Support Us

އެމެރިކާ– ޠާލިބާން ވާހަކަދެއްކުންތަކެއް ދައުޙާގައި ބާއްވައިފި

ޤަޠަރުގެ ވެރިރަށް ދައުޙާގައި އެމެރިކާއާއި ޠާލިބާނުންނާ ދެމެދުގައި ބޭއްވި ވާހަކަދެއްކުންތައް އިއްޔެ ނިމިއްޖެއެވެ.

ދެ ދުވަހުގެ މުއްދަތަށް ދިގުދެމިގެންދިޔަ މި ވާހަކަދެއްކުންތަކުގައި ދެ ފަރާތުގެ ދެމެދުގައި ހުރި "ބޮޑެތި" މަސްއަލަތަކާމެދު ބަޙުސްކުރިއެވެ. އޭގެތެރޭގައި އިންސާނީ ޙައްޤުތަކާއި ޠާލިބާނުންގެ އިސްވާރުންނާ ބެހޭ އެމެރިކާގެ ކަޅު ލިސްޓާއި އަފްޣާނިސްތާނާ ދެކޮޅަށް އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނެއެވެ. 

މި ވާހަކަދެއްކުންތަކުގައި ބައިވެރިވި އަފްޣާން ވަފްދުގައި ހިމެނެނީ  ޚާރިޖީ ވަޒީރު މައުލަވީ އަމީރު ޚާން މުއްތަޤީއާއި މާލީ ވުޒާރާއާއި އަފްޣާނިސްތާނުގެ މަރްކަޒީ ބޭންކްގެ މަންދޫބުންނާއި ޤަޠަރުގައި ހުންނަ އަފްޣާން އެންބެސީގެ މަސްއޫލުވެރީންނެވެ. އެމެރިކާގެ ވަފްދުގައި 15 ބޭފުޅަކު ހިމެނިވަޑައިގެންނެވިއެވެ. މި ވަފްދުގެ ރައީސަކީ އަފްޣާނިސްތާނަށް ޚާއްޞަ އެމެރިކާގެ މަންދޫބު ތޯމަސް ވެސްޓެވެ. 

އަފްޣާނިސްތާނުގެ ޚާރިޖިއްޔާއިން ހާމަކުރިގޮތުގައި ވަފްދުތަކުގެ މެދުގައި ބޭއްވުނު ވާހަކަދެއްކުންތައް އިއްޔެ ވަނީ ނިމިފައެވެ. މި ވާހަކަދެއްކުންތައް ދެ ދުވަހަށް ދެމިގެން ދިޔައެވެ.

ކަޅުލިސްޓް އުވައިލުން

އަފްޣާނިސްތާނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުންޏެވެ. "ދެ ފަރާތުގެ ދެމެދުގައި އިތުބާރު ބިނާކުރުމާ ބެހޭގޮތުން ވާހަކަދެކެވުނެވެ. ކަޅުލިސްޓް ނައްތައިލުމާއި އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާއި އަފްޣާނުގެ ބޭންކްތަކުގެ އުޞޫލުތައް މިނިވަންކުރުމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަކުރުމާއި އިންސާނީ ޙައްޤުތައް ޤާއިމުކުރުމާ ބެހޭގޮތުން ޢަމަލީ ފިޔަވަޅުތައް އެޅުމާމެދު ވާހަކަދެކެވުނެވެ. 

ކަޅުލިސްޓް އުވައިލުމަށް ޓަކައި އިތުބާރު ބިނާކުރުން މުހިއްމުކަމަށް އަފްޣާނިސްތާނުން ބުންޏެވެ. ބޭރުގެ އެހީއާ ނުލައި އަފްޣާނިސްތާނުގެ އިޤްތިޞާދު ބިނާކުރުމަށް ޓަކައި އަފްޣާނިސްތާނު ބޭންކް ރިޒަރވް ހުޅުވަންޖެހިފައިވާ ކަމަށް އަފްޣާނިސްތާނުގެ މި ބަޔާން ބުންޏެވެ.  

އަފްޣާނިސްތާނަށް ދެވޭ އިންސާނީ އެހީތަކާއި އަފްޣާނިސްތާނުގެ ރައްޔިތުންނަށް ބޭރަށް ދަތުރުކުރުމަށް އެޅިފައިވާ ހުރަސްތައް ނައްތައިލުމާ ބެހޭގޮތުން ވެސް ސައްލާކުރެވުނެވެ.

ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އިސްވީ 15 އޮގަސްޓް 2021 ގައެވެ. މިކަމާ ވިދިގެން އަފްޣާނިސްތާނުގައި އޮތް އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުވަނީ ވެއްޓިފައެވެ. އަދި އެ ސަރުކާރުގެ މަސްއޫލުވެރީންގެ ގިނަ ބަޔަކު ފިއްލަވައިގެންބޭރަށް ވަޑައިގެންނެވިއެވެ. 

އެމެރިކާ ސިފައިންނާއި ނޭޓޯގެ ބާރުތައް އަފްޣާނިސްތާނުން ފޭބީ 7 އޮކްޓޯބަރު 2021 ގައެވެ. އެކަމާވިދިގެން އެމެރިކާއިން ވަނީ ޠާލިބާނުންނާއި އެމީހުންގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *