އޭނާގެ ވެރިކަމުގައި ފެތުރެމުންދާ ފަސާދަ ނައްތައިލުމަށް ޓަކައި ރައީސް ޒިލެންސްކީ އޭނާގެ އަރިސް އެތައް ބޭފުޅުންތަކެއް މަޤާމުން ވަކިކުރައްވަން ފަށްޓަވައިފިއެވެ. ޒިލެންސްކީ ހާމަކުރެއްވި ގޮތުގައި ޔުކްރޭން ނިކަމެތިކޮށް ބަލިކަށިކުރާ ބައު ޚިޔާލުތަކުގެ ބޯދާ މީހުން ހަފުތާއެއްހާ ދުވަހުގެތެރޭގައި އޭނާގެ ސަރުކާރުގެ ތެރެއިން ލުހެލައްވާ ނިންމަވައިލައްވާނެއެވެ.
ރައީސް ޒިލެންސްކީ މަޤާމުން ވަކިކުރައްވަން ޚިޔާލުކުރައްވައިފައިވާ ބޭފުޅުންނަކީ ކޮބައިކަމެއް ހާމައެއް ނުކުރައްވައެވެ. ޔުކްރޭންގެ ޢަސްކަރިއްޔާގެ އިދާރާގެ ތެރޭގައި ފަސާދަ ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ހުޅަނގުން ދަނީ ތުހްމަތުކުރަމުންނެވެ.
ހުޅަނގުގެ މީޑިއާ ރިޕޯޓްތަކާއި ދިރާސާކުރައްވާ ބޭފުޅުންގެ ދިރާސާތައް ބުނާގޮތުގައި ޔުކްރޭންގެ އިސް މަސްއޫލުވެރީންގެ ތެރޭގައި ފަސާދަވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ހުޅަނގުން ޔުކްރޭނަށް ދޭ މާލީ އެހީގެ ބޮޑުބައެއް ދަނީ ޔުކްރޭންގެ އިސް މަސްއޫލުވެރީންގެ ޖީބުތަކަށްކަމަށް މި ރިޕޯޓުތައް ތުހްމަތުކުރެއެވެ.
ރައީސް ޒިލެންސްކީ އޭނާގެ އިދާރާގެ މަސްއޫލުވެރީންނަށް ޤައުމުގައި ތިއްބަވައިގެން މަސައްކަތް ކުރެއްވުމަށް ދަނީ ގޮވައިލައްވަމުންނެވެ. އެކަމަށް އޭނާ ގޮވައިލެއްވީ ޔުކްރޭންގެ އިސް ދެ މަސްއޫލުވެރިއަކު ޗުއްޓީ ހޭދަކުރެއްވުމަށް ޓަކައި ބޭރަށް ވަޑައިގެން ކުރެއްވި ޚަރަދުތައް ބޭޒާރުވެ ޚަބަރަށް އައުމުންނެވެ. ޔުކްރޭން ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ޢާންމު ރައްޔިތުން ވަނީ ބިކަ ހާލުގައި ޖެހި ވަރަށް ބޮޑަށް ނިކަމެތިވެފައެވެ.
ފަހަކަށް އައިސް ޔުކްރޭންގައި ވަނީ ފަސާދައިގެ އެތައް ފަޟީޙަތްތަކެއް ބޭޒާރުވެފައެވެ. އޭގެތެރޭގައި ބައެއް މަސްއޫލުވެރީން ޗުއްޓީ ހޭދަކުރެއްވުމަށް ޤައުމުން ބޭރަށް ވަޑައިގަތުމާއި ބޭރުގައި ވުނަކުރުމުގެ މަޝްރޫޢުތައް ހިންގެވުމާއި ބޭރުން ބިންތަކާއި ޢިމާރާތްފަދަ ތަންތަން ބައްލަވައިގަތުމާއި ސަރުކާރަށް ވާރު ދެއްކެވުމުގައި މަކަރުހެއްދެވުން ވެއެވެ. މިކަންކަމާހެދި ހުޅަނގުން ތުހްމަތުކުރާ ގޮތުގައި ރައީސް ޒިލެންސްކީއާއި އޭނާއާ އެންމެ އަރިސް މަސްއޫލުވެރީންނަކީ ނަޒާހަތްތެރި ބައެއްނޫނެވެ. ހުޅަނގުން ދޭ މާލީ އަދި އިންސާނީ އެހީތަކަށް ވާނުވާ ގޮތެއް ނޭނގެއެވެ. ޢާންމު ރައްޔިތުންނަށް މިއިން ފައިދާއެއް ނުލިބެއެވެ.