Support Us

ނައިޖަރުގައި ދުސްތޫރީ ވެރިކަން އަލުން ގާއިމުކުރުމަށް އެކޮވަސް ޖަމާޢަތުން މަޝްވަރާކުރަނީ

ނައިޖަރުގައި ދުސްތޫރީ ވެރިކަން އަލުން ޤާއިމުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޓަކައި ނައިޖީރިޔާގެ ވެރިރަށުގައި އެކޮވަސް ޖަމާޢަތުގެ ސިފައިންގެ ވެރިން މިއަދު ބައްދަލުކުރައްވާނެ ކަމަށް ނައިޖީރިޔާއިން ހާމަކޮށްފިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު މި ޖަމާޢަތުން ނައިޖަރަށް ވަފްދެއް ފޮނުވާނެއެވެ. މި ޤައުމުތަކުން ވަނީ ނައިޖަރުގެ އިންޤިލާބީ ޒަޢީމުންނަށް ހަފުތާއެއްގެ ތެރޭގައި ޢަސްކަރީ މަރްކަޒުތަކަށް އެނބުރި ވަޑައިގަތުމަށް ދަންނަވައިފައެވެ. ނައިޖަރުގެ ޤާނޫނީ ސަރުކާރު ވެރިކަމަށް އިޢާދަކުރުމަށް ޓަކައި ބާރުގެ ބޭނުންކުރަން ޖެހިދާނެކަމަށް ވެސް އެ ޖަމާޢަތުން ވަނީ ބުނެފައެވެ. 

ހުޅަނގު އެފްރިކާއާއި އެފްރިކާގެ އައްސޭރި ޤައުމުތަކާ ބެހޭ އދގެ ޚާއްޞަ މަންދޫބު ލިޔޮނާރޑޯ ސެންޓޮސް ސިމާވޮ ވިދާޅުވާ ގޮތުގައި އެކޮވަސްގެ ބައެއް މެންބަރު ޤައުމުތަކުން ދަނީ ނައިޖަރުގެ ޢަސްކަރީ ސަރުކަރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންނެވެ. އެހެނަސް ސިމާވޮ ހާމަކުރެއްވި ގޮތުގައި ހުރިހާ ޤައުމުތަކަކުން ވެސް އިސްކަންދެނީ މަސްއަލަ ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށެވެ. 

އެމެރިކާގައި ހުންނަވާ ނައިޖަރުގެ ސަފީރު ކިޔާރީ ލީމާން ޓަންގްރީ ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމަޢާއި އެފްރިކާގެ އިއްތިޙާދު ވެސް ގޮވައިލަނީ ރައީސް ބާޒޫމް މިނިވަންކުރުމަށާއި އިންޤިލާބީ ވަސީލަތުން ވެރިކަން ފުރޮޅައިލުން ހުއްޓައިލުމަށެވެ. އޭނާ ޖަޒީރާއަށް ހާމަކުރެއްވި ގޮތުގައި ޑިޕްލޮމެޓިކް ދާއިރާތަކުން މަސައްކަތް ކުރަމުންދަނީ ސިފައިން އެމީހުންގެ ކޮށިތަކަށް ވެއްދުމަށާއި ޤާނޫނީ ސަރުކާރު ވެރިކަމަށް އިޢާދަކުރުމަށެވެ.

އެކޮވަސްގެ މެންބަރުންގެ ތެރެއިން ބުރްކީނާ ފާސޯއާއި މާލީ  އެކޮވަސް ޖަމާޢަތުގެ އެހެން މެންބަރުންނަށް ތާއީދެއް ނުކުރެއެވެ. މި ދެ ޤައުމު ބުނާގޮތުގައި ނައިޖަރަށް ޢަސްކަރީ ޙަމަލާއެއް ދީފިނަމަ އެއީ އެ ދެ ޤައުމަށް ވެސް ދެވޭ ޙަމަލާއެކެވެ.

މި މަސްއަލައާ ބެހޭގޮތުން އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިޔޯ ޓަޔަނީ ވިދާޅުވާ ގޮތުގައި "ހުޅަނގުން ނައިޖަރުގެ މަސްއަލައާ ބެހިގެން ނުވާނެއެވެ. ހުޅަނގުން މި ކަމާ ބެހުމަކީ އައު އިސްތިޢުމާރެއް ކަމަށް ލޭބަލްވެގެންދާނެ ކަމެކެވެ." އޭނާ ވިދާޅުވި ގޮތުގައި "މަސައްކަތް ކުރަން ޖެހޭނީ ދީމުޤްރާޠީ ނިޒާމު އަނބުރާ ގެނައުމަށެވެ. އެކަމުގެ ވަސީލަތަކީ ޑިޕްލޮމަސީއެވެ."

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން ނައިޖަރުގެ ދީމުޤްރާޠީ ނިޒާމަށް އެމެރިކާއިން ތާއީދު ކުރާކަމަށް ވިދާޅުވިއެވެ. ބްލިންކެން ވިދާޅުވި ގޮތުގައި އޭނާ ރައީސް ބާޒޫމާ ފޯނުން ވާހަކަފުދެއްކެވިއެވެ. ޤާނޫނުގެ ސިޔާދަތަށާއި ދީމުޤްރާޠީ ވެރިކަމަށް ވޮޝިންގްޓަން ތާއީދުކުރާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. 

ސަލާމަތީ މަޖިލީހުގައި ހުންނަވާ ރޫސީ މަންދޫބުގެ ނައިބު  ބިލިޔަންސްކީ ވިދާޅުވި ގޮތުގައި ނައިޖަރުގެ އިންޤިލާބާ މޮސްކޯއާ  ގުޅުމެއް ނެތެވެ. އޭނާ ވިދާޅުވިގޮތުގައި ނައިޖަރުގެ މުޒާހަރާގައި ރޫސީ ދިދަ ބޭނުންކުރިކުރުމުން އެނގެނީ ދުނިޔޭގެ ޤައުމުތަކުގެ ރައްޔިތުން ރަޝިޔާ ދެކެ ލޯބިވާކަމެވެ. އެއީ ޠަބީޢީ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ ރަޝިޔާއިން ޤައުމުތަކުގެ ދާޚިލީ ކަންތައްތަކާ ނުބެހޭތީއެވެ. 

ސަރަޙައްދު ހުޅުވުން

އަނެއްކޮޅުން ނައިޖަރުގެ ޢަސްކަރީ މަޖިލީހުގެ ރަސްމީ ތަރްޖަމާން ކަރނަލް އަމާދޯ ޢަބްދުއްރަޙްމާން ވިދާޅުވި ގޮތުގައި ޖަޒާއިރާއި ލީބިޔާއާއި ބުރްކީނާ ފާސޯއާއި މާލީއާއި ލީބިޔާއާއި ޗާޑާއެކު އޮންނަ ނައިޖަރުގެ ގުޅިފައިވާ ސަރަޙައްދީ ވައިގެ މަގާއި އެއްގަނމު މަގު 1 އޮގަސްޓްގައި ވަނީ ހުޅުވިފައެވެ. ސަރަޙައްދު ބަންދު ކުރީ މި ދިޔަ ބުދަ ދުވަހުއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *