Support Us

ޔުކްރޭނާއެކު ޞުލްޙައިގެ ވާހަކަދެއްކުންތައް ފެށުމަށް އެއްވެސް އަސާސެއް ނެތް: ރަޝިޔާ

ޔުކްރޭނާއެކު ޞުލްޙައިގެ ވާހަކަދެއްކުންތައް ފެށުމަށް މި ވަގުތު އަދި އެއްވެސް އަސާސެއް ނެތްކަމަށް ރަޝިޔާ ސަރުކާރުން  ކަށަވަރުކޮށްދީފިއެވެ.

ރޫސީ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރްޖަމާނު ބިސްކޯވް ވިދާޅުވިއެވެ. "ޔުކްރޭނާއެކު ޞުލްޙަ ޤާއިމުކުރުމަށް ޓަކައި ވާހަކަދެއްކުންތައް ފެށުމަށް އަދި އެއްވެސް އަސާސެއް ނެތެވެ. ޔުކްރޭންގެ ހަނގުރާމައާ ބެހޭގޮތުން ސުޢޫދީ ޢަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހެމުންދާ ވާހަކަދެއްކުންތަކުގެ މަޤްޞަދެއް ނޭނގެއެވެ. ޔުކްރޭނުން ރާވައިފައިވާ ގޮތަށް އެމީހުންގެ އިދިކޮޅު ޙަމަލާ ކުރިއަކަށް ނުދެއެވެ. އެއީ ނޭޓޯގެ ރިސޯސްތައް ބޭކާރު ކުރުމެކެވެ. އެމީހުންގެ ނިރުބަވެރި ޙަމަލާތަކާ ދެކޮޅަށް ދިފާޢީ އިޖްރާއާތުގެ ހުރިހާ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ."

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ނައިޖަރުގައި ހިނގަމުންދާ ކަންތައްތަކާމެދު މޮސްކޯ ކަންބޮޑުވެއެވެ.

ވީހާ އަވަހަކަށް ޤާނޫނީ އޮނިގަނޑުގެ ތެރެއަށް އަނބުރާ ދިޔުމަށް ބިސްކޯވް ގޮވައިލެއްވިއެވެ. އޭނާ ހުރިހާ ފަރާތްތަކަކަށް ނަފްސު ކޮންޓްރޯލް ކުރުމަށް ގޮވައިލެއްވިއެވެ. އެހެންނޫނީ އިންސާނީ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެކަމަށް ބިސްކޯވް ވިދާޅުވިއެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި ސުޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި މި އަންނަމަހު ޔުކްރޭން މަސްއަލައާ ބެހޭގޮތުން ބައިނަލްއަޤްވަމީ ބައްދަލުވުމެއް ބޭއްވޭނެއެވެ. މި ބައްދަލުވުމުގައި ކިޔީވާއެކު ތިރީހަކަށް ޤައުމުގެ މަންދޫބުންނާއި ޑިޕްލޮމެޓުން ބައިވެރިވާނެއެވެ. ދަޢުވަތު ދެވިފައިވާ ފަރާތްތަކުގެތެރޭގައި ރަޝިޔާއެއް ނުހިމެނެއެވެ.

ރޫސީ ޚާރިޖިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ޔުކްރޭންގެ ހަނގުރާމަ ހުއްޓުމާ ބެހޭ 30 އިސްނެގުމެއް މޮސްކޯއަށް ލިބިފައި ވެއެވެ. ބައެއް އިސްނެގުންތައް އައިސްފައި ވަނީ ނުރަސްމީ މަގުތަކުންނެވެ. ރޫސީ ރައީސް ޕޫޓިން އިސްކަންދެއްވައިފައިވަނީ ދެ އިސްނެގުމަކަށެވެ. އެއީ ޗައިނާގެ އިސްނެގުމާއި އެފްރިކާގެ އިސްނެގުމެވެ. ބިސްކޯވް ވިދާޅުވިގޮތުގައި ޞުލްޙައަށް ޓަކައި ވާހަކަ ދައްކާނެ އަސާސެއް އޮންނަން ޖެހޭނެއެވެ.

އެފްރިކާގެ އިސްނެގުން ހުށައަޅައިފައި ވަނީ ޖޫން މަހުގެ މެދުތެރޭގައެވެ. މި އިސްނެގުމުގައި އިސްކަންދީފައި ވަނީ ނުތަނަވަސްކަން ކުޑަކުރުމަށާއި އދގެ ޗާޓަރުގެ ދަށުން ޤައުމީ ސިޔާދަތު ޖާމިނުކޮށްދިނުމަށާއި ޑިޕްލޮމެޓިކް މަގުތަކުން ލައިފައި ޞުލްޙަ ޤާއިމުކުރުމަށެވެ.

މި އިސްނެގުމުގެ ކުރިން ޗައިނާއިން ޞުލްޙަޔާބެހޭ އިސްނެގުމެއް ވަނީ ހުށައަޅައިފައެވެ. މި އިސްނެގުމުގައި ޤައުމުތަކުގެ ސިޔާދަތަށް އިޙްތިރާމުކުރުމަށާއި ޢުދްވާނީ ޙަމަލާތައް ހުއްޓައިލުމަށާއި އިންސާނީ މަސްއަލަތައް ޙައްލުކުރުމަށާއި ޤައުމުތަކުގެ ބިންތަކުގެ އެއްބައިވަންތަކަން ޤާއިމުކުރުމަށް ގޮވައިލައިފާ ވެއެވެ. ޗައިނާގެ ހުށައެޅުމަށް ޔުކްރޭނުން ވަނީ ދެކޮޅު ހަދައިފައެވެ.

މި ހަނގުރާމައިގައި ރަޝިޔާއިން ޔުކްރޭނުގެ ހަތަރު ސަރަޙައްދެއް ވަނީ ރޫސީ އިއްތިޙާދަށް ވައްދައިފައެވެ.

ޔުކްރޭނުން ބުނާގޮތުގައި މި ހުރިހާ ބިންތަކަކާއި 2014ގައި ރަޝިޔާއިން ހިފައިފައިވާ ކްރިމިޔާ ސަރަޙައްދު ޔުކްރޭނަށް ލިބެންޖެހޭނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *