Support Us

އިސްރާއީލު ސިފައިން ނާބްލުސްއަށް އަރައިފި

ހުޅަނގު އައްސޭރީގެ ނާބްލުސް ސަހަރުގެ އިރުމަތީ ސަރަޙައްދަށް އިސްރާއީލު ސިފައިން މިއަދު ހެނދުނު އެރުމާ ވިދިގެން ހިނގި ކުރިމަތިލުންތަކުގައި ފަލަސްޠީނުގެ އެތައް ބަޔަކު ޒަޚަމުވެއްޖެއެވެ. 

އިސްރާއީލު ސިފައިން ޢަސްކަރީ އާލަތްތަކާއެކު ނާބްލުސްއަށް އެރީ  ބަލާޠާ ފޭލިގެ އަވަށް ކައިރީގައިވާ ޔޫސުފުގެފާނުގެ މަހާނަފުޅު ކަމަށް ޔަހޫދީން ބުނަ މަހާނައެއް ދޮށަށް ޔަހޫދީ ވަޒަންވެރިން ދިޔުމަށް މަގު އަމާންކޮށްދިނުމަށް ޓަކައެވެ. އިސްރާއީލުގެ މީޑިޔާތަކުން ޔަހޫދީން އެ މަހާނަދޮށަށް ދިޔަ މަންޒަރުތައް ދުރަށް ދެއްކިއެވެ.

ފަލަސްޠީނުގެ މަންސަތަކުން އިސްރާއީލު ސިފައިން ނާބްލުސްއަށާއި އަރީޙާ ކައިރީގައި އޮންނަ ޢަޤަބަތު ޖަބްރު ފޭލިގެ އަވަށަށް އެރި މަންޒަރުތައް ދުރަށް ފަތުރައިފައި ވެއެވެ. ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާ ބުނާގޮތުގައި އިސްރާއީލު ސިފައިން ޔޫސުފުގެފާނުގެ މަހާނަފުޅުގެ ވަށައިގެންވާ މަގުތައް ބަންދުކުރުމުގެ ތެރޭގައި ޙަޤީޤީ ވަޒަން ބޭނުންކުރުމުގެ ސަބަބުން ފަލަސްޠީނުގެ ދެ މީހަކުވެ ޒަޚަމުވިއެވެ. އަދި ކަރުނަގޭހުގެ ސަބަބުން އެތައް ބަޔަކު ހާސްވެ ނޭވާނުލެވިގެން ފުރަތަމަ އެހީ ދޭންޖެހުނެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓް ބުނާގޮތުގައި ކަރުނަގޭހުގެ ސަބަބުން 90 މީހަކު ނޭވާނުލެވިގެން އެހީދޭން ޖެހުނެވެ. 

ފަތަޙަ ޙަރަކާތުގެ ޝުހަދާއުލް އަޤްޞާ ފައުޖު ބުނާގޮތުގައި އެ ފައުޖުގެ ހަނގުރާމަވެރިން ނާބްލުސްގެ އިރުމަތީ ސަރަޙައްދަށާއި ޔޫސުފުގެފާނުގެ މަހާނަފުޅު ސަރަޙައްދުގައި ގޮވާއެއްޗެހިންނާއި ވަޒަނުގެ އޮއްސުންތަކުން އިސްރާއީލު ސިފައިންނާ ކުރިމަތިލިއެވެ. 

އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިން އަޅުކަން ކުރުމަށް ޓަކައި ޔޫސުފުގެފާނުގެ ޤަބްރުފުޅު ކަމަށް ބުނާ ޒިޔާރަތް ދޮށަށް ވަރަށް ގިނައިން ގޮސް ހަދައެވެ. 

އެހެނަސް ފަލަސްޠީނު މީހުން ބުނާގޮތުގައި އެއީ ޔޫސުފުގެފާނުގެ ޤަބްރުފުޅެއް ނޫނެވެ. މި ޤަބްރަށް އަދި 200 އަހަރުވެސް ނުވެއެވެ. އެއީ އެ ހިސާބުގައި ވަޒަންވެރި ޔޫސުފު ދުވައިކާތު ނަމަކަށް ކިޔާ މުސްލިމެއްގެ މަހާނައެވެ.

މަޢާލޭ އަދޯމީމު ޙަމަލާ

އަނެއްކޮޅުން އިސްރާއީލު ބުނާގޮތުގައި އިރުމަތީ ޤުދްސުގައި އިސްރާއީލުން ބިނާކޮށްފައިވާ މަޢާލޭ އަދޯމީމު އާބާދީގައި އިއްޔެ ދެވުނު ޙަމަލާއާ ވިދިގެން ބޮޑުވަޒީރު ނަތަންޔާހޫއާއި ދިފާޢީ ވަޒީރާއި ޗީފް އޮފް ސްޓާފް އެ ހިސާބު ބައްލަވައި ލެއްވުމަށް މިއަދު ވަޑައިގެންނެވިއެވެ. މި އާބާދީއަށް ފަލަސްޠީނުގެ ހަނގުރާމަވެރިޔަކު ދިން ޙަމަލާގައި އިސްރާއީލުގެ ހަ މީހަކު ޒަޚަމުވިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ވިދާޅުވިގޮތުގައި އިސްރާއީލުގެ މީހެއްގެ ލޭ އޮހޮރުވި ކޮންމެ މީހަކަށް ޙައްޤު ޖަޒާ އިސްރާއީލުން ދޭނެއެވެ. 

އިސްރާއީލުގެ ޤަޟާއީ ނިޒާމަށް އިންޤިލާބެއް ގެންނަވަން ނަތަންޔާހޫ ކުރައްވަމުންގެންދަވާ މަސައްކަތާ ދެކޮޅުހަދައި ބައެއް މީހުން ސިފައިންގެ ޚިދްމަތުން ވަކިވަމުންދާތީ އެކަމާ ބެހޭގޮތުން ނަތަންޔާހޫ ވިދާޅުވިއެވެ. "އިސްރާއީލުގެ ލަޝްކަރަކީ ހުރިހާ މައިދާންތަކެއްގައި ޤާބިލު ލަޝްކަރެކެވެ. ބަޔަކު މި ޚިދްމަތުން ވަކިވިޔަސް އެ ލަޝްކަރުގެ ޤާބިލުކަމަށް ނޭދެވޭ އަސަރެއް ނުކުރާނެއެވެ." 

އިސްރާއީލުގެ ޙައްދުފަހަނަޅައިފައިވާ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އީތުމާރު ބިން ޣަފީރު އިއްޔެ މި އާބާދީއަށް ޒިޔާރަތްކުރުމަށްފަހު ޔަހޫދީ ހުރިހާ ވަޒަންވެރިންނަށް ހަތިޔާރު ދިނުމަށް ވަނީ ގޮވައިލައިފައެވެ. 

މަޢާލޭ އަދޯމީމަށް ޙަމަލާދިން ފަލަސްޠީނުގެ ހަނގުރާމަވެރިޔާ މުހަންނަދު އަލްމުޒާރަޢާ އިސްރާއީލުން ވަނީ މަރައިލައިފައެވެ. އެއީ އިރުމަތީ ޤުދުސްގެ ޢައިޒްރާނިއްޔާ ރަށުގެ މީހެކެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *