ށ. ގޮއިދޫ ފެނަކަ އައު އިންޖީނުގެއާއި އޮފީސް ހުޅުއްވައިދެއްވައި ކަނޑިތީމު ފެނުގެ މަޝްރޫޢުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ފެނަކަ އިންޖީނުގެއާއި އޮފީހަކީ، ދަތިނުވެ 10 މުވައްޒަފުންނަށް މަސައްކަތްކުރެވޭ ޖާގަ ތަނަވަސް އިންޖީނުގެއެކެވެ. ކުރިން އަވަށު މެދުގައި ހުރި 18 އަހަރުވީ އިންޖީނުގޭގެ ބަދަލުގައި އައު އިންޖީނުގެ ބިނާކޮށްފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައެވެ. އައު އިންޖީނުގޭގައި ހަތަރު ޖެންސެޓް ބަހައްޓާފައިވާއިރު މިހާރުގެ ކެޕޭސިޓީއަކީ، 648 ކިލޯވޮޓްއެވެ. ފެނަކަ އިންޖީނުގެއާއި އޮފީސް ހުޅުއްވައި ދެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގޮއިދޫ ކަރަންޓްގެ ވިއުގަވެސް އިފްތިތާޙްކޮށްދެއްވާފައެވެ.
ކަނޑިތީމުގެ ފެނުގެ ނިޒާމަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ޤާއިމްކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ބޯ ހޯލް ތޮރުފުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ހެދުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލްކޮށް ލެބޯރެޓްރީ ހިމެނޭ ގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ފެން މީޓަރު ބަހައްޓައިދިނުން ހިމެނެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމި ފެނުގެ ޚިދުމަތް ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.



advertisment