތައް ނިމުމުން ހޮލެންޑުން ޔުކްރޭނަށް 42 ބޯޓު ދޭނެއެވެ. 

ނޫސްވެރީންގެ މި ބައްދަލުވުމުގައި ރޯޓާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި މި ބޯޓުތައް ޔުކްރޭނަށް ދެވޭނީ ކިޔީވުން ޝަރްޠުތައް ފުރިހަމަކުރީމައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެންމެ މުހިއްމު ޝަރްޠަކީ މި ބޯޓުތައް ޔުކްރޭނުގެ ބިމުގައި ބޭނުންކުރުމަށް ބޭނުންވާ ބިނާރު ހުރިކަމުގެ ޖާމިނުވުން ލިބުމެވެ.  

ޑެންމާކްގެ ޚާރިޖީ ވަޒީރާ މިއަދު ދެއްވި ބަޔާނުގައި އައިސްފައި ވެއެވެ. "ޔުކްރޭނަށާއި ޔުކްރޭންގެ ވައިގެ ބާރުތަކަށް އެފް 16ގެ ހަނގުރާމަމަތީ ބޯޓުތައް ޙަވާލުކުރުމަށް އަހުރެން އެއްބަސްވަމެވެ. އެއީ އެމެރިކާއާއި އެހެނިހެން ބައިވެރިންނާއެކު ގުޅި އެއްބާރުލައިގެންނެވެ. އެއީ އެ ބޯޓުތައް ޙަވާލުކުރުމަށް ކަނޑައަޅައިފައިވާ ޝަރްޠުތައް ފުރިހަމަ ކުރީމައެވެ."

އޭނާ ވިދާޅުވިއެވެ. "މި ޝަރްޠުތަކުގެ ތެރޭގައި އެފް16 މަތިންދާބޯޓު ދުއްވަން އެނގޭ ޔުކްރޭން މީހުން އިޚްތިޔާރުކުރުމާއި އެމީހުން ބަލައި ފުރިޖަމައަށް ތަމްރީނުދީ ފާސްވުމާއި މި ބޯޓުތަކަށް ބޭނުންވާ ބިނާރު ހުރުމާއި ލޮޖިސްޓިކް ޚިދްމަތްތައް ދެވޭނެ ވަސީލަތްތައް ތަނަވަސް ކުރެވިފައި އޮތުމާއި ލައިސަންސް އޮތުން ހިމެނެއެވެ."

ޒިލެންސްކީ ހޮލެންޑަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ. މީގެ ދެ ދުވަސް ކުރިން އެމެރިކާއިން ވަނީ އެފް16 ހަނގުރާމަމަތީ މަތިންދާ ބޯޓު ކިޔީވަށް ދިނުމަށް އެއްބަސްވެފައެވެ. 

ޔުކްރޭންގެ ރައީސް ވިދާޅުވިގޮތުގައި އެފް16ގެ މަތިންދާބޯތުތައް ޔުކްރޭނަށް މި ދެނީ "ރޫސީ ނިރުބަވެރިކަމުން އަހުރެމެންގެ ރައްޔިތުން ޙިމާޔަތް ކުރުމަށް" ޓަކައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ހޮލެންޑަށް މި ވަޑައިގަތީ އެ ކަމަށް ޓަކައެވެ.

އަނެއްކޮޅުން ޔުކްރޭނުގެ ދިފާޢީ ވަޒީރު އޮލެކްސީ ރިޒްނިކޯފް  ހާމަކުރެއްވި ގޮތުގައި ޔުކްރޭންގެ ޕައިލެޓުން މިހާރު ވަނީ އެފް16 މަތިންދާބޯޓުތައް ބޭނުންކުރަން ދަސްކުރުމުގެ ތަމްރީންތައް ފަށައިފިއެވެ. މި ކަމަށް އެންމެ މަދުވެގެން ހަ މަސް ދުވަސް ހޭދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ތަމްރީންތައް ބޭއްވެމުންދާތަން އޭނާ ހާމައެއް ނުކުރައްވައެވެ. 

ޔުކްރޭންގެ ވައިގެ ސިފައިންގެ ވެރިޔާ މިކޮލާ އޮލިޝޮކް  ހާމަކުރެއްވިގޮތުގައި އެފް 16 ބޯތުތަކަށް ބޭނުންވާ ރަންވޭތައް ހެދުމުގެ މަސައްކަތް މިހާރު ފެށިއްޖެއެވެ. މި ބޯޓުތައް ލިބޭއިރަށް މި ތަންތަން ހެދިފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ކިޔީވުން، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ސްވިޑުންގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ހޯދުމަށް ވެސް މިހާރު ވަނީ މަސައްކަތް ފަށައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *