މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނަގައި، އެއް ވަނަ ކެންޑިޑޭޓެއްގެ ގޮތުގައި އުމަރު ނަސީރު ހަމަޖެހިއްޖެއެވެ.
ސެޕްޓެމްބަރު 9 ގައި ބައްވާ އިންތިހާބަށް ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ތިން ރިޔާސީ ކެންޑިޑޭޓަކު ފިޔަވައި އަނެއް ފަސް ކެންޑިޑޭޓުން ބައިވެރިވެ ވަޑައިގެން، އެ ބޭފުޅުން އަމިއްލަފުޅަށް ގުރުލުމުގައި ބައިވެރިވެވަޑައިގަތެވެ. ގުރުލުމުގައި ބައިވެރިވެވަޑައިނުގަންނަވަނީ އެމްޑީޕީގެ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ކެންޑިޑޭޓު ކާނަލް މުހައްމަދު ނާޒިމާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ކެޕްމޭނުގައި އަތޮޅުތެރޭގައި އުޅުއްވާތީ އެ ބޭފުޅުންގެ ފަރާތުން ގުރުނެންގެވީ ބަދަލުގައި ފޮނުއްވި ބޭފުޅުންނެވެ. ވޯޓު ކަރުދާސްކޮޅުގައި ނަން އޮންނާނީ ގުރު ދިމާވި ތަރުތީބުންނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު:
1. އުމަރު ނަސީރު: އަމިއްލަ ގޮތުން
2. ހަސަން ޒަމީލް: އަމިއްލަ ގޮތުން
3. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެމްޑީޕީ
4. ޑރ. މުހައްމަދު މުއިއްޒު: ޕީއެންސީ
5. ގާސިމް އިބްރާހިމު: ޖުމްހޫރީ ޕާޓީ
6. ފާރިސް މައުމޫން: އަމިއްލަ ގޮތުން
7. އިލްޔާސް ލަބީބު: ދަ ޑިމޮކްރެޓްސް
8. ކާނަލް މުހައްމަދު ނާޒިމު: އެމްއެންޕީ
މިއަދު ނަންތައް ތަރުތީބުކުރުމާ ވިދިގެން، 280،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލެވޭ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު މިއަދު ވަނީ ބަންދުވެފަ އެވެ.
މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރާއްޖޭގެ ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރުމަށް ދެން އޮތީ ބަރާބަރު އެއް މަސް ދުވަހެވެ. އެންމެ ފުރަތަމަ ކެމްޕޭނު ފެއްޓެވީ ރައީސް ސޯލިހެވެ. ބައެއް ކެންޑިޑޭޓުން އަދި ކެމްޕޭނުވެސް ނުފައްޓަވައެވެ.
— Elections Commission (@ElectionsMv) August 9, 2023



advertisment