Support Us

އިސްރާއީލާއެކު ގުޅުންތައް ޤާއިމު ކުރުމަށް ސުޢޫދީން ޝަރްޠުތަކެއް ކަނޑައަޅައިފި

ޝަރްޠުތަކެއްގެ މަތިން ސުޢޫދީ ޢަރަބިއްޔާ އިސްރާއީލު ޤަބޫލުކުރުމާ ބެހޭގޮތުން ވޮޝިންގްޓަނާއި ރިޔާޟު އަސާސީ ގޮތުން އެއްބަސްވުމަކާ ހަމައަށް ހިނގައްޖެއެވެ.

ކަމަށް ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި އެމެރިކާއާއި ސުޢޫދީ ޢަރަބިއްޔާ މި ވަގުތު އެއްބަސްވެފައިވަނީ މި އެއްބަސްވުމުގެ އަސާސީ މާއްދާތަކަށެވެ. އޭގެ ބަދަލުގައި އިސްރާއީލުން ފަލަސްޠީނު މީހުންގެ ދައުލަތެއް ޤާއިމުކޮށްދިނުމާއި ސުޢޫދީ ޢަރަބިއްޔާގައި މަދަނީ ނިޔުކްލިޔަރ އިސްޓޭޝަނެއް ޤާއިމުކޮށްދިނުމާއި އެމެރިކާއިން އިސްރާއީލަށް ދީފައިވާ ފަދަ ސަލާމަތީ ޖާމިނުވުންތައް ސުޢޫދީ ޢަރަބިއްޔާއަށް ދިނުން ވެއެވެ.

މި ނޫސް ބުނާގޮތުގައި "އުންމީދުކުރެވޭ ގޮތުގައި މި އެއްބަސްވުމާބެހޭ ތަފްޞީލުތައް ނުވަ މަހާއި 12 މަހުގެ ތެރޭގައި ނިންމައިލެވޭނެއެވެ." ސުޢޫދީން ބުނާގޮތުގައި އިސްރާއީލުން ފަލަސްޠީނު ދައުލަތް ޤާއިމުކޮށްދޭން ޖެހޭނެއެވެ.

އެމެރިކާއިން ޙާޞިލްކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ޗައިނާއާއެކު ގުޅުންތައް އާރާސްތުކުރުން ހުއްޓައިލުން ވެއެވެ. އެމެރިކާ އެދޭ ކަންތައްތަކުގެ ތެރޭގައި ސުޢޫދީ ޢަރަބިއްޔާގައި ޗައިނާއަށް ޢަސްކަރީ ބޭހެއް ހެދުމަށް ހުއްދަ ނުދިނުމާއި ޗައިނާގެ ފަންނިއްޔަތު ބޭނުންކުރުން މަދުކުރުމާއި ތެލުގެ ވިޔަފާރިތަކުގައި ޑޮލަރުގެ ބަދަލުގައި ޗައިނާގެ ޔުވާނުން މުޢާމަލާތު ކުރުން ހުއްޓައިލުން ވެއެވެ.

އެހެނަސް ސުޢޫދީ ވަލީޢަހްދުގެ މުޝީރުން ވިދާޅުވާ ގޮތުގައި އިމާރާތާ އެއްގޮތަށް ސުޢޫދީ ޢަރަބިއްޔާއިން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ފުރިމަކޮށް ޤާއިމުކުރުމަކީ ވަލީޢަހްދު ދެކޮޅުހައްދަވާ ކަމެކެވެ.

އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި އެމެރިކާއިން މިކަމަށް ޓަކައި ދައްކަންޖެހޭ އަގުގެ މިންވަރު ރައީސް ބައިޑްން އަދި ކަނޑައެއް ނާޅުއްވައެވެ. ރައީސް ބައިޑްން ވިދާޅުވާ ގޮތުގައި މެދުއިރުމަތީގައި އެންމެ މުހިއްމު ކުޅުންތެރިއަކަށް ވާންޖެހޭނީ އެމެރިކާއެވެ. މި ކަން ކުރެވޭނީ އިރާން ޙިޞާރުކޮށް ބަންދުކޮށްގެންނާއި ރަޝިޔާ މެދުއިރުމައްޗާ ދުރުކޮށްގެންނާއި އެ ސަރަޙައްދުގައި އެމެރިކާގެ ދައުރު އަދާކުރަން ޗައިނާ އިން ކުޅޭ ދައުރު ފޭލްކޮށްލައިގެންނެވެ.

އެމެރިކާގެ މި ނޫސް ބުނާގޮތުގައި ރައީސް ބައިޑްން ބޭނުންފުޅު ވަނީ އިޤްތިޞާދީ މައިދާނާއި ޢަސްކަރީ މައިދާނުގައި ރިޔާޟް ބޭޖިންގާ އެކަހެރިވެ ދުރަށް ޖެހޭނެކަމުގެ ޔަޤީންކަން ކަށަވަރުކުރައްވާށެވެ.

ސުޢޫދީ ދާރިސެއް ކަމުގައިވާ ޢަބްދުލްކަރީމު މިހްނާ ވިދާޅުވާގޮތުގައި އިސްރާއީލާއެކު ސުޢޫދީން ގުޅުންތައް އުފައްދާނީ ޝަރްޠުތަކެއްގެ މަތިންނެވެ. އޭގެތެރޭގައި ސުޢޫދީ ނިޔުކްލިޔަރ ޕްރޮގްރާމުގައި ރިޔާޟާއެކު ވޮޝިންގްޓަން ޢަމަލީގޮތުން ބައިވެރިވުމާއި ސުޢޫދީ ޢަރަބިއްޔާއާއި އެމެރިކާއާ ދެމެދުގައި ގުޅިފައިވާ ދިފާޢި އެއްބަސްވުމެއް އޮތުން ވެއެވެ. މި އެއްބަސްވުމުގެ ދަށުން އެ ސަރަޙައްދާ ކުރިމަތިވެދާނެ ބިރުތަކުން އަމާންކޮށްދިނުމަށް އެއްބަސްވުން ވެއެވެ. މީގެއިތުރަށް އެމެރިކާގެ ޒަމާނީ ހަތިޔާރުތައް ސުޢޫދީ ޢަރަބިއްޔާއަށް ވިއްކުމާއި މި ހަތިޔާރުތައް ޒަމާނީކޮށް ދަމަހައްޓައިދިނުމާއި އިސްރާއީލާ އެއް މިންވަރަކަށް ސުޢޫދީ ޢަރަބިއްޔާގެ ދިފާޢުތައް ވަރުގަދަކޮށްދީ ބެލެހެއްޓުމާއި މިކަމުގައި އިސްރާއީލަށް ދީފައިވާ ޖާމިނުވުންތައް ސުޢޫދީ ޢަރަބިއްޔާއަށް ދިނުން ޝަރްޠު ކުރެއެވެ.

މީގެ އިތުރަށް މެދުއިރުމަތީގެ ޞުލްޙައާ ބެހޭ އަރަބި އިސްނެގުމާ އެއްގޮތަށް ބައިނަލް އަޤްވާމީ ޤަރާރުތަކާ އެއްގޮތަށް ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރުމާއި މި ދައުލަތުގެ ވެރިރަށް ކަމުގައި ޤުދުސް ހެދުމާއި ފަލަސްޠީނު ދައުލަތް ޙިމާޔަތްކުރުމަށް ބޭނުންވާ ފުލުހުންގެ ބާރާއި ޢަސްކަރީ ބާރުތައް ބިނާކުރުމުގެ ޙައްޤު އެ ދައުލަތަށް ލިބިފައިވާ ކަން އިސްރާއީލުން ޤަބޫލުކޮށް އެކަމަށް އެހީވުން ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *