Support Us

ހަނގުރާމައެއް ކުރާކަށް ނައިޖަރު ނޭދޭ، ވާހަކަ ދެއްކުމަށް އޮތީ ހުޅުވިގެން: އިންޤިލާބީ ޒަޢީމު

ގަދަ ބާރުން ނައިޖަރަށް ދީމުޤްރާޠީ ނިޒާމު އިޢާދަކުރުމަށް އެކޮވަސް އިން މަސައްކަތްކުރާނަމަ ނައިޖަރުން އެ ޤައުމު ދިފާޢުކުރާނެ ކަމަށާއި، ނައިޖަރު ހަނގުރާމައެއް ކުރަން ނޭދޭ ކަމަށާއި، ވާހަކަ ދެއްކުމަށް ނައިޖަރު އޮތީ ހުޅުވިގެން ކަމަށް ނައިޖަރުގެ ޢަސްކަރީ މަޖިލީހުގެ ރައީސް ޖެނެރަލް ޢަބްދުއްރަޙްމާން ތިޔާނީ ވިދާޅުވެއްޖެއެވެ.

ނައިޖަރުގެ ރިޔާސީ އޮފީހުގެ ތަރްޖަމާނު އިންޓަރނެޓުގައި ޝާއިޢު ކުރެއްވި ބަޔާނެއް ބުނާގޮތުގައި އެކޮވަސްގެ ވަފްދެއް އިއްޔެ ވަނީ ކުރީގެ ރައީސް މުޙައްމަދު ބާޒޫމާ ބައްދަލުކުރައްވައިފައެވެ. މި ވަފްދު ޢަސްކަރީ މަޖިލިސްގެ ރައީސް ޖެނެރަލް ޢަބްދުއްރަޙްމާން ތިޔާނީއާ ވެސް ބައްދަލު ކުރެއްވިއެވެ.

އިންތިޤާލީ މުއްދަތު

ނައިޖަރުގެ އިންޤިލާބީ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. "އަހުރެމެން ހަނގުރާމައަކަށް ނޭދެމެވެ. އެހެނަސް ޢަސްކަރީ ބާރާއެކު ވަދެއްޖެނަމަ އަހުރެމެން ހަނުހިމޭނަކުން ނުތިބޭނެއެވެ. ނައިޖަރަށް ދެވޭ އެއްވެސް ޙަމަލާއެއް ހަވީރު ފިންޏަށް ހިނގައިލާ ހިނގައިލުމަކަށް ނުވާނެއެވެ. އަދި އިންތިޤާލީ މަރްޙަލާ ތިން އަހަރަށްވުރެ ކުރުވާނެއެވެ."

އޭނާ އިތުރަށް ވިދާޅުވިއެވެ. "އަހުރެމެންނާ ދެކޮޅަށް މިހާރު އަޅައިފައިވާ ދަތިކުރުމުގެ އިޤްތިޞާދީ ފިޔަވަޅުތަކަކީ ޣައިރު ޤާނޫނީ ޢަމަލެކެވެ. އެކަމުގެ ބޭނުމަކީ އަހުރެމެން ބޯލެންބުވުމެވެ. މަސްއަލަ ޙައްލު ކުރުމެއް ނޫނެވެ. ރައްޔިތުންގެ ރައުޔަށާއި ވަޠަނި ސިޔާދަތަށް ރިޢާޔަތްކުރާ ގޮތަށް ވާހަދެއްކުންތައް ބޭއްވުމަށް އަހުރެމެން މި ތިބީ ތައްޔާރަށެވެ."

އޭނާ އިތުރަށް ވިދާޅުވިއެވެ. "ދުސްތޫރީ އައު އުޞޫލުތައް ކަނޑައެޅުމަށް ޓަކައި ޤައުމުގެ ހުރިހާ ރައްޔިތުން ބައިވެރިވާ ވާހަކަދެއްކުންތަކެއް 30 ދުވަހުގެ މުއްދަތަށް ބޭއްވުމަށް އަހުރެން ގޮވައިލަމެވެ. މި ރައުޔުތަކަށް ބަލައި އައު ދުސްތޫރެއް އެކުލަވައިލެވޭނެއެވެ. އެކޮވަސްގެ އެއްބަނޑުއެއްބަފައި މީހުންނާ ދެކޮޅަށް ހަނގުރާމަކުރަން ޖެހުމަކީ ވަރަށް ދެރަ ކަމެކެވެ."

އެކޮވަސްގެ ވަފްދެއް ޒިޔާރަތްކޮށްފި

ނައިޖަރުން ވަނީ އެކޮވަސްގެ ވަފްދަކާ ބައްދަލުކުރުމާ ދެކޮޅު ހަދައިފައެވެ. އެހެނަސް ނައިޖަރުގެ ބޮޑުވަޒީރު އިއްޔެ ވަނީ އެކޮވަސްގެ ވަފްދަށް މަރްޙަބާ ވިދާޅުވެފައެވެ. އޭނާ މި ވަފްދަށް މަރްޙަބާ ވިދާޅުވުމަށް ނިޔާމީގެ ވައިގެ ބަނދަރަށް ވަޑައިގެންނެވިއެވެ. އެކޮވަސްގެ ވަފްދުގެ ރައީސަކީ ނައިޖީރިޔާގެ ކުރީގެ ސިފައިންގެ ވެރިޔާ ޢަބްދުއްސަލާމް އަބޫބަކްރާއި އެކޮވަސްގެ ކަމިޝްނަރު ޖެނެރަލް ޢުމަރު ޓޯރާއިއެވެ. މި ވަފްދު ނައިޖަރުގެ ވެރިކަމުން ޢަޒްލުކޮށްފައިވާ ރައީސް ބާޒުމާ ބައްދަލު ކުރެއްވި ކަމަށް ވެސް ޚަބަރު ލިބެއެވެ.

ނައިޖަރަކީ ދުނިޔެއަށާއި ސަރަޙައްދަށް ބަލާއިރު ވަރަށް އިސްތިރާޖީ ޤައުމެކެވެ. ނައިޖަރަކީ ޔޫރޭނިއަމާއި ތެލުގެ މުއްސަނދިކަން އޮތް ޤައުމެކެވެ. އަލްޤާޢިދާއާއި ދާޢިޝް ޖަމާޢަތާ ދެކޮޅަށް ހަނގުރާމަކުރުމުގައި ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތްކުރާ ޤައުމަކެވެ.

އަނެއްކޮޅުން ބަލާއިރު ޗާޑްގެ ރައީސް މުޙައްމަދު އިދްރީސް ދީބީ މިއަދު ނިޔާމީއަށް ވަޑައިގެންފިއެވެ. އޭނާ މި ދަތުރުފުޅުގައި ނައިޖަރުގެ ޢަސްކަރީ މަޖިލީހުގެ ރައީސާއި ޢަޒްލުކުރެވިފައިވާ ރައީސް ބާޒޫމާ ބައްދަލު ކުރައްވާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ދަތުރުފުޅުގެ އަމާޒަކީ ނައިޖަރުގެ މަސްއަލައަށް ޙައްލެއް ހޯއްދަވާދެއްވުމަށް މަސައްކަތް ކުރެއްވުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *