Support Us

އިންޑިޔާގައި ހަދައިފައިވާ ބޭހެއްގައި ވިހަ ކެމިކަލް ހުރެގެން ޢިރާޤުގައި އެ ބޭސް މަނާކޮށްފި

އިންޑިޔާގައި ހަދައިފައިވާ އަރިދަފުސް ރޯގާ ބޭހެއްގައި ވިހަ ކެމިކަލެއް ހުންނަން ޖެހޭ ވަރަށްވުރެ މާ ބާރުގަދަކޮށް ހުރުމުގެ ސަބަބުން އެ ބޭސް ޢިރާޤުގެ ބޭސްފިހާރަތަކުން ނެގުމަށް ޢިރާޤު ސަރުކާރުން އަމުރުކޮށްފި އެވެ.

އެމެރިކާގެ ބްލޫމްބަރގް އޭޖެންސީގެ ރިޕޯޓުތައް ބުނާގޮތުގައި މި ހުސްވި މާރިޗު މަހު ބަޣްދާދުގައި ވިއްކި އިންޑިޔާގައި ހަދައިފައިވާ "ކޯލްޑް އައުޓް" ނަމަކަށް ކިޔާ ބޭހުގެ ސުންކު ތަޙްލީލުކުރުމުން އޭގައި އިތިލިން ގްލައިކޯލް ހުންނަންޖެހޭ ވަރަށްވުރެ މާ ގިނައިން ހުރިކަން އެނގުނެވެ. މިއީ ގިރުވައިދޭ ވިހަ މާއްދާއެކެވެ. 

ޢިރާޤުގެ ކުރްދިސްތާނު ސަރަޙައްދުގެ ބޭހާ ބެހޭ އޭޖެންސީގެ ރައީސް ކައުޝަރު ޔޫނުސް ހާމަކުރެއްވި ގޮތުގައި މި ބޭސް ޢިރާޤުގެ ބޭސްފިހާރަތަކުން ނެގުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފައެވެ. އެހެނަސް އެ ސަރަޙައްދުގެ ބޭސްފިހާރަތަކުން މި ހުސްވި ޖުލައި މަހުގެ 30 ވަނަ ދުވަހު އެ ބޭސް ނަގައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ބޭސް ބޭނުންކުރުމުގެ ސަބަބުން އެއްވެސް މީހަކު ބަލިވެފައިވާ ކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ. 

މި ހުސްވި މާރިޗުމަހު ބަޣްދާދުގެ ބޭސްފިހާރައަކުން ނެގި ކޯލްޑް އައުޓް ބޭސްފުޅި އެމެރިކާގެ މަރްކަޒެއްގައި ތަޙްލީލުކުރިއިރު މި ބޭހުގައި ވިހަ ކެމިކަލް މާއްދާއެއް ހުރިކަން ސާބިތުވިއެވެ. މި ބޭސްފުޅި ހަދައިފައި ވަނީ އިންޑިޔާގައެވެ. މި ބޭސް ބޭނުންކުރަނީ ކެއްސުމަށާއި އަރިދަފުސް ރޯގާއަށެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކެއްގައި ވިއްކާ، ކުޑަކުދީންނަށް ޚާއްޞަ ބޭހެކެވެ. 

ބްލޫމްބަރގް ބުނަގޮތުގައި މިބޭސް ތަޙްލީލު ކުރީ އެމެރިކާގެ ވެލިޝަރ Valisure LLC ލެބްގައެވެ. މި ފުޅީގައި އެތިލިން ގްލައިކޯލް 2.1% އަށް ހުއްޓެވެ. އެއީ ބައިނަލްއަޤްވާމީ މިންގަނޑު ހުއްދަދޭ މިންވަރަށްވުރެ 21 ގުނަ އިތުރު މިންވަރެކެވެ.   

މި ދިޔަ އަހަރު ގެމްބިޔާއާއި އުޒްބަކިސްތާނުގައި މި ބޭސް ބޭނުންކޮށްގެން ކުޑަކުދީންތަކެއް ވަނީ މަރުވެފައެވެ. މި ޤައުމުތަކުގައި ބޭނުންކުރި ބޭސް ވެސް ހަދައިފައިވަނީ އިންޑިޔާގައެވެ.

އެމެރިކާގެ މި ލެބުން ވަނީ އެ ނަތީޖާތައް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް ފޮނުވައިފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ބުނާގޮތުގައި ވެލިޝަރ ލެބްގެ ނަތީޖާއަކީ "ބަލައިގަނެވޭ" ނަތީޖާއެކެވެ. 

އިންޑިޔާ ކުންފުނި ދޮގުކުރޭ

މި ބޭސްފުޅީގައިވާ މަޢުލޫމާތުތައް ބުނާގޮތުގައި އެ ބޭސް  އުފައްދައިފައިވަނީ އިންޑިޔާގެ Fourrts ކުންފުނިންނެވެ. މިއީ ޗެންނާއީގައި ހުންނަ ކުންފުންޏެކެވެ. ބްލޫމްބަރގްގެ މި ޚަބަރާ ވިދިގެން އެ ކުންފުނިން ބުނީ ކޯލްޑް އައުޓް ބޭސްފުޅިތައް ތަޙްލީލުކުރި އިރު އޭގައި އެ މާއްދާ ވިހަވާ މިންވަރަކަށް ނެތްކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *