ޤައުމުގައި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަކީ ޔުނީފޯމުގައި ތިބޭ ބަޔަކު އެކަނި ކުރަންޖެހޭ މަސައްކަތެއް ކަމަށް ނުދެކި، ޤައުމުގައި ތަރައްޤީއާއި އަމާންކަމާއި ތަހުޒީބު ބޭނުންވާނަމަ ކޮންމެ މީހެއްގެވެސް ވާޖިބެއް އޮންނަކަން ޤަބޫލުކޮށް ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް އެންމެން މަސައްކަތް ކުރަންޖެހޭނެ ކަމުގައި ނައިބު އީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 35ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހުގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައެވެ.
ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހަކީ ފުލުހުންގެ ޚިދުމަތާ ގުޅޭ މީހުންްގެ ތެރެއިން ޔުނީފޯމުގައި މަސައްކަތްކުރާ ކޮންމެ ޕޮލިސް އޮފިސަރަކު ފުރިހަމަ ކުރަންޖެހޭ ފުލުހުންގެ އަސާސީ ތަމްރީނެކެވެ. މި ކޯހުގެ މުއްދަތު ބެހިގެންވަނީ ކެމްޕަސް ޓްރެއިނިންގ ހަތަރު މަސްދުވަސް އަދި ޕްރޮބޭޝަނަރީ ޓްރެއިނިންގް ދެ މަސްދުވަސް ހިމެނޭގޮތަށް ޖުމްލަ ހަ މަސްދުވަހުގެ މުއްދަތަށެވެ. މިފަހަރުގެ ކޯހުގައި ބައިވެރިވި 220 މީހުންގެ ތެރެއިން ކޯހުން ކަނޑައަޅާފައިވާ މިންގަޑަށް ފާސްވެފައިވަނީ 192 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 37 އަންހެނުންނާއި 155 ފިރިހެނުންނެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމެއްގައި ފުލުހުންގެ ޚިދުމަތް މުހިންމުވާނެ މިންވަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ޤައުމެއްގައި ދިރިއުޅޭ ރައްޔިތަކަށް އެންމެ ބޭނުންވާނީ އަމާންކަމާއި ހުރިހާ ރައްޔިތުން ޙިމާޔަތްކުރެވިފައިވާ ވެއްޓެއް ޤާއިމުވެފައި އޮތުންކަން ފާހަގަކުރައްވައި އެކަން ކުރުމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ފުލުހުން ކަމުގައި ފާހަގަކުރައްވާފައެވެ.
ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަދި ރައްޔިތުންގެ އިތުބާރު ހޯދައި ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޒަމާނީ ވަޞީލަތްތައް ހޯދައި ޒަމާނާ އެެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ޒުވާނުން އިސްކަންދޭންވީ ޤައުމަށް ޚިދުމަތްކުރަން ކަމަށާއި، ޤައުމަށް ޚިދުމަތްކުރުމަކީ ފަޚުރެއްކަމަށް ހަދަންޖެހޭ ކަމަށެވެ. އަދި އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ބައްޓަންކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓާއި ޕްލާކް ޙަވާލުކޮށްދެއްވާފައެވެ.



advertisment
One Response
ބަލަ އިބުރާހިމާ އެމްޑީޕީގަ ބަގުޑި ބައްދާއިރު އެމްޑީޕީ އިން ވަކާލާތު ކުރި އެއްކަމެއްވެސް ވެރިކަން ނިމުނުއިރު ނުވި