Support Us

ތިން އަހަރަށް ޖަލަށްލުމަށް ޙުކުންކުރުމުން ޢިމްރާން ޚާން ހައްޔަރުކޮށްފި

ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކޯޓުން ޢިމްރާން ޚާންގެ މައްޗަށް ނިޔާ އިއްވުމުން ޕާކިސްތާނުގެ ފުލުހުން ލާހޯރުގައި އޭނާ ހައްޔަރުކޮށްގެން ވެރިރަށް އިސްލާމްއާބާދަށް ގެންގޮސްފިއެވެ. 

ޢިމްރާންޚާންގެ ޤާނޫނީ ވަކީލާ ޙަވަލާދީ ރޮއެޓަރޒުން ބުނިގޮތުގައި އޭނާގެ މުވައްކިލް ހައްޔަރުކޮށްފައި ވަނީ ލާހޯރުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. 

ޢުމުރުފުޅުން 70 އަހަރުވެފައިވާ ކުރީގެ ބޮޑުވަޒީރު ތިން އަހަރަށް ޖަލަށްލުމަށް ނިޔާ ކަނޑައެޅީ އިސްލާމްއާބާދުގެ އިބްތިދާއީ ކޯޓަކުންނެވެ. އެއީ "ހަދިޔާ ފޮށީ"ގެ މަސްއަލައިގައެވެ. ދައުލަތަށް ލިބިފައިވާ ހަދިޔާތަކެއް ޤާނޫނާ ޚިލާފަށް އޭނާ ވިއްކަވައިފައިވާތީއެވެ. 

ޢިމްރާންޚާނުގެ ޕާޓީގެ ވަކީލުން ވިދާޅުވާގޮތުގައި ޚާން މިނިވަންކުރުމަށް ޓަކައި އެބޭފުޅުން މިހާރު ހައިކޯޓަށް އިލްތިމާސެއް ހުށައަޅުއްވައިފިއެވެ. 

އިސްލާމްއާބާދުގެ އިބްތިދާއީ ކޯޓުން އިއްވި ޙުކުމުގައި ޚާން ތިން އަހަރަށް ޖަލަށްލުމަށާއި ހަ އަހަރުގެ މުއްދަތަށް ސިޔާސީ ޙަރަކާތްތަކުގައި އުޅުއްވުން މަނާކުރުން ވެއެވެ. މީގެއިތުރަށް ޚާން 350 ޑޮލަރުން ޖޫރިމަނާކުރުންވެސް ވެއެވެ. މި ކޯޓުގެ ޙުކުން ބުނާގޮތުގައި ޚާން ބޮޑުވަޒީރުކަމުގައި ހުންނެވި ހަތަރު  އަހަރުގެތެރޭގައި ދައުލަތަށް ލިބިފައިވާ 360 ހާސްޑޮލަރުގެ  ތަފާތު ހަދިޔާތައް އޭނާ ވަނީ ޤަވާޢިދާ ޚިލާފަށް ވިއްކަވައިފައެވެ. 

ޚާން ވިދާޅުވާ ގޮތުގައި އެ ހަދިޔާތަކުގެ މަސްއަލައިގައި ޤަވާޢިދާ ޚިލާފު އެއްވެސް ކަމެއް ކުރައްވައިފައެއް ނުވާނެއެވެ. އެއީ އޭނާއަށް އެރުވުނު ހަދިޔާތަކަކަށް ވާތީ އެ ތަކެތި ހެޔޮ އަގުގައި ބައްލަވައިގަތުމުގެ ބާރު އޭނާއަށް ޤާނޫނު ލިބިދެއެވެ.

ޚާނުގެ އިންޞާފު ޕާޓި ބުނާގޮތުގައި އެ ޕާޓީގެ ޒަޢީމު ހައްޔަރުކުރުމަށް ނިންމި ނިންމުމަކީ ވަކި އަތަކަށް ބުރަވެފައިވާ ބޭއިންސާފު ނިންމުމެކެވެ. މިއީ ޢަދާލަތުގެ ނިތްކުރީގައި ޖެހުނު ލައްގަނޑެކެވެ. މި ޕާޓީން ތުހްމަތުކުރާ ގޮތުގައި  މި މަސްއަލަ ބެއްލެވި ޤާޟީއަކީ "އަޚްލާޤު ފާސިދު" ޤާޟީއެކެވެ. މި ޕާޓީ ބުނާގޮތުގައި "މިއީ ޕާކިސްތާނުގެ ރައްޔިތުންނާ ދެކޮޅަށް ރޭވިފައިވާ މުއާމަރާއެއްގެ ދަށުން ޢިމްރާން ޚާނުގެ ކިބައިން ބަދަލު ހިފުމަށް ކުރެވޭ މަސައްކަތެކެވެ."  

ޕާކިސްތާނުގެ ޤާނޫނީ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި މި ޙުކްމުގެ ސަބަބުން ޢިމްރާން ޚާނަށް މި އަންނަ ނޮވެންބަރުގެ ޢާންމު އިންތިޚާބުގައި ބައިވެރިވެ ވަޑައެއް ނުގެންނެވޭނެއެވެ. 

ޢިމްރާން ޚާން 2022 ގައި ވެރިކަމުން ދުރުކުރުމާ ވިދިގެން އޭނާއާ ދެކޮޅަށް އެތައް ޤަޟިއްޔާތަކެއް ދަނީ ކޯޓަށް ހުށައެޅެމުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *