Support Us

ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން ވަރަށް ބޮޑު: ފައިސަލް

ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން ވަރަށް ބޮޑުކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަންތައް ކުރަން ފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ކުރިޔަށްގެންދާ، "ކާޑިއަކް ވޯކްޝޮޕް 2023″ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދި ޚާއްޞަކޮށް އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށް ގިނަ މަސަކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިގޮތުން ޞިއްޙީ ފަރުވާއަށް ބޭނުންވާ ވަޞީލަތްތައް އިތުރުކޮށް ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ރާއްޖެއަށް ޞިއްޙީ ދާއިރާއިން ހޯދެމުން އަންނަ ކުރިއެރުންތަކުގައި، އައު ޓެކްނޮލޮޖީއާއެކު މަތީ ފެންވަރުގެ ޚިދުމަތްތަކާއި ފަރުވާތައް ތަޢާރަފްކޮށް ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން ކޮށްފައިވާ މަސައްކަތްތަކާއި ޙާޞިލްކޮށްފައިވާ ކާމިޔާބީތައް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ވަޞީލަތްތަކާއި އެކު ޞިއްޙީ ދާއިރާއިން ތައްޔާރުވާން ޖެހޭ ކަމަށާއި އަދި ހަމަ އެގޮތަށް ޞިއްޙަތަށް ރައްކާތެރިވެ ދިރިއުޅުމުގެ އާދަތަކާއި މެދުވެސް ވިސްނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޙާލަތަށް ބަލައި އާއްމުން ހޭލުންތެރިކަން އިތުރުކޮށް ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެންނަން ޖެހޭކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމަށް އާއްމު ޞިއްޙަތާއި ނަފްސާނީ ޞިއްޙަތަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރުކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ، އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ "ކާޑިއަކް ޕޭޝަންޓް ހޭންޑް ބުކް" ނެރެދެއްވާފައެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ "ކާޑިއަކް ވޯކްޝޮޕް 2023″ އަކީ، ރާއްޖޭގައި ހިތުގެ ބަލިތަކާއި ފަރުވާތަކާ ގުޅޭ ގޮތުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި، ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ޞިއްޙީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީ، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ވޯކްޝޮޕެކެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހިތުގެ އޮޕަރޭޝަނެއް ކޮށްފައި ވަނީ، 08 އޮގަސްޓް 2018ގައި، އޭޑީކޭ ހޮސްޕިޓަލްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް