Support Us

ޙުއްވާރާގައި ޔަހޫދީ ވަޒަންވެރީން މަރާލި ފަލަސްޠީނު މީހާ ހައްޔަރު ކުރާނަން: ނަތަންޔާހޫ 

ޙުއްވާރާގައި ޔަހޫދީ ދެ ވަޒަންވެރިއަކަށް ޙަމަލާދީ މަރައިލުމަށްފަހު ފިލި ފަލަސްޠީނު މީހާ ހޯދައި އޭނާއަށް އަދަބުދެއްވާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. އެ މީހާ ހޯދުމަށް ޓަކައި އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ސަހަރުތަކަށާއި ރަށްތަކަށް މިއަދު ވަނީ އަރައިފައެވެ.

މި ކަމުގެ ތެރޭގައި ފަލަސްޠީނު މީހުން ކަމަށް ހީކޮށް އިސްރާއީލު ސިފައިންނަށް ޔަހޫދީ ވަޒަންވެރީންގެ ބަޔަކަށް ޙަމަލާ ދެވުނުކަމަށް އިސްރާއީލުން ބުންޏެވެ. 

އަނެއްކޮޅުން އިސްރާއީލުގެ ޙައްދުފަހަނަޅައިފައިވާ މާލީ ވަޒީރު ސްމުޓްރިޗް ހުޅަނގު އައްސޭރި މައިތިރިކޮށް އަމާންކުރުމަށް ޓަކައި އިސްރާއީލު ސިފައިން އެރުމަށް މިސަދު ގޮވައިލިއެވެ. ސްމުޓްރިޗް އޭނާ އެކްސް މަންސައިގައި ލިޔެފައިވެއެވެ. "ހުޅަނގު އައްސޭރީގައި ބިނާރުތައް ހެދުމާއި ވަޒަންވެރިކުރުވުމުގެ މަސައްކަތް ކުރިއަށްދާއިރު މި ކަންތައް ކުރުން ވާނީ ލާޒިމުވެފައެވެ."

ޙުއްވާރާ އަކީ ހުޅަނގު އައްސޭރީގެ އުތުރުގެ ރަށެއްކަމުގައިވާ ނާބްލުސް ކައިރީގައި އޮންނަ ރަށެކެވެ. 

މިއަދު ހެނދުނު އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ސަހަރުތަކަށާއި ރަށްތަކަށް އަރައި ދިން ޙަމަލާތަކުގައި ދެކުނު ނާބްލުސްގެ ބައިތާ ކިޔާ ރަށަށް ދިން ކަރުނަ ގޭހުގެ ޙަމަލާގައި ފަލަސްޠިނުގެ ވިއްސަކަށް މީހުން ޒަޚަމުވިއެވެ. އިސްރާއީލު ސިފައިން އެ ހިސާބުގައި އަތްފުމާ އަޅައި ޙުއްވާރާގައި ޔަހޫދީ ދެ މީހުން މަރައިލި ފަލަސްޠީނު މީހާ ފެނޭތޯ ދަނީ ބަލަމުންނެވެ. 

ބޮޑުވަޒީރު ނަތަންޔާހޫ މިއަދުގެ ކެބިނެޓް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަރަށް ކޯފާއިސްކުރައްވައި ވިދާޅުވިއެވެ. "އަހުރެމެން އެ ފަލަސްޠީން މީހާ ހޯދައި އަދަބުދޭނަމެވެ." 

އިސްރާއީލުގެ ޓީވީ ޗެނެލް 11 ބުނާގޮތުގައި އިސްރާއީލުގެ ޔަހޫދީ ދެ ވަޒަންވެރިން މަރައިލި މަންޒަރު ދެކުނު ނާބްލުސްގައި ކާރު ދޮންނަ އިސްޓޭޝަނެއްގައި ހަރުކޮށްފައި ހުރި ކެމެރާއިން ވަރަށް ސާފުކޮށް ފެނެއެވެ.

އަނެއްކޮޅުން އިސްރާއީލު ސިފައިން ބުނާގޮތުގައި ފަލަސްޠީނު ބަޔެއް ކަމަށް ހީކޮށް އެމީހުންނަށް ޔަހޫދީ ވަޒަންވެރީން ތަކަކަށް މިއަދު ޙަމަލާ ދީފިއެވެ. މި ޙަމަލާގެ ސަބަބުން ޔަހޫދީ ވަޒަންވެރިއަކު ޒަޚަމުވިއެވެ. 

އިސްރާއިލު ސިފައިން މިއަދު އެރި ރަށްތަކުގެ ތެރޭގައި ހުޅަނގު އައްސޭރީގެ ޠަލްކަރަމް ސަހަރާއި ޠަލްކަރަމް ފޭލިގެއަވަށް  ހިމެނެއެވެ. މި ރަށަށް އަރައި ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ ހަތަރު މީހަކު ޒަޚަމުވިއެވެ. 

މީގެ އިތުރަށް އިސްރާއީލު ސިފައިން ބުނާގޮތުގައި ޣައްޒާއިން އައި ޑްރޯނަކަށް އިސްރާއީލުގެ ދަގަނޑު ޤުއްބުން ހުރަސްއަޅައި މިއަދު ވައްޓައިލިއެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *