ނައިޖަރަށް ދުސްތޫރީ ނިޒާމު އިޢާދަކުރުމަށް ހުޅަނގު އެފްރިކާގެ އިޤްތިޞާދީ ޖަމާޢަތް (އެކޮވަސް)ގެ ރިޒަރވް ބާރުތައް ރުކުރުވައިލުމަށް ނިންމައިފިއެވެ.
އެ ޖަމާޢަތުގެ ކަމިޝަންގެ ރައީސް ޢުމަރު ޓްވާރީ ވިދާޅުވި ގޮތުގައި އެކަމަށް އެކޮވަސްގެ ސަމިޓުން އިއްޔެ ނިންމީ ނައިޖީރިޔާގެ ވެރިރަށް އަބޫޖާގައެވެ. އެހެނަސް ހުޅަނގުގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި އެކޮވަސްގެ ބާރުތައް ނައިޖަރަށް އަރައިފިނަމަ ޢަޒްލުކުރެވިފައިވާ ނައިޖަރުގެ ރައީސް މުޙައްމަދު ބާޒޫމް ޤަތުލުކޮށް އަވަހާރަކޮށްލާނެއެވެ.
އެކޮވަސްގެ ވެރިން އަބޫޖާގައި ބޭއްވެވި ދެވަނަ ސަމިޓަށްފަހު މި ދައުރުގެ ރައީސް ނައިޖީރިޔާގެ ރައީސް ޕޯލާ ޓިނަޕޯ ހާމަކުރެއްވި ގޮތުގައި ނައިޖަރަށް ދުސްތޫރީ ނިޒާމު އިޢާދަކުރުމަށް ޓަކައި "ހުރިހާ ޚިޔާރުތަކެއް އޮތީ ހުޅުވިފައެވެ." އޭނާ ވިދާޅުވިގޮތުގައި އެންމެ ފަހު ޚިޔާރަކީ ބާރުގެ ބޭނުންކުރުމެވެ.
އެކޮވަސްގެ ޒަޢީމުން ސަމިޓް ނިންމަވައިފައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ނައިޖަރަށް ދީމުޤްރާޠީ ހަމަޖެހުން ގެނެސްދެއްވުމަށް ޓަކައި އެ ބޭފުޅުން މަސައްކަތްޕުޅު ކުރައްވާނެއެވެ.
ސަމިޓްގެ ބަޔާން ބުނާގޮތުގައި "ސަރަޙައްދީ ރޮނގު ބަންދުކުރުމާއި ނައިޖަރުގެ އިންޤިލާބީ ވެރިންގެ ދަތުރުފަތުރުތައް މަނާކުރުމާއި އެބޭފުޅުންގެ އުޞޫލުތައް ގަނޑުކުރުން" ފަދަ އެންމެހައި ފިޔަވަޅުތައް އެޅޭނެއެވެ.
ބާޒޫމް ޤަތުލުކުރާނެކަމުގެ އިންޒާރު
އެސޯޝޭޓެޑް ޕްރެސް ބުނާގޮތުގައި އެކޮވަސްގެ ޒަޢީމުން ނައިޖަރަށް ދީމުޤްރާޠީ ނިޒާމު އިޢާދަ ކުރެއްވުމަށް ޓަކައި ބާރުގެ ބޭނުންކުރަންޖެހިއްޖެނަމަ ބާރުގެ ބޭނުންކުރައްވާނެކަމުގެ އިންޒާރު ނައިޖަރުގެ ޢަސްކަރީ ވެރީންނަށް ދެއްވުމުން ނައިޖަރުގެ އިންޤިލާބީ ވެރިން ވަނީ ރައީސް ބާޒޫމު ޤަތުލުކުރައްވާނެކަމުގެ އިންޒާރު ދެއްވައިފައެވެ.
މީގެ ތިން އަހަރު ކުރިން އެކޮވަސް ޖަމާޢަތުގައި ހިމެނޭ 15 ޤައުމުން މި ޖަމާޢަތް އެކުލަވައިލީ އެ ޤައުމުތަކުގައި އިންޤިލާބުތައް ގިނަވުމުން އެ ކަން ހުއްޓުވުމަށް ޓަކައެވެ. އެކޮވަސްގެ ދެވަނަ ސަމިޓް ބޭއްވުނީ ފުރަތަމަ ސަމިޓުން ދިން މުހްލަތު ހަމަވިއިރު ވެސް ނައިޖަރުގެ އިންޤިލާބީވެރިން އެ ސަމިޓްގެ ގޮވައިލުންތަކަށް އިޖާބަ ނުދެއްވުމުންނެވެ.
އައު ސަރުކާރެއް އެކުލަވައިލުން
ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުކުރަމުންދާތީ ނައިޖަރުގެ އިންޤިލާބީ ވެރިން މިހާރު ވަނީ މަދަނީ ސަރުކާރެއް ޤާއިމުކުރައްވައިފައެވެ. މި ސަރުކާރުގެ ބޮޑުވަޒީރަކީ ޢަލިލް އަމީން ޒައިނެވެ. އޭނައަކީ މަދަނީ އެކެވެ. އޭނާގެ ސަރުކާރުގައި ދިފާޢީ ވަޒީރާއި ދާޚިލީ ވަޒީރުން ފިޔަވާ އެހެން ހުރިހާ ބޭފުޅުންނަކީ މަދަނީންނެވެ.ނައިޖަރާ އަވަށްޓެރި މާލީއާއި ބުރްކީނޯ ޕާސޯ ބުނާގޮތުގައި ނައިޖަރަށް އަރައިފިނަމަ އެއީ އެ ދެ ޤައުމާދެކޮޅަށް ހަނގުރާމަ އިޢުލާން ކުރުމެއް ކަމަށް ބަލައި ފިޔަވަޅު އަޅާނެއެވެ. ޖަޒާއިރުން ވެސް ވަނީ ޢަސްކަރީ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ގޮވައިލައިފައެވެ.
އަނެއްކޮޅުން ހުޅަނގުން ތުހްމަތު ކުރާގޮތުގައި ޢަޒްލުކުރެވިފައިވާ ރައީސް ބާޒޫމުގެ ޞިއްޙީ ޙާލުކޮޅު ރަނގަޅެއް ނޫނެވެ. ބޭސްފަރުވާ ރަނގަޅަކަށް ލިބިވަޑައެއް ނުގަންނަވައެވެ. ފަރިއްކޮޅަށް ވެސް ލިބެނީ ހަމައެކަނި ބަތާއި މެކަރޯނީ ކަމަށް ހުޅަނގުން ބުނެއެވެ.



advertisment