Support Us

ފަރަންސޭސިވިލާތާއެކު އޮތް ޢަސްކަރީ އެއްބަސްވުން ނައިޖަރުން އުވާލައްވައިފި

ނައިޖަރާ ފަރަންސޭސިވިލާތާ ދެމެދުގައި އޮތް ޢަސްކަރީ އެއްބަސްވުން ނައިޖަރުގެ އިންޤިލާބީ ޒަޢާމަތުން ރޭ އުވާލައިފިއެވެ.

އެ ޒަޢާމަތުން ހާމަކުރި ގޮތުގައި އެ ޤައުމުގެ ކަންތައްތަކާ ބެހުމަށް ބޭރުން އަންނަ ޢަސްކަރީ ކޮންމެ ބާރަކާ ދެކޮޅަށް ނައިޖަރުން ވަގުތުން ފިޔަވަޅު އަޅައި ރައްދުދޭނެއެވެ.

އަނެއްކޮޅުން ބަލާއިރު ހުޅަނގު އެފްރިކާގެ އިޤްތިޞާދީ އެއްބާރުލުމާ ބެހޭ ޖަމާޢަތް (އެކޮވަސް) އިން ނައިޖަރުގެ އިސްވާރުންނަށް އަރުވާފައިވާ މުހްލަތު މާދަމާ ހަމަވާނެއެވެ. ހައްޔަރުކޮށްފައި ހުންނެވި ނައިޖަރުގެ ރައީސް މުޙައްމަދު ބާޒޫމް އަލުން ވެރިކަމަށް އިއާދަކުރުމަށް ޓަކައި ނަޖަރަށް ސިފައިން ދޮނުވުމަށް ސެނެގޯލް ތައްޔާރަށް އޮތްކަމަށް އެ ޤައުމުން ބުނެފިއެވެ.

ނައިޖަރުގައި މިހާރު ވެރިކަންކުރާ ޢަސްކަރީ މަޖިލީހުން ރޭ ޓީވީއަށް ދިން ބަޔާނެއް ބުނާގޮތުގައި އަމްނާއި ދިފާޢީ މައިދާނުގައި ފަރަންސޭސިވިލާތާއެކު ސޮއިކޮށްފައިވާ މުޢާހަދާ ރޭ އުވާލެވިއްޖެއެވެ. އެއީ ފަރަންސޭސިވިލާތުން ނައިޖަރުގެ މިއަދުގެ ޙާލަތާމެދު ޒިންމާދާރުކަން ކުޑަ ގޮތަކަށް ޢަމަލުކުރަމުންދާތީއެވެ. ނައިޖަރުގައި ފަރަންސޭސިވިލާތުގެ 1500 ސިފައިން އެބަ ތިއްބެވެ.

އަނެއްކޮޅުން ބަލާއިރު އެކޮވަސް ޖަމާޢަތުގެ ޗީފް އޮފް ސްޓާފުން ނައިޖީރިޔާގެ ވެރިރަށް އަބޫޖާގައި ބާއްވަވަމުން ގެންދަވާ ބައްދަލުވުންތައް މިއަދު ނިމޭނެއެވެ. ނައިޖަރާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމަވާނެ ކަމަށް ލަފާކުރެވެއެވެ.

ނައިޖަރުގެ އިންޤިލާބީ ވެރިން އިއްޔެ ވަނީ އެމެރިކާއާއި ފަރަންސޭސިވިލަތާއި ނައިޖީރިޔާއާއި ޓޯގޯގައި ތިއްބެވި އެ ޤައުމުގެ ސަފީރުން މަޤާމުން ވަކިކޮށްފައެވެ.

ޖަޒީރާ ބުނާގޮތުގައި ނައިޖަރުގައި އިޢުލާންކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ޙާލަތު ރޭ އުވާލައިފިއެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެވުނީ ރައީސް ބާޒޫމް ވެރިކަމުން ޢަޒްލުކުރުމާ ވިދިގެންނެވެ.

އެކޮވަސްގެ ވަފްދެއް އިއްޔެ ވަނީ ނައިޖަރަށް ގޮސްފައެވެ. އެއީ ނައިޖަރުގެ ސިޔާސީ މަސްއަލައަށް ޞުލްޙަވެރި ޙައްލެއް ގެނައިމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޓަކައެވެ. އެކޮވަސްގެ މި ދައުރުގެ ރިޔާސަތުގައި އޮތް ނައިޖީރިޔާ ބުނާގޮތުގައި މި މަސްއަލައަށް "އެކުވެރި" ޙައްލެއް ގެނައުމަށް މަސައްކަ ކުރަންވާނެއެވެ.

ނައިޖަރުގައި ތިބި ފަރަންސޭސިވިލާތުގެ މީހުންނާއި ޔޫރަޕް މީހުން އިއްޔެ ވަނީ ނައިޖަރުން ބާލައި ބޭރަށް ގެންގޮސްފައެވެ.

ނައިޖަރުގެ އިންޤިލާބީ ވެރިން ވިދާޅުވާ ގޮތުގައި ރައީސް ބާޒޫމް ވެރިކަމުން ޢަޒްލުކުރަން ޖެހުނީ ޤައުމުގެ އިޤްތިޞާދީ އިޖްތިމާޢީ ސަލާމަތީ ޙާލަތު ކޮންޓްރޯލުން ނެއްޓިގެން ދާން ފެށީމާ ޤައުމު ސަލާމަތް ކުރާންވެގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *