ދ. ހުޅުދެލީގެ ފެނަކަ އޮފީހާއި އިންޖީނުގެ އާއި ބަނދަރު ހުޅުއްވައިދެއްވައި, ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކޮށްދެއްވައިފިއެވެ.
ހުޅުދެލީގެ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެންނެވެ. ބަނދަރުގެ މަސައްކަތްތަކުގެ ތެރޭގައި 277 މީޓަރުގެ ބޭރުތޮށި ލުމާއި 432 މީޓަރުގެ އެއްގަމު ތޮށި ލުމާއި އަދި ބަނދަރާއި ގުޅޭ އިތުރު މަސައްކަތްތައް ހިމެނެއެވެ. ހުޅުދެލީ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
ހުޅުދެލީގެ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ ޖާގަ ތަނަވަސް އަދި ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. މިހާރުގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 1070 ކިލޯވޮޓެވެ.