Support Us

ބޭރުން ޙަމަލާއެއް އަތުވެދާނެތީ ނައިޖަރުގެ ވައިގެ ސަރަޙައްދު ބަންދުކޮށްފި

ނައިޖަރަށް ބޭރުން ޢަސްކަރީ ޙަމަލާއެއް ދީފާނެތީ ނައިޖަރުގެ ވައިގެ ސަރަޙައްދު ބަންދުކޮށްފި އެވެ.

ނައިޖަރުގައި ވެރިކަން ކުރާ ޢަސްކަރީ މަޖިލީހުގެ ތަރްޖަމާނު އަމާދޫ ޢަބްދުއްރަޙްމާން ވިދާޅުވި ގޮތުގައި "ބޭރުގެ ބާރަކުން" ހުޅަނގު އެފްރިކާގެ އިޤްތިޞާދީ ޖަމާޢަތް (އެކްވާސް) އާ އެކު އެއްބާރުލައިގެން ނައިޖަރަށް ޢުދްވާނީ ޙަމަލާއެއް ދިނުމަށް އެބަ ތައްޔާރުވަމުން ދެއެވެ. އޭނާ ބޭރުގެ މި ބާރުގެ ނަމެއް ވިދާޅެއް ނުވެއެވެ. މީޑިޔާތައް ބުނާގޮތުގައި އެއީ ފަރަންސޭސިވިލާތެވެ. އެ ޤައުމުގެ 1500 ސިފައިން ނައިޖަރުގައި އެބަ ތިއްބެވެ. ވެރިކަންކުރާ މަޖިލީހުގެ ތަރްޖަމާން ވިދާޅުވިގޮތުގައި ވައިގެ ސަރަޙައްދު ހުޅުވޭނީ މި "ބިރު" ފިލީމައެވެ.

އެކްވާސް ޖަމާޢަތުގައި ހިމެނޭ ޤައުމެއްގެ މަސައޫލުވެރިއަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި އެކްވާސް ޤައުމުތަކުގެ ލަޝްކަރުތައް ތައްޔާރުވުމަށް އަދި ވަގުތުކޮޅެއް ބޭނުންވާނެއެވެ. އެހެނަސް ނައިޖަރުގައި ވެރިކަން ކުރާ ޢަސްކަރީ މަޖިލީހުގެ ބޭފުޅަކު ހާމަކުރެއްވި ގޮތުގައި މެދުތެރޭ އެފްރިކާގެ ދެ ޤައުމެއްގައި އާދަޔާ ޚިލާފު ގޮތަކަށް ސިފައިން އެބަ ޙަރަކާތްތެރިވެއެވެ. 

އިންޤިލާބަށް ތާއީދު ކުރާ މުޒާހަރާތައް

އަނެއްކޮޅުން ބަލާއިރު ނައިޖަރުގެ އިންޤިލާބަށް ތާއީދުކޮށް އެ ޤައުމުގައި އެތައްހާސް ބަޔަކު އިއްޔެ ވެރިރަށުގެ އެންމެ ބޮޑު ފުޓްބޯޅަދަނޑުގައި މުޒާހަރާކޮށްފިއެވެ. އެތައް ހާސް ބަޔަކު ބައިވެރިވި މި މުޒާހަރާ ބޭއްވީ ވެރިކަންކުރާ ސިފައިންގެ މަޖިލީހުން އެކަމަށް އެދި ރައްޔިތުންނަށް ގޮވައިލުމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ 30 ހާސް މީހުންނަށް ވަދެވޭ މި ދަނޑު ފުރާލައިފައެވެ. ޢަސްކަރީ މަޖިލީހުގެ ބައެއް  ބޭފުޅުން ދަނޑަށް ވަޑައިގެން މި މުޒާހަރާގައި ބައިވެރިވެވަޑައިގަތެވެ. 

އެކްވާސްގެ މުހްލަތު ހަމަވެއްޖެ

ހުޅަނގު އެފްރިކާގެ އިޤްތިޞާދީ ޖަމާޢަތުން ނައިޖަރުގެ އިންޤިލާބީ ވެރިންނަށް ރައީސް މުޙައްމަދު ބާޒޫމް ވެރިކަމަށް އަލުން ގެނައުމަށް އަންގައި ދިން އިންޒާރުގެ މުއްދަތު ހަމަވީ އިއްޔެއެވެ. މި ޖަމާޢަތުގެ ބައެއް ޤައުމުތަކުން ނައިޖަރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވަނީ އެއްބަސްވެފައެވެ. އެ ޖަމާޢަތުގެ ނިންމުންތަކަށް ނައިޖަރުގެ އިންޤިލާބީ ޒަޢީމުން އިޖާބަ ނުދެއްވައިފިނަމަ އެބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަނީ ދީފައެވެ. 

އެސޯޝޭޓްޑް ޕްރެސް ބުނާގޮތުގައި ނައިޖަރުގެ އިންޤިލަބީ ޒަޢީމުން މިހާރުވަނީ ވެގްނަރ ހަނގުރާމަވެރީންގެ އެހީއަށް އެދިވަޑައިގެންފައެވެ. މި ނޫސް އޭޖެންސީ ބުނާގޮތުގައި ނައިޖަރުގެ އިންޤިލާބީ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ޖެނެރަލް ސެލިވޯ މޯޑީ އަވަށްޓެރި މާލީގައި ތިބި ވެގްނަރު ހަނގުރާމަވެރީންގެ މަންދޫބާ ބައްދަލުކުރެއްވިއެވެ. 

ނައިޖީރިޔާގެ ވެރިރަށް އަބޫޖާގައި އެކްވާސް ޖަމާޢަތުގެ ދިފާޢީ ވަޒީރުންގެ ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންފައިވަނީ ނައިޖަރުގެ އިންޤިލާބީ ވެރިން ޢަސްކަރީ ކޮށިތަކަށް ވަޑައިގަތުމަށާއި ރައީސް ބާޒޫމް އަލުން ވެރިކަމަށް ގެނައުމަށެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *