Support Us

ނައިޖަރުގެ ބޮޑު ވަޒީރުކަމަށް އަލްއަމީން ޒައިން އިސްކޮށްފި

ނައިޖަރުގެ ޢަސްކަރީ މަޖިލީހުން އެ ޤައުމުގެ ބޮޑު ވަޒީރުކަމަށް އަލްއަމީން ޒައިން ޢަލީ މުޙައްމަދު އިސްކޮށް ޢަސްކަރިއްޔާގެ ބައެއް އިސްވާރުންނަށް ބަދަލު ގެނެސްފިއެވެ.

ބަދަލު ގެނައި މަޤާމުތަކުގެ ތެރޭގައި ސިފައިންގެ އިންސްޕެކްޓަރ ޖެނެރަލް ބަދަލުކުރުމާއި ރިޔާސީ ހަށިފާރަވެރީންގެ ވެރިޔާގެ މަޤާމަށް އައު ބޭފުޅަކު އިސްކުރުމާއި ރައީސަށް ޚާއްޞަ ޗީފް އޮފް ސްޓާފް ބަދަލުކުރުން ވެއެވެ. 

އަނެއްކޮޅުން އެމެރިކާގެ ޚާރިޖީ ވަޒީރުގެ އެހީތެރިޔާ ވިކްޓޯރިޔާ ނޯލޭންޑް ނައިޖަރުގައި އެ ޤައުމުގެ ޢާސްކަރީ އިސްވާރުންނާ ވަނީ ބައްދަލުކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ވާހަކަދެއްކުންތައް ކުރިއަކަށް ނުދިޔައެވެ. ނޯލޭންޑް ނައިޖަރުގައި ހުންނަވާ ފޯނުން ނޫސްވެރީންނާ ބައްދަލު ކުރައްވާ ހާމަކުރެއްވި ގޮތުގައި ވާހަކަދެއްކުންތައް ބޭއްވިފައިވަނީ ވަރަށް ޞަރީޙަކޮށެވެ. އެހެނަސް ވާހަކަދެއްކުންތައް ވަރަށް ބުރަކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޢަޒްލުކޮށްފައިވާ ރައީސް ބާޒޫމާ ބައްދަލުކުރައްވަން އޭނާ އެދިވަޑައިގަތުމުން އެކަމަށް ހުއްދަ ނުދިން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވިއެވެ. "އަހުރެން މަސައްކަތްކުރީ ދީމުޤްރާޠީ ނިޒާމު އިއާދަނުކޮށްފިނަމަ އެމެރިކާ- ނައިޖަރު ގުޅުމަށް ނުބައި އަސަރުތަކެއް ފޯރާނެކަން ބަޔާންކޮށް ދެވޭތޯ އެވެ."

އޭނާ ހަމަކުރެއްވި ގޮތުގައި މި ބައްދަލުކުރެއްވުމުގެ ސަބަބުން ވާހަކަދެއްކުންތަކަށް ދޮރު ހުޅުވުނެވެ. 

އެމެރިކާގެ ޚާރިޖިއްޔާ ބުނާގޮތުގައި ނޯލޭންޑް ނިޔާމީއަށް ފޮނުވީ ނައިޖަރުގައި ހިނގަމުންދާ ކަންތައްތަކާމެދު ވޮޝިންގްޓަން ކަންބޮޑުވާކަން ހާމަކުރުމަށެވެ. އަދި އެމެރިކާއިން ނައިޖަރަށް ދެމުންގެންދާ އެތައް މިލިއަން ޑޮލަރެއްގެ އެހީ ކަނޑައިލާނެކަމުގެ އިންޒާރު ނައިޖަރުގެ ޢަސްކަރީ ވެރިންނަށް އެރުވުމަށް ކަމަށް އެމެރިކާއިން ބުންޏެވެ.

އެމެރިކާގެ ޚާރިޖީވަޒީރު ބްލިންކެން ޖަޒީރާއަށް ހާމަކުރެއްވި ގޮތުގައި ނައިޖަރުގައި ހިނގަމުންދާ ކަންތައްތަކަކީ ދުސްތޫރީ ނިޒާމަށް ހުރަސްއެޅުމުގެ މަސައްކަތެކެވެ. ނައިޖަރުގެ ދުސްތޫރީ ނިޒާމު އެ ޤައުމަށް އިޢާދަކުރުމަށް ޓަކައި އޭނާ ރައީސް ބާޒޫމާއި އެފްރިކާގެ ޒަޢީމުންނާއެކު ދަނީ ވާހަކަފުޅު ދައްކަވަމުންނެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު މެތިއު މެލަރ ހާމަކުރެއްވި ގޮތުގައި ނައިޖަރަށް އެމެރިކާއިން ދެމުން ދިޔަ އެހީތައް މިހާރުވަނީ ހުއްޓައިލައިފައެވެ. 

އިސްތިސްނާ ސަމިޓެއް

އަނެއްކޮޅުން ހުޅަނގު އެފްރިކާގެ އިޤްތިޞާދީ ޖަމާޢަތް އެކްވާސް ބުނާގޮތުގައި އެ ޖަމާޢަތުގެ ސަމިޓެއް މިއަންނަ ބުރާސްފަތިދުވަހު ބޭއްވޭނެއެވެ.އެއީ ނައިޖަރުގެ އިންޤިލާބާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތަކާމެދު ބަހުސް ކުރުމަށް ޓަކައެވެ. ދެވަނަ ސަމިޓް ވެސް ބޭއްވޭނީ ނައިޖީރިޔާގައި ނައިޖީރިޔާގެ ރައީސް ޕޯލާ ޓިނަޕޯގެ ރިޔާސަތުގެ ދަށުގައެވެ. ޖުލައި 30ގައި ބޭއްވުނު ފުރަތަމަ ސަމިޓްގައި އެ ބޭފުޅުން ނައިޖަރުގެ އިންޤިލާބީ ޒަޢީމުންނަށް ވަނީ އަޒްލުކުރެވުނު ރައީސް ބާޒޫމް ވެރިކަމަށް އިޢާދަކުރުމަށް ހަފުތާއެއްގެ މުހްލަތުދިނެވެ. މި މުހްލަތު ވަނީ މި ދިޔަ އާދީއްތަ ދުވަހު ހަމަވެފައެވެ. ނައިޖަރުގެ އިންޤިލާބީ ޒަޢީމުން އިންޒާރުކުރައްވާ ގޮތުގައި އެ ބޭފުޅުން ޤައުމު ދިފާޢު ކުރައްވާނެއެވެ. ބޭރުގެ ބާރުތަކަށް އެބޭފުޅުން އިޖާބައެއް ނުދެއްވާނެއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *